އެމެރިކާގެ ފެން ސާފުކުރާ ނިޒާމުގައި ބޭނުން ކުރާ ސީމެންސް ކުންފުނީގެ ވަސީލަތްތަކަށް ނުރައްކާ ބޮޑުވެ އިންޒާރު ނެރެފިއެވެ.
އެމެރިކާގެ ފެން ސާފުކުރާ މަރުކަޒުތަކާއި ހަކަތައާއި ކާބޯތަކެތި އުފައްދާ އެކި ދާއިރާތަކުގެ ހައްސާސީ ވަސީލަތްތައް ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބޭނުންކުރާ ސީމެންސް ކުންފުނީގެ ޑިވައިސްތަކަށް ނުދަންނަ ހެކަރުންގެ ބަޔަކު ވަދެގަންނަން މަސައްކަތް ކުރަމުންދާތީ، އެމެރިކާގެ ސަރުކާރުގެ މުހިންމު އިދާރާތަކުން ނުރައްކަލުގެ އިންޒާރު ނެރެފިއެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީ (އެންއެސްއޭ)، އެފްބީއައި، ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި ސައިބާސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އޭޖެންސީ (ސީއައިއެސްއޭ) ގުޅިގެން ނެރުނު ސައިބާސެކިއުރިޓީ އެޑްވައިޒަރީގައި ބުނެފައިވަނީ، ސީމެންސް 'އެސް7 ސީރީޒްގެ ޕްރޯގްރާމަބަލް ލޮޖިކް ކޮންޓްރޯލަރުތަކަށް (ޕީއެލްސީ) ސީދާ ނުރައްކަލެއް އެބައޮތް ކަމަށެވެ.
މި އިންޒާރު ނެރެފައިވަނީ އެމެރިކާގެ އެކި ސްޓޭޓްތަކުގެ ފެނުގެ ނިޒާމުތަކަށް އަމާޒުކޮށް ފަހަކަށް އައިސް ގިނަ އަދަދެއްގެ ސައިބާ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. ސައިބާސެކިއުރިޓީ މާހިރުން ގަބޫލުކުރާ ގޮތުގައި މި ހަމަލާތަކުގެ ފަހަތުގައިވަނީ އީރާނާ ގުޅުންހުރި ހެކަރުންގެ ގްރޫޕްތަކެވެ.
ކުރިމަތިވެފައިވާ މި ނުރައްކަލުގެ ސަބަބުން، ގައުމީ މުހިންމު އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކަށް ބުރޫއެރުމާއި، ރައްކާތެރިކަމާ ގުޅޭ ހާދިސާތައް ހިނގުމާއި، ހިދުމަތްތައް މެދުކެނޑުމާއި، ވަސީލަތްތަކަށް ގެއްލުންވުމުގެ އިތުރުން ހައްސާސީ މައުލޫމާތުތައް ލީކުވުމުގެ ފުރުސަތު ބޮޑުކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އަދި ހެކަރުން މި ސިސްޓަމްތަކަށް ވަދެގަތުމަށް ބޭނުންވާ ފަންނީ ހުނަރާއި ހޭދަވާ ވަގުތު ކުޑަކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަމުންދާކަންވެސް އިންޒާރުގައި ފާހަގަކޮށްފައިވެއެވެ.




