ރަޝިއާ އާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން ބަދަހިކުރަން 'މޭޑް އިން ރަޝިއާ' ޕެވީލިއަން ހުޅުވައިފި

އިންޑިއާ އާއި ރަޝިއާގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އިންޑިއާގެ މާކެޓަށް ރަޝިއާގެ އުފެއްދުންތައް ތަޢާރަފުކުރުމަށްޓަކައި، ނަވީ މުމްބާއީގައި ޚާއްޞަ ޕެވީލިއަނެއް ހުޅުވައިފިއެވެ. އޯގަސްޓް 21، 2026 ވަނަ ދުވަހު ހުޅުވ މި ޕެވީލިއަނަކީ 'މޭޑް އިން ރަޝިއާ' ބްރޭންޑުގެ ދަށުން ރަޝިއާގެ އުފެއްދުންތައް އިންޑިއާގެ ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ލިބޭނެ ގޮތް މަގުފަހިކޮށްދޭ ދާއިމީ މަރުކަޒެކެވެ.

މި ޕެވީލިއަނުގެ ސަބަބުން އިންޑިއާގެ ރީޓެއިލަރުންނަށާއި، ޑިސްޓްރިބިއުޓަރުންނަށް ރަޝިއާގެ ކުންފުނިތަކާ ސީދާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ކުރިން ރަޝިއާގެ އުފެއްދުންތައް ހޯދުމަށް މޮސްކޯއަށް ދަތުރުކުރަންޖެހުނު ނަމަވެސް، މިހާރު ނާވީ މުމްބާއީގެ ބެލަޕޫރު ސެންޓްރަލް ބިޒްނަސް ޑިސްޓްރިކްޓްގައި ހުރި މި ޕެވީލިއަން މެދުވެރިކޮށް، އުފެއްދުންތައް ބަލައި، ޓެސްޓުކޮށް އަދި ވިޔަފާރީގެ އެއްބަސްވުންތަކަށް އައުމުގެ ފުރުސަތު އިންޑިއާގެ ވިޔަފާރިވެރިންނަށް ފަހިވާނެއެވެ.

ރަޝިއަން އެކްސްޕޯޓް ސެންޓަރުގެ ފަރާތުން ވާހަކަދައްކަވަމުން، އެ މަރުކަޒުގެ މެނޭޖިން ޑިރެކްޓަރު ކޮންސްޓަންޓިން އެވްސްތިއުޚިން ވިދާޅުވީ، މިއީ ރަޝިއާގެ ވިޔަފާރިތައް އައު މާކެޓުތަކަށް ނެރުމަށް ބޭނުންކުރާ ނަމޫނާ މޮޑެލްއެއްގެ ފެށުން ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ އިންޑިއާއިން ގަންނަ ފަރާތްތަކަށް ރަޝިއާގެ ފެންވަރު ރަނގަޅު އުފެއްދުންތައް ވީހާވެސް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.

މި ޕެވީލިއަނުގައި ކާބޯތަކެއްޗާއި، ފޮނިކާތަކެތި، ބުއިންތަކާއި، ގުދުރަތީ ރީތިވާ ސާމާނުގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ބައެއް ސިނާޢީ އުފެއްދުންތައް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ރަޝިއާގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ މަކްފާ އާއި، ޔުނައިޓެޑް ކޮންފެކްޝަނާސް އަދި މިރާތޯގް ފަދަ ބޮޑެތި ކުންފުނިތައް ހިމެނެއެވެ.

ރަޝިއާ އާއި އިންޑިއާގެ ލީޑަރުން ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގެ އަގު 100 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް މި ޢަދަދު 70 ބިލިއަން ޑޮލަރަށް އަރާފައިވުމުން، މި އަމާޒަކީ ހާސިލުކުރެވޭނެ އަމާޒެއްކަން ހާމަވެގެންދެއެވެ.

މި ޕެވީލިއަން ހިންގުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ރާއީ ފެމިލީ ކޯޕް އެލްއެލްޕީ އާއިއެވެ. އެ ކުންފުނިން ލޮޖިސްޓިކްސް އާއި ވިޔަފާރީގެ ޤަވާއިދުތަކާ އެއްގޮތަށް އުފެއްދުންތައް ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

ހިއްސާ ކުރައްވާ!