އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ބުނަނީ ކީކޭ؟

އެއްގަމު އުޅަނދުތައް ނުރައްކާތެރިކޮށް އަދި ފަރުވާކުޑަކޮށް ދުއްވުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ އަމަލުތައް ކުރާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއެކު ދިގު މުއްދަތަކަށް ލައިސަންސް ބާތިލުކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ން ކަނޑައަޅަައިފިއެވެ.

2009 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ގާނޫނުގެ ބަދަލުގައި އާންމު ކުރެވުނު މި ގާނޫނަކީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އެކްސިޑެންޓްތައް މަދުކޮށް މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމުގެ މަގުސަދުގައި ގާސްކޮށްފައިވާ ބިލެކެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

  • ގާނޫނުގައިވާ ގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިފިނަމަ، ކުށުގެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި 25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
  • މިފަދަ އަމަލެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ، ޖޫރިމަނާގެ އަދަދު 100,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ މިންވަރަކަށް ބޮޑުވެގެންދާނެއެވެ.
  • އިދާރީ ގޮތުން ކުރެވޭ މި ޖޫރިމަނާތަކުގެ އިތުރުން، ގާނޫނުލްއުގޫބާތުގެ ދަށުން އެ މީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ އިޚްތިޔާރުވެސް ލިބިދެއެވެ.

މި ގާނޫނުގެ 102 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން، ކުށްވެރިވާ ފަރާތްތަކުގެ ލައިސަންސް 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ބާތިލުކުރުމުގެ ބާރު ޝަރީއަތަށް ލިބިގެންވެއެވެ. ލައިސަންސް ނެތް މީހަކު މިފަދަ ކުށެއް ކޮށްފިނަމަ، އެ މުއްދަތުގެ ތެރޭގައި ލައިސަންސް ނެގުމުގެ ހައްގު އެ މީހަކަށް ގެއްލޭނެއެވެ. އަދި ބާތިލުކުރެވޭ މުއްދަތު ހަމަވުމަށްފަހު ވެސް އަލުން ލައިސަންސް ދޫކުރެވޭނީ، ޚާއްސަ ޝަރުތުތަކެއް ހަމަކުރުމާއެކު ކަމާބެހޭ އިދާރާއިން ހިންގާ އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ފާސްވުމުންނެވެ.

އޭގެއިތުރުން، އުޅަނދު ދުއްވަމުންދާއިރު އެހެން ފަރާތަކާ ހުންގާނު ނުވަތަ ކޮންޓްރޯލް ހަވާލުކުރުމަކީވެސް ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ. ޚާއްސަކޮށް، ޕެސެންޖަރު ސީޓުގައި އިންނަ މީހަކަށް ނުވަތަ ލައިސަންސް ނެތް މީހަކަށް އަދި ކުޑަކުއްޖަކަށް އުޅަނދުގެ ކޮންޓްރޯލް ދޫކޮށްލައިފިނަމަ 25,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ކޮންޓްރޯލް ހަވާލުކުރީ ކުޑަކުއްޖަކާ ކަމަށްވާނަމަ، ދޭންޖެހޭނީ ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަބެވެ. އަދި މިފަދަ ކަމެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެނަމަ 50,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން ޖިނާއީ ދައުވާ ކުރެވޭނެއެވެ.

މަގުމަތީގެ ދަތުރުފަތުރުގެ ނިޒާމު ތަރުތީބުކުރުމުގެ ގޮތުން ހައިވޭތަކާއި ވަކި ލޭންތަކަށް ޚާއްސަ ގަވާއިދުތަކެއްވެސް ވަނީ އެކުލަވާލާފައެވެ. ވަކި ބާވަތެއްގެ އުޅަނދަކަށް ކަނޑައެޅިފައިވާ ލޭން ނޫން އެހެން ލޭނެއްގައި ދުއްވައިފިނަމަ 750 ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސުން ޕޮއިންޓް ކެނޭނެއެވެ.

ހައިވޭތަކުގައި ދުއްވަންޖެހޭ މިންވަރަށްވުރެ ބާރަށް ނުވަތަ އެންމެ މަޑުން ދުއްވޭނެ މިންވަރަށްވުރެ މަޑުން ދުއްވުމަކީވެސް މަނާކަމެކެވެ. މި ގަވާއިދާ ޚިލާފުވާ ފަރާތްތައް:

  1. ފުރަތަމަ ފަހަރު: 2,000 ރުފިޔާއިން ޖޫރިމަނާކުރުން
  2. ދެވަނަ ފަހަރު: 3,000 ރުފިޔާއިން ޖޫރިމަނާކުރުން
  3. ތިންވަނަ ފަހަރު: 5,000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އުޅަނދު 30 ދުވަހަށް ޓޯކުރުން
  4. އިތުރުވާ ކޮންމެ ފަހަރަކު: އެންމެ ފަހުން ކުރެވުނު ޖޫރިމަނާގެ ދެގުނަ އިތުރުވުން

ޤުދުރަތީ ނުވަތަ އަމިއްލަ ބާރު ނުފޯރާ ފަދަ ސަބަބެއް މެދުވެރިވެގެން މެނުވީ ހައިވޭތަކުގައި އުޅަނދު ޕާކުކުރުން ނުވަތަ މަޑުކުރުން ވަނީ މަނާކޮށްފައެވެ. ހައިވޭގައި ޕާކުކޮށްފިނަމަ ފުރަތަމަ ފަހަރަށް 1,000 ރުފިޔާ، ދެވަނަ ފަހަރަށް 2,000 ރުފިޔާ އަދި ތިންވަނަ ފަހަރަށް 4,000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އުޅަނދު 30 ދުވަހުގެ މުއްދަތަށް ޓޯކުރުމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް