މާލޭގައި ފުޅާދާއިރާއެއްގައި ހިންގަމުންދިޔަ މަސްތުވާތަކެތީގެ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައި، ބަންގްލަދޭޝްއަށް ނިސްބަތްވާ ނުވަ ފިރިހެނަކު އަތުލައިގަނެ، އެ މީހުންގެ މައްސަލަ އިމިގްރޭޝަނާ ޙަވާލުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގެ ގެސްޓްހައުސަކަށް އަމާޒުކޮށްގެން ހިންގި ވަރުގަދަ ފިޔަވަޅެކެވެ.
މި ހަފުތާގެ އަންގާރަ ދުވަހު ހިންގި މި ޚާއްޞަ ޙަރަކާތުގައި، ތުހުމަތުކުރެވޭ ފަރާތްތައް ދިރިއުޅެމުންދިޔަ ގެސްޓްހައުސު ބަލައިފާސްކޮށްފައިވެއެވެ. މި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަަރާއި 46 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތޯހިދުލް އިސްލާމް (35އ)، މޮނީރް ބެޕާރީ (37އ)، ޖަކިރް މުންޝި (46އ)، އެމްޑީ އަބު ޒަބެރް ޕްރަމަނިކު (37އ)، އެމްޑީ އުސްމާން (23އ)، ބަބްލޫ އަލީ (34އ)، އެމްޑީ ރައިހާން (32އ)، އަފްރަނުލް ހޮގް އާޝިކު (34އ) އަދި މުހައްމަދު ރަކިބް ހޮސެއިން (30އ) އެވެ. މި އެންމެންގެ ތަޙުޤީޤީ އިޖުރާއަތްތައް ނިންމުމަށްފަހު، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބޭރުކުރުމުގެ ސިޔާސަތުގެ ދަށުން މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ޙަވާލުކޮށްފައެވެ.
ރާއްޖޭގައި ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތަކާއި، ވަކިން ޚާއްޞަކޮށް ބިދޭސީން ބައިވެރިވެގެން ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ވަނީ ޚާއްޞަ އިސްކަމެއްދީފައެވެ. ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިފަދަ ނެޓްވޯކްތައް ހޯދުމަށް ދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ. މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތައް ޤައުމުން ބޭރުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.






