ޓިބެޓާއި ނޭޕާލް ބޯޑަރުގެ ފެންބޮޑުވުމުގެ ކާރިސާގެ މައުލޫމާތު ސިއްރުކުރުމަށް މީޑިއާ ސެންސަރުކުރަނީ

ޓިބެޓާއި ނޭޕާލް ގުޅޭ ސަރަހައްދީ އިމުގެ ކައިރިއަށް އައި ބާރުގަދަ ފެންބޮޑުވުމުގެ ކާރިސާގެ ނުރައްކާތެރި މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް ޗައިނާގެ ސެންސަރުކުރާ އިދާރާތަކުން އެ ގައުމުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފުހެން ފަށައިފިއެވެ. ބައިނަލްއަގުވާމީ މީޑިއާއާއި ނޫސްވެރިންގެ ރިޕޯޓްތަކުން ހާމަވާ ގޮތުގައި، ޗައިނާގެ ސަރުކާރުން މި މަންޒަރުތައް ސިއްރުކުރަނީ ކާރިސާގެ ބޮޑުމިނާއި، ސަރުކާރުގެ އިހުމާލު ފޮރުވައި، ގައުމީ ބާރު ދެމެހެއްޓުމުގެ މަގުސަދުގައެވެ.

މި ހާދިސާއަކީ ޓިބެޓުގެ ގަނޑުފެން ފަރުބަދައެއް ކަނޑައިގެން ގޮސްގެން އުފެދުނު ބިޔަ ގަނޑުފެންގަނޑެއް ނޭޕާލުގެ ސަރަހައްދުތަކަށް ފައިބައިގެން ދިއުމުގެ ސަބަބުން ހިނގި ނުރައްކާތެރި ކާރިސާއެކެވެ. ނަމަވެސް، ޗައިނާގެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ވޭބޯ އަދި ޑޫޔިން ފަދަ ވަސީލަތްތަކުން، ފެންބޮޑުވާ މަންޒަރުތަކާއި، މަގުތަކާއި އިންފްރާސްޓްރަކްޗާ ހަލާކުވެގެންދާ ވީޑިއޯތައް ވަނީ ނިޒާމީ ސފައެއްގައި ސެންސަރުކޮށްފައެވެ. ޓިބެޓުގައި ބިނާކުރަމުންދާ މެގާ ޑޭމްތަކާއި ބިޔަ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާމެދު ބައިނަލްއަގުވާމީ ފާޑުކިޔުންތައް އަމާޒުވެދާނެތީ ޗައިނާ ސަރުކާރުން ދަނީ މައުލޫމާތު ބޭރުވުން ހަރުކަށިކޮށް ކޮންޓްރޯލްކުރަމުންނެވެ.

ނޭޕާލުގެ އޮފިޝަލުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރައްވާ ގޮތުގައި، ޗައިނާއިން ކާރިސާ ހިނގި ވަގުތު މައުލޫމާތު ސިއްރުކުރުމުގެ ސަބަބުން، ނޭޕާލުގެ ތިރީގެ ސަރަހައްދުތަކުގައި ތިބި އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ލިބުނު ވަގުތު ކުޑަވެ، މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަވައްޓެހި ގައުމުތަކަށް ލިބެންޖެހޭ ކުއްލި ނުރައްކަލުގެ އިންޒާރުތަކުން މަހުރޫމްކުރުމަކީ ބައިނަލްއަގުވާމީ އިއްތިބާރު ނަގާލައި، ސަރަހައްދީ ރައްކާތެރިކަމަށް އޮތް ބޮޑު ނުތަނަވަސްކަމެއް ކަމަށް ބުނެއެވެ.

ޗައިނާއާއި ނޭޕާލް ގުޅޭ ޓިބެޓް ބޯޑަރު ސަރަހައްދަކީ ދުނިޔޭގެ އެންމެ އުސް އަދި ނާޒުކު އިކޯސިސްޓަމް އެކުލެވޭ ސަރަހައްދެވެ. އެ ސަރަހައްދުގެ ފެނުގެ ވަސީލަތްތައް ބެލެހެއްޓުމާއި ސަރަހައްދީ ސިޔާސީ ގުޅުންތަކާ މެދު އޮތް ނުތަނަވަސް ކަން ދަނީ އިތުރުވަމުންނެވެ. ހިމާލަޔާ ސަރަހައްދުން ފެށޭ ކޯރުތަކަކީ ދެކުނު އޭޝިއާގެ އެތައް މިލިއަން ބަޔަކު ބޯފެނަށާއި ދަނޑުވެރިކަމަށް ބަރޯސާވާ މުހިންމު ވަސީލަތްތަކެކެވެ. ނަމަވެސް، ޗައިނާއިން ޓިބެޓުގައި ކުރިއަށް ގެންދާ މެގާ ޑޭމްތަކާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ސަބަބުން، ކޯރުގެ ތިރީގައިވާ ނޭޕާލް ފަދަ ގައުމުތަކަށް ވަނީ ފެނުގެ ސިޔާދަތީ ބާރާއި ރައްކާތެރިކަމުގެ ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ.

ޖިއޯޕޮލިޓިކަލް ނަޒަރަކުން ބަލާއިރު، ޗައިނާއިން ދަނީ ކޯރުގެ މަތީގައިވާ ގައުމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ސަރަހައްދީ ބާރުވެރިކަން ފުޅާކުރަމުންނެވެ. ޓިބެޓުގެ ގަނޑުފެންތައް ގިރުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކުއްލި ފެންބޮޑުވުންތަކުގެ މައުލޫމާތު ޗައިނާއިން ވަގުތުން ވަގުތަށް ނޭޕާލާ ހިއްސާނުކުރާ ކަމުގެ ޝަކުވާ ނޭޕާލުގެ މަސްއޫލުވެރިން ކުރައްވައެވެ. މީގެ ސަބަބުން، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ނޭޕާލަށް ލިބޭ ފުރުސަތު ހަނިވެ، ބޯޑަރު ސަރަހައްދުގެ އާންމުންގެ ފުރާނައަށް އޮތް ނުރައްކާ ބޮޑުވެގެންދެއެވެ.

އަނެއްކޮޅުން، ނޭޕާލަކީ އިގްތިސާދީގޮތުން ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" (ބީއާރުއައި) އަށް ބަރޯސާވާ ގައުމަކަށް ވުމުން، ޗައިނާއާ ދެކޮޅަށް ފެނުގެ މައްސަލައިގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކަތުމަންޑޫއަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އިންޑިއާއާއި ޗައިނާގެ ސަރަހައްދީ ވާދަވެރިކަމުގެ މެދުގައި ނޭޕާލް ތަށިވެފައިވާއިރު، ޓިބެޓުގެ ފެނުގެ ވަސީލަތްތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ޗައިނާއިން ބޭނުންކުރުމަކީ ކުރިއަށް އޮތް ތަނުގައި ދެކުނު އޭޝިއާގެ ސަރަހައްދީ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށ ްވާނެ ކަމެކެވެ.

ހިއްސާ ކުރައްވާ!