ގްރޭޓަރ މާލެ ސަރަޙައްދު އެކީ ގުޅުވައިލުމަށް ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމަށްވާ ތިލަމާލެ ބުރިޖުގެ މާލެއާއި ވިލިމާލެ ގުޅުވައިދޭ ފުރަތަމަ ސެގްމެންޓުގެ ފަހު ބައި ބަހައްޓައި، މުޅި ސެގްމެންޓު އެކީ ގުޅުވާލައިފިއެވެ.
މަޝްރޫޢުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ދެ ރަށް ގުޅުވައިލުމަށްޓަކައި ބަހައްޓަންޖެހޭ އެންމެ ފަހުގެ ސެގްމެންޓު ސެގްމެންޓް މިހާރު ވަނީ ކާމިޔާބުކަމާއެކު އިންސްޓޯލްކޮށްފައެވެ. އަދި މި ސެގްމެންޓުގައި ތާރުއެޅުމުގެ މަސައްކަތްސެޕްޓެމްބަރު މަހުގެ ތެރޭގައި އެކީ ނިންމައިލުމަށް ވަނީ ތާވަލުކޮށްފައެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއި 500 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި އެއްގަމު މަގުން ގުޅުވައިލުމަށް ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ.
މާލެ-ވިލިމާލެ ބުރިޖުގެ އޮނިގަނޑުތައް އެކީ ގުޅުވާލެވުމާއެކު، ދެން އެންމެ އަވަހަށް ފެށޭނީ ސަރފޭސް ތައްޔާރުކޮށް ތާރުއެޅުމުގެ އަމަލީ މަސައްކަތެވެ. މީގެ އިތުރުން، ބުރިޖާ ގުޅޭ ހަލިމަގުތަކާއި ޕާކިންގ ޖާގަތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެއްހަމައެއްގައި ކުރިއަށްދާކަމަށާއި، އެ މަސައްކަތްތައްވެސް ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި ނިންމައިލެވޭނެކަމުގެ ޔަޤީންކަން އެ ކުންފުނިން ދެއެވެ.
ސަރުކާރު ބަދަލުވިިއިރު، މުޅި މަޝްރޫޢުގެ ނިމިފައިވަނީ އެންމެ 38 އިންސައްތަ މަސައްކަތެވެ. މި ސަރުކާރުގައި މިއަދާ ހަމައަށް ނިމުނީ 37 އިންސައްތައިގެ މަސައްކަތެވެ،. ފާއިތުވި ދެ އަހަރުގެ ތެރޭގައި މަޝްރޫޢުގެ ދުވެލި ހަލުއިވެ، މުޅި ތިލަމާލެ ބުރިޖު މަޝްރޫޢުގެ 75 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.
ސަރކާރު ބަދަލު ވިއިރު ބުރިޖުގެ އަޑިއަށް އަޅަންޖެހޭ ގިނަ ތަނބުތަކުގެ މަސައްކަތްވެސް އޮތީ ނުފެށިއެވެ. ފަހުން އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރު އެފްކޯންސްއާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރެވި، މަސައްކަތުގެ ތާވަލަށް ބަދަލުތަކެއް ގެނެވުނެވެ. އަދި ސަރުކާރުގެ ފަރާތުން ލޮޖިސްޓިކްސްއާއި އިދާރީ ގޮތުން ދޭންޖެހޭ އެންމެހައި ލުއިފަސޭހަތައް ފޯރުކޮށްދިނެވެ.
ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅުވައިދޭ ބުރިޖުގެ އެންމެހައި މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ. އަދި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ވިލިމާލެއިން ގުޅިފަޅަށް އަދި ގުޅިފަޅުން ތިލަފުއްޓަށް ބުރިޖު ގުޅުވައިލުމުގެ މުޅި މަޝްރޫޢު 2028 ވަނަ އަހަރުގެ ކުރިން އެކީ ނިންމައިލުމަށް ސަރުކާރުން އަންނަނީ ރާވަމުންނެވެ.







