ދުނިޠޭގެ ސިޓީތަކުގެ ތެރޭން ދިރިއުޅެން އެންމެ އެކަށީގެންވާ ރަށަކަށް ޒިއުރިކް ހޮވިއްޖެ

ދުނިޔޭގައި ދިރިއުޅެން އެންމެ ރަނގަޅު އަދި އެންމެ އެކަށީގެންވާ ރަށުގެ ގޮތުގައި ސްވިޓްޒަލޭންޑްގެ ޒިއުރިކް ހޮވިއްޖެއެވެ. "ޖޭބީ" ޑިޖިޓަލް ޕްލެޓްފޯމުން އާންމުކުރި ދިރާސާ ރިޕޯޓެއްގައި ދުނިޔޭގެ ބޮޑެތި ސިޓީތަކުގެ 45 ރަށެއްގެ ޙާލަތު ވަނީ ވަޒަންކޮށްފައެވެ. މި ދިރާސާ ބިނާކޮށްފައިވަނީ ދިރިއުޅުމުގެ ފެންވަރާއި، ރައްކާތެރިކަމާއި، ސިއްޙީ ޚިދުމަތްތަކުގެ ފެންވަރާއި، ސާފު ވަޔާއި، ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން ކުއްޔާއި އާންމު ޚަރަދުތަކަށްފަހު އާމްދަނީން ބާކީ އޮންނަ މިންވަރުގެ މައްޗަށް ބަލައިގެންނެވެ.

ޒިއުރިކަށް މި ލިސްޓުގެ އެއްވަނަ ލިބުނީ ހުރިހާ ދާއިރާއަކުންވެސް އެންމެ މަތީ ނަތީޖާއެއް ހޯދުމުންނެވެ. ޚާއްޞަކޮށް ކުށުގެ ނިޞްބަތް ކުޑަވުމާއި، ސިއްޙީ ނިޒާމުގެ ވަރުގަދަކަމުގެ އިތުރުން ވަޒީފާ ނެތް މީހުންގެ ނިޞްބަތް އެންމެ 2.9 އިންސައްތައިގައި އޮތުން ފާހަގަކޮށްލެވެއެވެ.

ޒިއުރިކަކީ ޔޫރަޕްގެ މާލީ އަދި ބޭންކިންގ މައި މަރުޒަކަށް ވުމާއެކު، އެ ރަށުގައި ދިރިއުޅޭ މީހުންގެ ޚަރަދުތައް ބޮޑުވިނަމަވެސް، އެކަށީގެންވާ ބޮޑު އާމްދަނީއެއް ލިބެއެވެ. އެގޮތުން ކުއްޔާއި ކެއިންބުއިމުގެ މުހިންމު ޚަރަދުތައް ކެނޑުމަށްފަހު މަހަކު އެވްރެޖްކޮށް 4,000 އެމެރިކާ ޑޮލަރު އަތްމަތީގައި ބާކީވާކަމަށް މިއަދުގެ ހިސާބުތަކުން ދައްކައެވެ.

މި ދިރާސާގެ ގަދަ ދިހައެއްގައި މުޅިންވެސް ހިމެނެނީ ޔޫރަޕާއި އުތުރު އެމެރިކާގެ އިތުރުން އޮސްޓްރޭލިއާގެ ސިޓީތަކެވެ.

ލިސްޓުގެ ދެވަނައިގައި ކޯޕަންހޭގަން އޮތްއިރު، އޭގެ ފަހަތުން އެމްސްޓަޑޭމް، ވިއެނާ، މިއުނިކް އަދި ހެލްސިންކީ ވަނީ ޖާގަ ހޯދާފައެވެ. ސައުތު އެމެރިކާއާއި، އެފްރިކާ އަދި އޭޝިއާގެ ރަށެއް މި ލިސްޓުގެ ކުރީގެ މަޤާމުތަކުން ފެނިފައިނުވާތީ، އެ ސަރަޙައްދުތަކުގައި ވަޞީލަތްތަކާއި އިޤްޞާދީ ފުދުންތެރިކަމުގެ ފަރަގު ބޮޑުކަން ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ހިއްސާ ކުރައްވާ!