ޔަހޫދީން އަރަބި ގައުމުތަކަށް ދަތުރު ނުކުރުމަށާއި ވަގުތުން ބޭރުވުމަށް އަންގައިފި

އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުން، ޔަހޫދީންގެ ޢީދު މޫސުމާ ދިމާކޮށް އެ ޤައުމުގެ ރައްޔިތުން ގައުމުން ބޭރަށް ދަތުރުކުރުމާ ގުޅޭގޮތުން އަދާހަމަކުރެވިފައިވާ އިންޒާރެއް ނެރެ، ޢަރަބި އަދި އިސްލާމީ ބައެއް ޤައުމުތަކަށް ޒިޔާރަތް ނުކުރުމަށާއި އެ ޤައުމުތަކުގައި ނުތިބުމަށް އިލްތިމާސްކޮށްފިއެވެ.

އަދި އެ ކައުންސިލުން ވަނީ އުރުދުން، ޤަޠަރު، މިޞްރު އަދި ސޯމާލިއާއަށް އެންމެ މަތީ ދަރަޖައިގެ އިންޒާރު ކަމަށްވާ ހަތަރުވަނަ ދަރަޖައިގެ ނުރައްކަލުގެ އިންޒާރުގައި ހިމަނާފައެވެ. އަދި އިސްރާއީލުގެ ރައްޔިތުން އެ ޤައުމުތަކަށް ދަތުރު ނުކުރުމަށާއި، މިހާރު އެ ޤައުމުތަކުގައި ތިބި މީހުން ވަގުތުން އެ ޤައުމުތަކުން ނުކުތުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، މި އިންޒާރުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ، ބަންގްލަދޭޝް، ޕާކިސްތާން، އަފްޣާނިސްތާން، ލީބިޔާ އަދި އަލްޖީރިއާ ވެސް ހިމަނާފައިވާއިރު، އެ ޤައުމުތަކަށް ދަތުރު ނުކުރުމަށް ވަނީ ލަފާދީފައެވެ.

އީރާނާ އަވަށްޓެރި ޤައުމުތައް ކަމަށްވާ ތުރުކީ، އަޒަރުބައިޖާން އަދި ޔޫއޭއީ ފަދަ ޤައުމުތަކުގައި ވެސް ނުރައްކާ އޮވެދާނެ ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

މިއީ ތެހެރާނާ ނުވަތަ ތެހެރާންގެ ބައިވެރިންނާ ގުޅުންހުރި ފަރާތްތަކުގެ ހަރަކާތްތަކާ މެދު އޮތް ކަންބޮޑުވުންތަކާ ގުޅިގެން ނެރެފައިވާ ބަޔާނެއް ކަމަށް ބުނެއެވެ.

ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުން ހާމަކުރި ގޮތުގައި މި ނުރައްކާ ވަޒަންކުރުމަކީ ސަރަޙައްދީ ނުތަނަވަސްކަމާއި، ޤައުމުން ބޭރުގައި ތިބި ޔަހޫދީންނަށް އަމާޒުކޮށް އޮތް ނުރައްކާތަކާ ގުޅިގެން ނެރެފައިވާ އިންޒާރެކެވެ. އަދި ދަތުރުވެރިން، ދަތުރުފަތުރާ ގުޅޭ އިރުޝާދުތަކަށް ސަމާލުވުމަށާއި ސަލާމަތީ އިދާރާތަކުގެ ނިންމުންތަކަށް ބޯލެނބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!