ކ. ހިއްމަފުށީގައި އާ ޖަލެއް ބިނާކުރުމުގެ މަޝްރޫޢަށް ބަޖެޓް ހަމަޖެހިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 55 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުޅުމާލެ ޖަލުގައި ބޭއްވެވި ޚާއްޞަ ޖަލސާގައި ވާހަކަދައްކަވަމުންނެވެ.
ހުޅުމާލެ ޖަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިޙުސާން ވަނީ ޖަލު މުވައްޒަފުންގެ މަސައްކަތުގެ މާޙައުލު ތަރައްޤީކޮށް ކުރިއެރުވުމަށް ރާވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޞިއްޙީ އިންޝުއަރެންސް ނިޒާމެއް ހަމަޖެއްސުމާއި، ކެރިއަރ ޕްރޮގްރެޝަންގެ ހަރުދަނާ މަގުތަކެއް ތަޢާރަފުކުރުމުގެ އިތުރުން ސަރުކާރުގެ ހައުސިންގ މަޝްރޫޢުތަކުން އޮފިސަރުންނަށް ހައުސިންގ ޔަގީންކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ.
މި އަހަރުގެ ކަރެކްޝަނަލް ސަރވިސްގެ އަހަރީ ދުވަސް ދިމާވެފައިވަނީ ޤައުމީ ދުވަހާ ކަމަށްވާތީ، ޕްރިޒަން ކޮމިޝަނަރ ޙަސަން ޒަރީރު ދެއްކެވި ވާހަކަފުޅުގައި، މަދު ވަސީލަތްތަކަކާ އެކު ދިވެހިރާއްޖެ ދިފާޢުކުރެއްވި ތާރީޚީ ބަތަލުންނާއި، ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ އޮފިސަރުންނަށް މަރުހަބާ ވިދާޅުވެ ވާހަކަދެއްކެވިއެވެ.
ކަރެކްޝަން މުވައްޒަފުން މަސައްކަތްކޮށްފައިވަނީ ޖަލުތަކުގެ ތެރޭގައި ޖާގަ ނެތުމުގެ މައްސަލަ ޙައްލުކޮށް، ޖާގަ އިތުރުކުރުމަށް ކަމަށް ކޮމިޝަނަރ ޒަރީރު ވިދާޅުވިއެވެ. އަދި އާ މެޝިނަރީތަކާއި ބޮޑީ ސްކޭނަރާއި، ބެގޭޖް އިންސްޕެކްޝަން މެޝިން ހަރުކޮށް ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، 2015 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އޮފިސަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙް އާއި، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސް ޝުޢައިބު ޢަބްދުއްރަޙްމާން އަދި އިންސްޕެކްޓަރ އޮފް ކަރެކްޝަންސް ޢާއިޝަތު ޝިއުނާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލސާ ނިމިގެންދިޔައީ ގްރޫޕް ފޮޓޯއަކާއި އެކު ކޭކު ފެޅުމުގެ ރަސްމިއްޔާތަކުންނެވެ.

