ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް 25 އަހަރު ފުރެން ކައިރިވެފައިވާއިރު، އެމެރިކާގައި މުސްލިމުންނާމެދު ދެކޭގޮތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ހާމަވެއްޖެއެވެ.
ދި އެޓްލާންޓިކް މަޖައްލާގައި އެމެރިކާގެ ނޫސްވެރިޔާ އަސްމާ ޚާލިދު ލިޔުއްވާފައިވާ ލިޔުމެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، 9/11 ގެ ހަމަލާތަކަށްފަހު މުސްލިމުންނާ މެދު އުފައްދާފައިވާ ބިރުވެރިކަމާއި ޝައްކުތައް މިހާރު ވަނީ ސިޔާސީ ނުފޫޒުގަދަ ފަރާތްތަކުން ފުޅާދާއިރާއެއްގައި ފަތުރާ އަދި ބަލައިގަންނަ އިސްލާމޯފޯބިއާ ނުވަތަ އިސްލާމްދީނަށް ނަފްރަތުކުރުމުގެ އަމަލުތަކަކަށް ބަދަލުވެފައެވެ.
9/11 ގެ ހަމަލާތަކަށްފަހު މިސްކިތްތަކަށް ހަމަލާދިނުމާއި އަންހެނުންގެ ހިޖާބު އެޅުމަށް ފުރައްސާރަކުރުން އިތުރުވިނަމަވެސް، އެ ދުވަސްވަރު އޭނާގެ އުފަން އިންޑިއާނާގައި މުސްލިމުން އުޅެމުންދިޔައީ އާންމު މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައެވެ. ނަމަވެސް، 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސް، މުސްލިމުންނާ ހަތުރުވެރި ޑޮނަލްޑް ޓްރަމްޕް ފަދަ ސިޔާސީ ބޭފުޅުން ވަނީ މުސްލިމުންނާ ދެކޮޅު ހައްދުފަހަނައެޅި ޚިޔާލުތައް އާންމު ސިޔާސީ ވާހަކަތަކުގެ ތެރެއަށް ނެރުއްވާފައެވެ. މީގެ ސަބަބުން އިސްލާމްދީނަކީ އެމެރިކާގެ ސަގާފަތާ ފުށުއަރާ ދީނެއްގެ ގޮތުގައި ސިފަކުރުން އިތުރުވިއެވެ.
ސިޔާސީވެރިންގެ ނަފްރަތުގެ ނުފޫޒު
މިހާރުގެ ހާލަތު އޮތީ ހަމައެކަނި ބިރުވެރިކަމެއްގެ ތެރޭގައެއް ނޫނެވެ. އިންޑިއާނާގެ ނައިބު ގަވަރުނަރު މީކާ ބެކްވިތު ފަދަ އޮފިޝަލުން ވަނީ އިސްލާމްދީނަށް ފާޅުކަން ބޮޑުކޮށް ނަފްރަތު ކުރައްވާކަން ހާމަކުރައްވައި، އެއީ ނާޒީ ފިކުރަށް ވުރެން ނުރައްކާތެރި ވިސްނުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ސްޓޭޓް ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މިފަދަ ވާހަކަތަކުގެ ސަބަބުން މިސްކިތްތަކުގެ ސެކިއުރިޓީ ވަރުގަދަކުރަންޖެހި، މުސްލިމް އާބާދީއަށް ބޮޑެތި ސެކިއުރިޓީ ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވެއެވެ. މިއީ މުޖުތަމައުގައި އޮތް ނަފްރަތު ސިޔާސީވެރިން އިތުރަށް ބޮޑުކޮށް، އާންމުކުރަން ކުރި މަސައްކަތުގެ ނަތީޖާއެވެ.
އެމެރިކާގެ ތާރީޚުގައި މުސްލިމުންގެ ހިއްސާ
އިސްލާމްދީނަކީ އެމެރިކާއަށް އައު ދީނެއް ނޫނެވެ. އެމެރިކާ އުފެދުމުގެ މާކުރިން، އަޅުންގެ ގޮތުގައި ގެންދެވުނު އެފްރިކާގެ އާބާދީގެ 10 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މީހުންނަކީ މުސްލިމުންނެވެ.
އެމެރިކާގެ ބާނީންގެ ތެރޭގައި ހިމެނޭ ތޯމަސް ޖެފަރސަން ފަދަ ބޭފުޅުންވެސް ވަނީ ދީނީ މިނިވަންކަމުގެ ތެރޭގައި މުސްލިމުން ހިމެނޭކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، މިއަދު އެމެރިކާ ވަނީ 9/11 ގެ ފަހަތުން އުފެދުނު ބިރުވެރިކަމަށްވުރެ ނުރައްކާތެރި، ނަފްރަތުން ފުރިގެންވާ ސިޔާސީ ސަގާފަތެއްގެ ތެރެއަށް ލާމެހިފައި ކަމަށް އަސްމާ ޚާލިދު ވިދާޅުވެއެވެ.




