އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، އޭނާ މަޤާމުން ދުރުކުރުމަށް ގޮވާލި އެމެރިކާ ސިފައިންގެ މޭޖަރ ޖޭސަން ވަޓްސަން އަލުން ހައްޔަރުކޮށްފިއެވެ.
ހޯމަ ދުވަހު "ސީއެންއެން" އަށް ދިން ބަސްދީގަތުމެއްގައި، ރައީސް ޓްރަމްޕް އަދި ނައިބު ރައީސް ޖޭ.ޑީ ވެންސް މަޤާމުން ދުރުކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ބުނުމާ ގުޅިގެން، އަންގާރަ ދުވަހު އޭނާ ބަންދުކޮށްފައިވާ ކަމަށް އެމެރިކާގެ ވައިގެ ސިފައިންގެ ތަރުޖަމާނަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ވަޓްސަން މިހާރު ބަންދުކޮށްފައި ހުރީ މެރިލޭންޑް ސްޓޭޓްގެ އަސްކަރީ މަރުކަޒެއްގައެވެ.
މޭޖަރ ވަޓްސަން މިދިޔަ ޖުލައި މަހު ވެސް އެއް ފަހަރު ހައްޔަރުކޮށްފައިވެއެވެ. އެ ފަހަރު އޭނާ ހައްޔަރުކުރީ އަސްކަރީ ޔުނިފޯމުގައި ހުރެ، އެމެރިކާ މީހުންގެ ގާނޫނު ހަދާ މަޖިލިސް ހިންގާ އިމާރާތުގެ ކުރިމަތީގައި ބޭއްވި އިހުތިޖާޖެއްގައި ބައިވެރިވެ، ޓްރަމްޕް މަޤާމުން ދުރުކުރުމަށް ގޮވާލުމާ ގުޅިގެންނެވެ. އެމެރިކާގެ އަސްކަރީ ޤަވާއިދުތައް އޮންނަ ގޮތުން، ސިޔާސީ ހަރަކާތްތަކުގައި އަސްކަރީ ޔުނިފޯމު ބޭނުންކުރުމަކީ މަނާކަމެކެވެ.
މި މައްސަލައާ ގުޅިގެން ވަޓްސަންގެ ވަކީލު ކްރިސް މޮޓިމާ ވިދާޅުވި ގޮތުގައި، އެމެރިކާގެ އަސްކަރީ ޤާނޫނުގެ ދަށުން، ގައުމުގެ އިސްވެރިންނަށް ފާޑުކިޔައި ނުވަތަ އިހުތިރާމް ކުޑަކުރާ ފަދަ ވާހަކަ ދެއްކުމާއި އަސްކަރީ އަމުރުތަކަށް ބޯނުލެނބުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާ އުފުލުމުގެ ފުރުސަތު ބޮޑެވެ.
އެމެރިކާގެ އަސްކަރީ ޤާނޫނީ އޮނިގަނޑު އޮންނަ ގޮތުން، ރައީސަށާއި ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް އާންމުކޮށް ފާޑުކިޔައި މަލާމާތް ކުރުމަކީ ޖިނާއީ ކުށެކެވެ. މޭޖަރ ވަޓްސަންގެ މި އަމަލުތަކަކީ އަސްކަރީ ޝަރަފާއި އުސޫލުތަކާ ޚިލާފު ކަމެއްގެ ގޮތުގައި އެމެރިކާގެ އަސްކަރީ އިދާރާތަކުން ދެކެއެވެ.




