ޤާނޫނާ ޚިލާފަށް ޑޮލަރު މާރުކުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް: ކަޅުބާޒާރަށް ޑޮލަރު ނެރުން ހުއްޓާލުމަށް އިލްތިމާސެއް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައި، އެމްއެމްއޭގެ ކަނޑައެޅިފައިވާ ރޭޓުގައި ނޫނީ ޑޮލަރުގެ މުއާމަލާތްތައް ނުކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިލްތިމާސް ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމަކީ ޖިނާއީ ބޮޑު ކުށެއް ކަމަށާއި، އެފަދަ އަމަލުތަކުން މާލީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
ކަޅުބާޒާރުގައި 77 މިލިއަން ޑޮލަރުގެ މުއާމަލާތް
މިނިސްޓަރު އިހުސާން ހާމަކުރެއްވި ގޮތުގައި، ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ ހަތް ތަނެއް ބެލިއިރު، ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް 77 މިލިއަން ޑޮލަރު ވަނީ ގަވާއިދާ ޚިލާފަށް މާރުކޮށްފައެވެ. ރާއްޖޭގައި ރަސްމީކޮށް ލައިސަންސް ދީގެން ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތް ދެނީ 63 ތަނަކުން ކަމަށްވާއިރު، އެއްވެސް ހުއްދައެއް ނެތި އެކި ފަރާތްތަކުން އަމިއްލައަށް ފައިސާ މާރުކުރާކަން ވަނީ ފާހަގަކުރެވިފައެވެ.
ރިސޯޓުތަކުން ކަޅުބާޒާރަށް ޑޮލަރު ފޮނުވާކަމުގެ ތުހުމަތު
އިހުސާން ފާހަގަކުރެއްވި ގޮތުގައި، ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރާ ތަންތަނަކީ އަމިއްލައަށް ބޭރު ފައިސާގެ އާމްދަނީ ލިބޭ ތަންތަނެއް ނޫނެވެ. އެފަރާތްތަކަށް ޑޮލަރު ފޯރުކޮށްދެނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ބައެއް ރިސޯޓުތަކާއި، ކޮންސްޓްރަކްޝަން ކުންފުނިތަކުގެ އިތުރުން ވަކިވަކި ފަރުދުންނެވެ. އެގޮތުން، އެންމެ މަޝްހޫރު އެއް ރިސޯޓު ޗެއިނަކުން އެކަނިވެސް ނުވަ މަސް ތެރޭގައި 4 މިލިއަން ޑޮލަރު ކަޅުބާޒާރަށް ނެރެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނީ ފިޔަވަޅުތަކާއި މަނީ ލޯންޑަރިންގ
މަރުކަޒީ ބޭންކަށް މާރުކުރަންޖެހޭ 20 އިންސައްތަ ޑޮލަރު ދެއްކުމުގައި ބައެއް ރިސޯޓުތަކުން އުޒުރުވެރިވި ނަމަވެސް، ކަޅުބާޒާރުގައި ބޮޑު އަގުގައި ވިއްކުމަށް އެ ފަރާތްތަކުގެ އަތުގައި ބޭރު ފައިސާ ހުންނަކަން ސަރުކާރުން ފާހަގަކުރެއެވެ. ގަވާއިދާ ޚިލާފަށް ހިންގާ މިފަދަ މުއާމަލާތްތަކުގެ ތެރެއިން ހޯދާ ފައިސާ ބޭނުންކުރުމަކީ ގާނޫނީގޮތުން މަނީ ލޯންޑަރިންގގެ ކުށުގެ ތެރޭގައި ހިމެނޭ ކަމެއްކަން ހަނދާންކޮށްދެއްވަމުން، އެނގިގެން ނުވަތަ ނޭނގި ނަމަވެސް މިފަދަ ޖިނާއީ ކުށްތަކުގައި ބައިވެރިނުވުމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
ހިއްސާ ކުރައްވާ!