ނޭޕާލާއި ޗައިނާގެ ޓިބެޓު ގުޅޭ ބޯޑަރު ސަރަހައްދުގެ ގަނޑުފެން ފަރުބަދައެއް ގޮވައި، ބޮޑު ސިލްސިލާ ފެން ބޮޑުވުމަކާއި ފަސްކަނޑު ކަނޑައިގެންނާިއ ދޮވެގެން ދިއުމުގެ ހާދިސާތަކެއް ހިނގައި 160 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ބޯޓޭ ކޯޝީ އަދި ތުރިޝޫލީ ކޯރުގެ ސަރަހައްދުތަކަށް ފެންބޮޑުވެ، ފެންގަނޑު 30 ފޫޓަށް އުފުލިގެން ދިޔަ މި ކާރިސާގައި 1،000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. ގެއްލުނު މީހުންގެ ތެރޭގައި ބޭރު ގައުމުތަކުގެ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ޒިޔާރަތްތެރިން ހިމެނެއެވެ.
މި ހާދިސާގައި ނޭޕާލް ފުލުހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އެ ގައުމުން އެކަނިވެސް 165 މީހުންގެ ހަށިގަނޑު ވަނީ ހޯދާފައެވެ. އަދި ޗައިނާގެ ޓިބެޓް ސަރަހައްދުން 3 މީހަކު މަރުވެ، 550 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކަމާބޭހޭ ފަރާތްތަކުން މަޢުލޫމާތު ދެއެވެ. ނޭޕާލުގެ ޓޫރިޒަމް ބޯޑުން ހާމަކުރި ގޮތުގައި ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި 28 ގައުމަކަށް ނިސްބަތްވާ ބޭރުގެ 466 ފަތުރުވެރިން ހިމެނެއެވެ. ދީނީ އަޅުކަމެއް ކަމަށްވާ ކައިލާޝް މަންސަރޯވަރު ޔާތުރާއަށް ދިޔަ އިންޑިއާގެ 130 އަށްވުރެ ގިނަ ރައްޔިތުންނާއި، އެމެރިކާ، އޮސްޓްރޭލިޔާ އަދި އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މި ސަރަހައްދުގައި ތާށިވެ، ނުހޯދިފައެވެ.
މި ކާރިސާއާ ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު ބާލެންދުރަ ޝާހު ވަނީ ގެއްލުން ލިބުނު ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި، ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ބައްލަވާލައްވާފައެވެ. ސަރުކާރުން ވަނީ ހާލަތު އެންމެ ގޯސްވި ސަރަހައްދުތަކަކީ 3 މަސްދުވަހުގެ މުއްދަތަށް ކާރިސީ ހާލަތުގައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ސިފައިންނާއި ފުލުހުން ހެލިކޮޕްޓަރާއި ޑްރޯން ބޭނުންކޮށްގެން މީހުން ސަލާމަތްކުރުމުގެ ނުރައްކާތެރި އޮޕަރޭޝަންތައް ހިންގަމުންދާއިރު، ބުރަކޮށް ވާރޭވެހުމާއި، މަގުތަކާއި ފާލަންތައް ދޮވިގެން ދިއުމުގެ ސަބަބުން ސަލާމަތީ މުވައްޒަފުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.
އިންޑިއާއިން ވަނީ މި ކާރިސާއާ ގުޅިގެން ނޭޕާލަށް ސިލްސިލާކޮށް އިންސާނީ އެހީތެރިކަން ފޮނުވަން މަސައްކަތް ފަށާފައެވެ. އެގޮތުން ކާބޯތަކެއްޗާއި ބޭސް ހިމެނޭގޮތަށް 37.5 ޓަނުގެ އެހީގެ ތަކެތި އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތަކުގައި ނޭޕާލަށް ވަނީ ފޯރާފައެވެ. ހަމައެއާއެކު އިންޑިއާގެ ސަރަހައްދީ އިދާރާތަކުން ވަނީ ބޯޑަރު ކައިރީގައިވާ ކޯރުތަކުގެ ފެންބޮޑުވެދާނެތީ އުއްތަރާކަންޑް ފަދަ ސަރަހައްދުތަކުގައި އިންޒާރު ނެރެފައެވެ.






