ޓިއަނަމަން މައިދާނުގެ ހާދިސާގައި ޗައިނާއިން އެޅި ފިޔަވަޅުތަކަށް ޝީގެ ތައުރީފް

ޗައިނާއިން 1989 ވަނަ އަހަރު ޓިއަނަންމަން މައިދާނުގައި ހިންގި ޒުވާނުންގެ ހަރަކާތްތައް ހުއްޓުވުމަށް ޗައިނާ ސަރުކާރުން އެޅި ފިޔަވަޅުތަކަށް ރައީސް ޝި ޖިންޕިންގ ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ. ރައީސް ޝީ މި ވާހަކަތައް ދެއްކެވީ، ޗައިނާގެ ކުރީގެ ލީޑަރު ޑެންގް ޝިއާއޯޕިންގްގެ އުފަންދުވަހުގެ ހަނދާންތައް އާކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއް ގައެވެ.

ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޝީ ވިދާޅުވީ، ޑެންގް ޝިއާއޯޕިންގްއަކީ ޗައިނާގެ އިޖުތިމާއީ ޒަމާނީ ބިނާރުގެ މައި މޭސްތިރި ކަމަށެވެ. އަދި 1970 ގެ އަހަރުތަކުގެ ފަހުކޮޅު ޑެންގް ފެއްޓެވި ހުޅުވާލާފައިވާ ސިޔާސަތުގެ ސިޔާސަތުގެ ސަބަބުން ޗައިނާ ފަގީރު ގައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިސް، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި ފާާޅުވުމަށް މަގުފަހިވެގެންދިޔަ ކަމަށް ޝީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 1989 ވަނަ އަހަރު ބީޖިންގްގެ ޓިއަނަންމަން މައިދާނުގައި ދަރިވަރުން އިސްނަގައިގެން ހިންގި ޑިމޮކްރަސީއަށް ގޮވާލާ މުޒާހަރާތައް އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހުއްޓުވުމަށް ޑެންގް ނިންމެވި ނިންމެވުމަކީ، ކޮމިއުނިސްޓް ޕާޓީގެ ވެރިކަމާއި ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޝީ ވަނީ ސިފަކުރައްވާފައެވެ.

ސިޔާސީ ހަމަނުޖެހުމާއި ހަލަބޮލިކަމުގެ ތެރެއިން ގައުމު ސަލާމަތްކޮށް، ކޮމިއުނިސްޓް ޕާޓީގެ ރޫހު ދެމެހެއްޓުމުގައި ޑެންގް ދެއްކެވި ސާބިތުކަމަށް ޝީ ވަނީ ތައުރީފު ކުރައްވާފައެވެ.

"ޑެންގް ޝިއާއޯޕިންގް ވަނީ ތާރީހީ ބޮޑު ހުރަސްތަކުން ގައުމު ސަލާމަތްކުރައްވައި، ސޯޝަލިޒަމްގެ މަގުގައި ޗައިނާ ކުރިއަށްދާނެ ސާފު މިސްރާބެއް ދައްކަވައި ދެއްވާފައި،" ކޮމިއުނިސްޓް ޕާޓީގެ އިސް މެމްބަރުންނާއި ސަރުކާރުގެ މަސްއޫލުވެރިން ބައިވެރިވެވަޑައިގެންނެވި މި ހަފްލާގައި ޝީ ވިދާޅުވިއެވެ.

ޝީ ޖިންޕިންގްގެ މި ޚިތާބަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސިޔާސީ ބާރުވެރިކަން އިތުރަށް ވަރުގަދަކޮށް، ޕާޓީގެ ތާރީޚީ ނިންމެވުންތަކަށް އޮތް ތާއީދު އާކުރުމުގެ ގޮތުން ދެއްވި މުހިންމު މެސެޖެކެވެ.

ހާއްސަކޮށް، ހުޅަނގުގެ ގައުމުތަކުން ޓިއަނަންމަން މައިދާނުގެ ހާދިސާ ކުށްވެރިކުރަމުން ދާއިރު، ޗައިނާގެ އެތެރޭގެ ހަމަޖެހުމާއި ގައުމީ ސަލާމަތަށްޓަކައި އެޅި ފިޔަވަޅުތަކަކީ ރަނގަޅު ނިންމެވުންތަކެއްގެ ގޮތުގައި ދެއްކެވުމަށް ޝީ ވަނީ މަސައްކަތް ކުރައްވާފައެވެ.

ޑެންގް ޝިއާއޯޕިންގް ގެންގުޅުއްވި އިގްތިސާދީ ހުޅުވާލުމުގެ ސިޔާސަތުތަކާއެކުވެސް، ސިޔާސީ ބާރުތައް ޕާޓީގެ ދަށުގައި ބެހެއްޓެވި ފަދައިން، ރައީސް ޝީގެ ވެރިކަމުގައިވެސް ގައުމީ ސަލާމަތާއި ޕާޓީގެ ކޮންޓްރޯލް ވަނީ ވަރަށް ބޮޑަށް ވަރުގަދަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!