ބަނގްލަދޭޝްގެ ކަރަންޓު މައްސަލަ ދިމާވެ ލޯޑްޝެޑިންއަށް އަމަލު ކުރަން ފަށައިފި

ބަންގްލަދޭޝަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ކުރިމަތި ވެފައި ވަނީ އިންޑިއާއާއެކު އޮތް ގުޅުން ނާޒުކު ދަނޑިވަޅަކާ ދިމާވެފައިވާ ވަގިތެއްގައެވެ. 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ޝައިޚް ޙަސީނާ ވެރިކަމުން ދުރުކޮށް އިންޑިއާއަށް ފިލައިވަޑައިގަތުމާ ގުޅިގެން، އޭނާ ހަވާލުކުރުމަށް ޑާކާއިން ގޮވާލުމާއި، ޗައިނާއާއި ޕާކިތާނާ ގުޅުން ބަދަހިކުރަމުން ދިއުމުގެ ސަބަބުން އިންޑިއާ ބަނގްލަދޭޝްގެ ގުޅުން ވަނީ ހީނަރުވެފައެވެ.

ނަމަވެސް ހަކަތައިގެ ތަދުމަޑުކަމެއް ޑާކާއަށް ކުރިމަތި ވުމުގެ ސަބަބުން ދެ ޤައުމަށް ވެސް ވަނީ އަސާސީ ޙަޤީޤަތަކާ ކުރިމަތިލާންޖެހިފައެވެ. އެއީ ކަރަންޓާއި ތެލަށް ބަންގްލަދޭޝް މައިގަނޑު ގޮތެއްގައި އަދިވެސް އިންޑިއާއަށް ބަރޯސާވާންޖެހިފައި އޮތް އޮތުމެވެ.

މި މައްސަލައަކީ ހަމައެކަނި މަގުބައްތިތައް ދިއްލާފައި ބެހެއްޓުމުގެ މައްސަލައެއް ނޫނެވެ. ބަނގްލަދޭޝަށް ދިމާވެފައިވާ ގޭހުގެ ދަތިކަމާއި، ތެލުގެ ދަތިކަމާއި، ޓެކްނޮލޮޖީގެ މައްސަލަތަކާއި އަދި މާލީ ދަތިކަމުގެ ސަބަބުން ސިނާޢީ މަސައްކަތްތަކަށް ހުރަސްއެޅި، ޚަރަދު ބޮޑުވެ، އެކްސްޕޯޓަށް ވަނީ ހީނަރުކަމާ ކުރިމަތިލާން ޖެހިފައެވެ.

މި ދަތިކަމުގެ ސަބަބުން ވިޔަފާރީގެ މައިދާނަށްވެސް ވަނީ ބުރޫއެރާފައެވެ. އެގޮތުން ކަރަންޓު ސަލާމަތް ކުރުމުގެ ގޮތުން ރޭގަނޑު 8 ޖެހުމުގެ ކުރިން ފިހާރަތަކާއި މޯލްތައް ބަންދުކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

ބަނގްލަދޭޝްގެ ހަކަތައިގެ ކާރިސާގައި އެންމެ އަވަހަށް ޙައްލުކުރަންޖެހޭ މައްސަލައަކީ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ނެތުމެއް ނޫނެވެ. ބަންގްލަދޭޝްގައި ގާތްގަނޑަކަށް 29،000 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ހުރިއިރު، މިއީ އާންމުކޮށް ބޭނުންވާ ވަރަށްވުރެ މަތީ އަދަދެކެވެ. ނަމަވެސް ޕްރޮތޮމް އަލޯ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޤައުމުގެ 137 ޕަވަރ ޕްލާންޓުގެ ތެރެއިން 62 ޕްލާންޓެއްގެ މަސައްކަތް ހުއްޓި، 20 ޕްލާންޓެއް ވަނީ މުޅިން ބަންދުކޮށްފައެވެ. އެއްފަހަރާ ކަރަންޓު ކަނޑާލާ މިންވަރު ނުވަތަ ލޯޑް-ޝެޑިންގް ވަނީ 3،700 މެގަވޮޓަށްވުރެ މައްޗަށް އަރާފައެވެ.

މިކަމުގައި އެންމެ ބޮޑު ހުރަހަކަށްވެފައިވަނީ ތެލާއި ގޭސް ލިބުމުގެ ދަތިކަމެވެ. ބަންގްލަދޭޝަށް ބޭނުންވާ ކަރަންޓުގެ 43 އިންސައްތައަށްވުރެ ގިނަ ބައި އުފައްދަނީ ގޭސް ބޭނުންކުރާ ޕްލާންޓުތަކުންނެވެ. ނަމަވެސް ޤައުމުގައި އުފައްދާ ގޭހުގެ މިންވަރު އަންނަނީ ދަށްވަމުންނެވެ.

ބަންގްލަދޭޝްގައި ހަކަތައިގެ ސިޔާސަތުތައް ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން ހޯދަމުންދާއިރު، ޗައިނާގެ ކުންފުނިތަކުން އަންނަނީ އިއާދަކުރަނވި ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވަމުންނެވެ.

އިންޑިއާއަކީ މިހާރުވެސް ބަންގްލަދޭޝްގެ ހަކަތައިގެ ނިޒާމުގެ ބައިވެރިއެކެވެ. ޑާކާއިން ވަނީ އިންޑިއާއިން 2،656 މެގަވޮޓުގެ ކަރަންޓު އެތެރެކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މިއީ ޤައުމުގައި ކަރަންޓު އުފައްދާ މިންވަރު ދަށްވާ ހިނދު ކަރަންޓު ފޯރުކޮށްދިނުމަށް ލިބޭ މުހިންމު މަސްދަރެކެވެ.

އިންޑިއާއިން ވަނީ ފްރެންޑްޝިޕް ސަޕްލައި ލައިން މެދުވެރިކޮށް އަހަރަކު 180،000 ޓަނުގެ ޑީސަލް ފޯރުކޮށްދިމުގެ 15 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ތެޔޮ ފޯރުކޮށްދީފައެވެ. ނަމަވެސް، ހަކަތައިގެ ދާއިރާއިން ގުޅުން ބަދހިކުރުމަކީ މިހާރު ސިޔާސީ ގޮތުން ހައްސާސް ކަމަކަށްވެފައިވެއެވެ.

ޗައިނާއިން މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީގެ އިތުރުން އިއާދަކުރަނވި ހަކަތައިގެ ދާއިރާއިން ބޮޑު ދައުރެއް އަދާކުރަމުންދާއިރު، އިންޑިއާއިން ފޯރުކޮށްދެނީ ގާތްކަމާއި، މިހާރު ޤާއިމުކޮށްފައިވާ ކަރަންޓު ގުޅުވާދޭ ނިޒާމުތަކާއި ހަކަތައިގެ އުމްރާނީ ވަސީލަތްތަކެވެ. ޑާކާއަށް މި ދެ ޤައުމުގެ އެހީވެސް ބޭނުންވެއެވެ. ނަމަވެސް މިއިން އެއްވެސް ޤައުމަކަށް ބަންގްލަދޭޝްގެ އަމިއްލަ ނިޒާމުގައި ހުރި އިންތިޒާމީ ބަލިކަށިކަން މުޅިން ފޫބައްދައެއް ނުދެވޭނެއެވެ.

ނިއުދިއްލީއަށް މިމައްސަލައަކީ ސިޔާސީ ނުފޫޒު ފޯރުވުމެއް ނެތި، ހަކަތައިގެ ދާއިރާއިން އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ދައްކުވައިދޭ ފުރުސަތެކެވެ. އަދި ޑާކާއަށް އޮތް އެންމެ އިސްކަމަކީ މި ގުޅުންތަކުގެ ބޭނުން ހިފުމާއެކު، ހަކަތަ ހޯދާ މައިގަނޑު މަސްދަރުތައް އިތުރަށް ސިންދުފާތު ކުރުމެވެ.

ހިއްސާ ކުރައްވާ!