އުރުދުންގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މުހިންމު ދެ ބޭސްއަކަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ނުރައްކާތެރި ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އުރުދުންގައި ހުންނަ ކިންގް ހުސައިން އެއާ ބޭސްގެ އިތުރުން އަލް އަޒްރަގް އެއާ ބޭސްއަށެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކުގައި އެ ދެ ކޭމްޕްގައި ހުރި އެމެރިކާގެ އަސްކަރީ ޖެޓްތަކާއި، އުމްރާނީ ވަސީލަތްތަކުގެ އިތުރުން ސިފައިން ގާއިމުވެ ތިބޭ މުހިންމު ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އަދި މިއީ އީރާނުގެ ލާރަކް ޖަޒީރާއަށް އެމެރިކާ އާއި އިސްރާއީލް ގުޅިގެން ދިން ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާއެއް ކަމަށްވެސް އީރާނުން ވަނީ ހާމަކޮށްފައެވެ.
އެމެރިކާގެ އފިޝަލުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުރުމުޒް ކަނޑުއޮޅީގައި އީރާނުން މައިން ވަޅުލުން ހުއްޓުވުމުގެ ނިޔަތުގައި އެމެރިކާގެ ސިފައިން ވަނީ އީރާނުގެ އަސްކަރީ ތަންތަނަށް ހަމަލާދީފައެވެ. އީރާނުން އުރުދުންގައިވާ އެމެރިކާގެ ކޭމްޕްތަކަށް ބެލިސްޓިކް މިސައިލް ފޮނުވާލާފައިވަނީ އެމެރިކާގެ މި ހަމަލާތަކާ ގުޅިގެން ނެވެ.
އީރާނުގެ ސިފައިން އިތުރަށް އިންޒާރު ދެމުން ބުނެފައިވަނީ، ހުރުމުޒް ކަނޑުއޮޅީގައި ކޮންޓްރޯލް ބަލި ކުރުމަށް އެމެރިކާއިން ދޭ އެއްވެސް ހަމަލާއަކުން ނަތީޖާއެއް ނުނުކުންނާނެ ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ދެވޭ ކޮންމެ ހަމަލާއަކަށް ކުރިއަށް އޮތް ތަނުގައި ދޭނީ މިއަށްވުރެ މާ ވަރުގަދަ އަދި ސިއްސައިގެންދާ ފަދަ ރައްދުތަކެއް ކަމަށްވެސް އައިއާރްޖީސީން ވަނީ ބުނެފައެވެ..






