ދިވެހިރާއްޖޭގައި ފަގީރުކަމުގެ ހާލަތުގައި ދިރިއުޅެމުންދާ އެކަނިވެރި މައިންބަފައިންނަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާ މެދުވެރިކޮށް ފާއިތުވި މަހު 17 މިލިއަނަށްވުރެ ގިނަ ރުފިޔާ މާލީ އެހީތެރިކަމުގެ ގޮތުގައި ދޫކޮށްފައިވާކަމަށް އެ އިދާރާގެ ހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާގެ މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 5,687 ކުދިން ބަލަހައްޓަމުންދާ 3,313 މައިންނާއި ބަފައިންނަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެހީއަށް ބޭނުންވެގެން އާ 112 މައިންބަފައިންނާއި 207 ކުދިން ވަނީ އަލަށް ރަޖިސްޓްރީ ކޮށްފައެވެ. މިއާއެކު އެ މަހު އެކަނިވެސް އެހީގެ ގޮތުގައި ޖުމްލަ 17,061,000 ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
2025 ވަނަ އަހަރު އިސްލާޙުކުރެވުނު އުސޫލުތަކުގެ ދަށުން، އެހީ ލިބެންޖެހޭ ފަރާތްތަކަށް ކޮންމެ ކުއްޖަކަށް މަހަކު 3,000 ރުފިޔާގެ މަގުން ގިނަވެގެން 4 ކުދިންނާ ހަމައަށް އެހީ ލިބެއެވެ. މީގެ ސަބަބުން ކޮންމެ ގެއަކަށް މަހެއްގެ މައްޗަށް އެންމެ ގިނަވެގެން 12,000 ރުފިޔާގެ މާލީ އެހީ ލިބޭނެއެވެ. އަދި 4 ކުދިން ތބޭ އާއިލާއަކަށް އަހަރަކު 144,000 ރުފިޔާގެ ދައުލަތުގެ އެހީ ހޯދުމުގެ ފުރުސަތު މި އުސޫލުގެ ދަށުން ފަހިވެގެންދެއެވެ.
މީގެ އިތުރުން، މުޖުތަމައުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ އާއިލާތަކާއި ބެލެނިވެރިންގެ ފަރާތްތަކުން މަހުރޫމުވެފައިވާ ކުދިންނަށް އަމާޒުކޮށްގެން އިތުރު ޚަރަދުތަކެއް ކޮށްފައިވާކަން ވެސް ތަފާސްހިސާބުތަކުން ހާމަވެއެވެ.
އެ ގޮތުން، އަސާސީ ކާބޯތަކެތީގެ ޚަރަދުތަކަށް ފަގީރު ހާލަތުގައި އުޅޭ 659 މީހަކަށް 26,360 ރުފިޔާ ވަނީ ބަހާފައެވެ. އަދި ބެލެނިވެރިންގެ އެހީތެރިކަން ނެތި ދިރިއުޅެމުންދާ 132 ކުދިން ބަލަހައްޓަމުންދާ 98 ބެލެނިވެރިންނަށް 181,000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.






