ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޓަނެޓް ބޭނުންކުރާ ކުޑަކުދިންގެ ތެރެއިން ގާތްގަނޑަކަށް ވިހި މިލިއަން ކުދިންނަށް ޑިޖިޓަލް މައިދާނުގައި ޖިންސީ ގޯނާއާއި އަނިޔާ ލިބިފައިވާ ކަމަށް އދގެ ކުޑަކުދިންގެ ޖަމުޢިއްޔާ (ޔުނިސެފް) އިން ހާމަކޮށްފިއެވެ. ބުރާސްފަތި ދުވަހު ނެރުނު ޚާއްސަ ރިޕޯޓެއްގައިވާގޮތުން، މިފަދަ ގިނަ މައްސަލަތައް ހިނގާފައިވަނީ މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައެވެ.
އެފްރިކާ، އޭޝިއާ، ލެޓިން އެމެރިކާ، އަދި އިރުމަތީ ޔޫރަޕްގެ ޤައުމުތަކުގައި ޢުމުރުން 12 އަަރާއި 17 އަަރާ ދެމެދުގެ ކުދިންގެ ތެރެއިން ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކަށް އޮންލައިން ޕްލެޓްފޯމްތަކުގައި މަދުވެގެން ޖިންސީ ގޯނާގެ އެއްވެސް ބާވަތެއް ކުރިމަތިވެފައިވާކަން ޔުނިސެފްގެ ދިރާސާއިން ދައްކައެވެ. މީގެ ތެރޭގައި ޤަވާއިދާ ޚިދާފަށް ޖިންސީ ކަންކަން އެކުލެވޭ މަންޒަރުތައް ފެނުމާއި، މަޖުބޫރުކޮށްގެން ޖިންސީ ވާހަކަދެއްކުން ނުވަތަ ފޮޓޯ ހިއްސާކުރުވުން ހިމެނެއެވެ.
މި ދިރާސާއަކީ 2020 އާއި 2025 އާ ދެމެދު 21 ޤައުމެއްގެ 21,000 އަށްވުރެ ގިނަ ކުދިން ބައިވެރިކޮށްގެން ހިންގާފައިވާ މިފަދަ އެންމެ ބޮޑު އެއް ދިރާސާ ކަމަށް ޔުނިސެފުން ފާހަގަކޮށްފައިވެއެވެ. ރިޕޯޓުން ދައްކާގތުގައި ރިޕޯޓުކުރެވުނު ޖިންސީ އަނިޔާތަކުގެ ގާތްގަނޑަކަށް އައްޑިހަ އިންސައްތަ ހިނގާފައިވަނީ ފޭސްބުކް، ވަޓްސްއެޕް، އިންސްޓަގްރާމް، އަދި ޓިކްޓޮކް ފަދަ މީސް މީޑިއާ ޕްލެޓްފޯމްތަކުގައެވެ.
މި މައްސަލައާ ގުޅިގެން ޓެކްނޮލޮޖީ ކުންފުނިތަކުން ވަނީ ކުޑަކުދިން ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާކަމަށް ބުނެފައެވެ. ނަމަވެސް، މިފަދަ އަނިޔާތައް ލިބޭ ކުދިންގެ ތެރެއިން 1 އިންސައްތައަށްވުރެ މަދު ކުދިން ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް މައްސަލަ ރިޕޯޓުކުރާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ޒަމާނީ އާލާތްތަކާއި އޭ.އައި ޓެކްނޮލޮޖީ ކުރިއަރައިގެންދާ މިންވަރަކަށް، މިފަދަ ކުށްތައް ހުއްޓުވުމަށް ޤައުމުތަކުގެ ސަރުކާރުތަކާއި ކުންފުނިތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ޔުނިސެފުން ވަނީ ގޮވާލާފައެވެ.







