ޓެކްސަސްގެ ގަވަރނަރުގެ މުސްލިމުންނާ ދެކޮޅުވެރި ވިސްނުން ކުށްވެރިކޮށްފި

އެމެރިކާގެ ޓެކްސަސް ސްޓޭޓުގެ އެއާޕޯޓުތަކުގައި މުސްލިމުން ވުޟޫކުރުމަށް ޚާއްޞަ ތަންތަން ހެދުމާ ދެކޮޅަށް އެ ސްޓޭޓުގެ ގަވަރނަރު ގްރެގް އެބޮޓް ކުރެއްވި މަސައްކަތަކީ "އިސްލާމްދީނާ ދެކޮޅަށް ހިންގެވި ސިޔާސީ ސްޓަންޓެއް" ކަމަށް ބުނެ، އެމެރިކާގެ އެންމެ ބޮޑު މުސްލިމް މަދަނީ ހައްގުތަކުގެ ޖަމްޢިއްޔާ، ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއަރ) އިން އެކަން ކުށްވެރިކޮށްފިއެވެ.

ގަވަރނަރު އެބޮޓް ވަނީ ޑެލަސް-ފޯޓް ވާތު އިންޓަރނޭޝަނަލް އެއާޕޯޓު (ޑީއެފްޑަބްލިއު) އާއި ހިއުސްޓަންގެ ޖޯޖް ބުޝް އިންޓަރކޮންޓިނެންޓަލް އެއާޕޯޓުގައި ނަމާދު ކުރަން ޚާއްސަ ތަންތަނާއި ވުޟޫކުރާ ތަންތަން ހެދުމަކީ ވަކި ދީނަކަށް ޚާއްޞަ އިމްތިޔާޒެއް ދިނުން ކަމަށް ބުނެ، އެ އެއާޕޯޓުތަކަށް ސްޓޭޓު ސަރުކާރުން ދޭ ފަންޑިންގ ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މި އިންޒާރާ ގުޅިގެން ޑެލަސް އެއާޕޯޓުން ވަނީ ވުޟޫކުރާ ތަންތަން ހެދުމަށް ރޭވި ޕްލޭންތައް އުވާލާފައެވެ.

ކެއަރ އިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ވުޟޫކުރާ ތަންތަނަކީ ހަމައެކަނި މުސްލިމުންނަށް އެކަނި ބޭނުންކުރެވޭ ގޮތަށް ހުންނަ ތަންތަނެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ އެކި އެއާޕޯޓުތަކުގައި ހުންނަ އެކި ދީންތަކުގެ މީހުން އަޅުކަންކުރާ ކޮޓަރިތަކެކޭ އެއްފަދައިން ކޮންމެ ދަތުރުވެރިއަކަށްވެސް ބޭނުންކުރެވޭނެ އާންމު ޚިދުމަތެކެވެ.

ގަވަރނަރު އެބޮޓް ގެންދަވަނީ ޓެކްސަސްގައި ހުރި ޙަޤީޤީ މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ ބަދަލުގައި، އިސްލާމްދީނާއި މުސްލިމުންނާމެދު ނަފްރަތު އުފެއްދުމަށް ސިޔާސީ މަންފާއެއް ހޯއްދަވަމުން ކަމަށްވެސް ކެއަރ އިން ތުހުމަތުކުރިއެވެ.

ހިއްސާ ކުރައްވާ!