އިނގިރޭސިވިލާތުގެ ދިފާއީ ޚަރަދުތައް އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، ދެކުނު އެޓްލާންޓިކް ކަނޑުގައިވާ ފޯކްލޭންޑް ޖަޒީރާގެ ސިޔާދަތީ ބާރު އޮންނަންވީ ފަރާތާ ގުޅޭގޮތުން އެމެރިކާއިން ގެންގުޅޭ ސިޔާސަތު މުރާޖާއާ ކުރައްވަމުންދާ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. މި ނިންމެވުމުގެ ސަބަބުން ވޮޝިންގްޓަނާއި ލަންޑަނާ ދެމެދު އޮތް ތާރީޚީ "ޚާއްޞަ ގުޅުމަށް" ގޮންޖެހުންތަކެއް ކުރިމަތިވެ ދެކުނު އެމެރިކާގައި ފިތުނައަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.
ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ގެންގުޅޭ ކޮންމެ ނިންމެވުމެއްވެސް ފިތުނައަށް މަގުފަހިވާ ގޮތަށް އަލުން މުރާޖާއާ ކުރުމަކީ އޭނާ އަބަދުވެސް ކުރައްވާ ކަމެއް ކަމަށެވެ. އަދި ފޯކްލޭންޑް ޖަޒީރާގެ މައްސަލައަކީވެސް އެގޮތަށް ބައްލަވަމުންދާ ގިނަ ކަންތައްތަކުގެ ތެރެއިން އެއް ކަންތައް ކަމަށް ފާހަގަކުރެއްވިއެވެ.
- އާޖެންޓީނާއިންވެސް މިލްކުވެރިކަމަށް ދައުވާކުރާ މި ޖަޒީރާތަކާ ގުޅޭގޮތުން އެމެރިކާއިން ރަސްމީކޮށް މިއަދާ ހަމައަށް ގެންގުޅެފައިވަނީ ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތެކެވެ.
- 1833 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދު ހިންގަމުންދާ އިނގިރޭސިވިލާތުގެ އިދާރީ ބާރު އެމެރިކާއިން އައީ ޢަމަލީގޮތުން ގަބޫލުކުރަމުންނެވެ.
- 1982 ވަނަ އަހަރު އާޖެންޓީނާއިން މި ޖަޒީރާތަކަށް އަރައިގަތުމާ ގުޅިގެން ހިނގި ނުރައްކާތެރި ހަނގުރާމައަށްފަހު، އިނގިރޭސިވިލާތުން ވަނީ އެ ސަރަހައްދުގެ މައްޗަށް އަލުން ބާރު ފޯރުވާފައެވެ.
ޓްރަމްޕްގެ އައު ވިސްނުމާ ގުޅިގެން އިނގިރޭސި ސަރުކާރުން އެއްވެސް އެއްޗެއް ބުނުމަށް ވަނީ އިންކާރުކޮށްފައެވެ.
ޓްރަމްޕްގެ މި ވާހަކަފުޅަކީ، އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމްގެ ސަރުކާރަށް ނޭޓޯއަށް ކުރާ ހޭދައާއި ދިފާއީ ބަޖެޓު އިތުރުކުރުމަށް މަޖުބޫރުކުރުވުމުގެ ގޮތުން ކުރާ މަސައްކަތެއ ްކަމަށް ބެކލެވެއެވެ.. އިނގިރޭސިވިލާތުގެ މާލީ ވަޒީރު ޖޯން ހީލީ، ކުރިއަށްއޮތް އޮކްޓޯބަރު މަހު ނެރުއްވާ ބަޖެޓުގައި، 2030 ގެ ކުރިން ގައުމީ އުފެއްދުންތެރިކަމުގެ ތެރެއިން 3 އިންސައްތަ ދިފާއީ ކަންކަމަށް ހޭދަކުރުމަށް ވެފައިވާ ވައުދު އުވާލައްވަން އުޅުއްވާކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފައެވެ.
އެމެރިކާގެ އިއްތިހާދީ ގައުމުތަކުން ދިފާއީ ކަންކަމަށް ކުރާ ހޭދަ އިތުރުކުރުމަށް ޓްރަމްޕް އަބަދުވެސް ބާރުއަޅުއްވަމުން ގެންދަވާއިރު، އެހެން ގައުމުތަކުން އެމެރިކާގެ ހިމާޔަތް ހިލޭ ހޯދާކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އެތައް ފަހަރަކު ފާޑުވިދާޅުވެފައެވެ. ފާއިތުވި އަހަރު ދަ ހޭގްގައި ބޭއްވި ސަމިޓުގައި ނޭޓޯގެ ބައިވެރިން ވަނީ 2035 ގެ ނިޔަލަށް ޖީޑީޕީގެ 5 އިންސައްތަ ދިފާއީ ކަންކަމަށް ހޭދަކުރުމަށް އެއްބަސްވެފައެވެ.
މީގެ އިތުރުން، އީރާނާއެކު ހިނގި ހަނގުރާމައިގައި އިނގިރޭސިވިލާތުން އެއްބާރުލުން ނުދިނުމާ ގުޅިގެން، ފޯކްލޭންޑް މައްސަލައިގައި އިނގިރޭސީންނަށް ކުރާ ތާއީދު އަނބުރާ ގެންދިއުމަށް ޕެންޓަގަންގެ އެތެރޭގެ ލިޔެކިއުންތަކެއްގައި މަޝްވަރާކުރެވުނު ކަމުގެ ޚަބަރުތަކެއްވެސް މީގެ ކުރިން ވަނީ އާންމުވެފައެވެ.
- އެމެރިކާއިން ގެންގުޅޭ ސިޔާސަތު އާޖެންޓީނާއަށް ތާއީދުކުރާގޮތަށް ބަދަލުކޮށްފިނަމަ، މިއީ އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރަށް ލިބޭނެ ބޮޑު ނަފްސާނީ ހަމަލާއެކެވެ.
- 1982 ގެ ހަނގުރާމައިގައި އިނގިރޭސި ބޮޑުވަޒީރު މާގްރެޓް ތެޗަރު ފޮނުއްވި އަސްކަރީ ފްލީޓަށް އެމެރިކާގެ އޭރުގެ ރައީސް ރޮނަލްޑް ރޭގަން ވަނީ ސިޔާސީ ގޮތުން ބޮޑު ތާއީދެއް ދެއްވާފައެވެ.
- އެ ހަނގުރާމައިގައި އާޖެންޓީނާގެ 649 ސިފައިންނާއި އިނގިރޭސިވިލާތުގެ 255 ސިފައިން ވަނީ މަރުވެފައެވެ.
ފަހަކަށް އައިސް ރައީސް ޓްރަމްޕް ވަނީ ޔަހޫދީ ޒަޔަނިސްޓު އާޖެންޓީނާގެ ރައީސް ހާވިއޭ މެލޭއާއެކު ގާތް ގުޅުމެއް އުފައްދަވާފައެވެ. އާޖެންޓީނާގެ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެމެރިކާއިން 20 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދީފައިވާއިރު، މެލޭއަކީ ފޯކްލޭންޑް ޖަޒީރާ އާޖެންޓީނާގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ނަމަވެސް، 2013 ވަނަ އަހަރު ނެގުނު ވޯޓެއްގައި ފޯކްލޭންޑްގެ 99 އިންސައްތައަށްވުރެ ގިނަ ރައްޔިތުން ވޯޓުދީފައިވަނީ އިނގިރޭސިވިލާތުގެ ދަށުގައި ދެމިތިބުމަށެވެ.






