ޕާކިސްތާނުގެ އައި.އެސް.އައި އާ ގުޅިގެން އިންޑިއާގައި ޖާސޫސް ކުރި ދެމަފިރިއަކު ހައްޔަރުކޮށްފި

ދިއްލީ ފުލުހުންގެ ޚާއްޞަ ސެލްއަކުން ވަނީ ޕާކިސްތާނުގެ އިންޓަރ-ސަރވިސަސް އިންޓެލިޖެންސް (އައި.އެސް.އައި) ގެ އެހީތެރިކަމާއެކު އިންޑިއާގައި ޖާސޫސީ ނެޓްވޯކެއް ހިންގަމުންދިޔަ ދިއްލީގެ ދެމަފިރިއަކު ހައްޔަރުކޮށްފައެވެ.

އުމުރުން 25 އަހަރުގެ ސާހިލްއާއި އޭނާގެ އަންހެނުން، އުމުރުން 21 އަހަރުގެ ސަމީރާ ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ޖާސޫސީ ހަރަކާތްތައް ހިންގަމުންދިޔަކަމުގެ ތުހުމަތުގައެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި ދެމަފިރިން ދަނީ ޕާކިސްތާނުގެ އިންޓެލިޖެންސް އޮޕަރޭޓަރުންނާ ގުޅިގެން އިންޑިއާގެ ސަލާމަތީ މުހިންމު މަޢުލޫމާތުތައް އެ ޤައުމަށް ފޯރުކޮށްދެމުންނެވެ. މި ތަޙުޤީޤުން ދިއްލީން ފެށިގެން ކަރާޗީއާއި އިސްލާމާބާދާ ހަމައަށް މި ނެޓްވޯކް ފުޅާވެފައިވާކަން ވަނީ ހާމަވެފައެވެ.

ފުލުހުން ބުނިގޮތުގައި، މި ދެމަފިރިން ވަނީ 2024 އާއި 2025އާ ދެމެދު އިންޑިއާގެ 8 ސިމް ކާޑު ހޯދައި، ދުބާއީ މެދުވެރިކޮށް ޕާކިސްތާނަށް ފޮނުވާފައެވެ. މި ސިމް ކާޑުތައް ހޯދައިދިނުމުގެ ބަދަލުގައި ޕާކިސްތާނުގެ ހޭންޑްލަރުން ވަނީ އެމީހުންނަށް 30,000 ރުޕީސް ދީފައެވެ. މި ސިމްތައް ބޭނުންކޮށްގެން ޕާކިސްތާނުގައި ވަޓްސްއެޕް އެކައުންޓްތައް އެކްޓިވްކޮށްފައިވާއިރު، އެ އެކައުންޓްތައް މެދުވެރިކޮށް އިންޑިއާގެ މީހުންނަށް ގުޅައިގެން މަޢުލޫމާތު ހޯދާފައިވެއެވެ. އަދި ބައެއް އެކައުންޓްތައް މެދުވެރިކޮށް އިންޑިއާގެ ވަޓްސްއެޕް ގުރޫޕްތަކަށް ވަދެ، ހައްސާސް މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ތަޙުޤީޤަށް ފާހަގަކުރެވުނު ގޮތުގައި، ސާހިލްއާ ހަވާލުކޮށްފައިވަނީ އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ހުންނަ އަސްކަރީ ކެންޓަންމަންޓް ސަރަޙައްދުތައް ދިރާސާކޮށް، ޖާސޫސީ ކަންކަމަށް މީހުން ރެކްރޫޓޫ ކުރުމެވެ. އަދި އަސްކަރީ ޝަރީއަތްތަކާ ކުރިމަތިލާންޖެހިފައިވާ ސިފައިންގެ މުވައްޒަފުންނާ ގުޅޭ މަޢުލޫމާތުވެސް އޭނާ ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

ފުލުހުންގެ ޚާއްޞަ ސެލްއިން މި މައްސަލައިގެ ތަޙުޤީޤު ފަށާފައިވަނީ ޓަރަރިސްޓް ޖަމާޢަތްތަކަށާއި އެމީހުންގެ އެހީތެރިންނަށް ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ ގުޅޭ މަޢުލޫމާތެއް ލިބުމާ ގުޅިގެންނެވެ. އެގޮތުން، ދިއްލީގެ ސަރާއޭ ކާލޭ ޚާން ސަރަޙައްދުން ސާހިލް ހައްޔަރުކޮށް، އޭނާގެ ފޯނު ފާސްކުރުމުގެ ތެރޭގައި ޕާކިސްތާނުގެ އޭޖެންޓުންނާއެކު ދައްކާފައިވާ ވާހަކަތައް ވަނީ ފެނިފައެވެ. އަދި އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސަމީރާވެސް ވަނީ ހައްޔަރުކޮށްފައެވެ.

މި ދެމަފިރިންގެ އަތުން ދެ ފޯނު ފެނިފައިވާއިރު، އެ އާލާތްތަކުން ޕާކިސްތާނުގެ އިންޓެލިޖެންސް އޮޕަރޭޓަރުންނާ މުޢާމަލާތްކޮށްފައިވާކަން ސާބިތުވާ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގެ ތަޙުޤީޤު މިހާރުވެސް ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.

ހިއްސާ ކުރައްވާ!