ޕާކިސްތާނުގައި ކުޑަކުދިންނަށް ކުރިމަތިވެފައިވާ ކާޑު ބައްޔާއި ކާނާ ނުލިބުމުގެ މައްސަލައަކީ ހަމައެކަނި ކާބޯތަކެތި ފޯރުކޮށްދީގެން ޙައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، ސާފުތާހިރުކަމާއި އަސާސީ ސިއްޙީ ނިޒާމު އިސްލާޙުކުރުން މުހިންމު ކަމަށް ޢިލްމީ މާހިރުން ހާމަކުރައްވައިފިއެވެ.
ރިޕޯޓްތައް ދައްކާ ގޮތުގައި އެ ޤައުމުގެ 40 އިންސައްތަ ކުދިންގެ ހެދި ބޮޑު ވުމާއި ރޫފަ ޖެހުމަށް ހުރަސްއެޅިފައިވާއިރު، އާބާދީގެ 70 އިންސައްތަ ގޭގޭތަކުގައި ބޭނުންކުރަނީ ނުޞާފު ފެނެވެ. އަދި 25 މިލިއަން މީހުން އަދިވެސް ނިޒާމީ ގޮތެއް ނެތި ނަޖިސް ބޭރުކުރާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ތަޣައްޔަރު ވެފައިވާ ފެނުގެ ސަބަބުން ކުޑަކުދިންނަށް ތަކުރާރުކޮށް ބަނޑުދިޔާވުމުގެ މައްސަލަ ކުރިމަތިވެ، ކާނާގެ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ބޭރުވެގެންދެއެވެ. މީގެ ސަބަބުން ކުދިންގެ ދިފާޢީ ނިޒާމު ބަލިކަށިވެ، އިތުރު ބަލިތަކަށް ހުށަހެޅޭ މިންވަރު މަތިވެއެވެ.
ޕާކިސްތާނުގައި ހިންގާ ކާނާގެ އެހީގެ ޕްރޮގްރާމްތައް އެދެވޭ ގޮތެއްގައި ކާމިޔާބުނުވަނީ އަސާސީ ސިއްޙީ ޚިދުމަތްތަކާއި ސާފުތާހިރުކަމުގެ ނިޒާމުތައް ބަލިކަށިވުމުގެ ސަބަބުން ކަމަށް ބުނެއެވެ.
މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ މަޤްޞަދުގައި އިސްލާމާމާބާދުގެ ސެރީނާ ހޮޓަލުގައި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އިޤްތިޞާދީ މާހިރުން، އަދި ސަރުކާރުގެ ކަމާބޭހޭ ފަރާތްތައް އެކުވެގެން "އެކްޓް ފޯ ނިއުޓްރިޝަން" ކޮންފަރެންސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ކާޑު ބަލީގެ މައްސަލައިގެ އަޞްލު ސަބަބުތައް ދެނެގަނެ، ދެމެހެއްޓެނިވި ގޮތެއްގައި ޙައްލުކުރެވޭނެ އަވަސް ޢަމަލީ ޕްލޭނެއް އެކުލަވާލުމަށް ވަނީ ރޭވިފައެވެ.





