ބަންގްދަދޭޝްގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 15،717 ކުޑަކުދިން ގެއްލިފައިވާކަމަށް އެ ޤައުމުގެ ފުލުހުންގެ މައި އިދާރާއިން ހާމަކޮށްފިއެވެ. އޭގެ ތެރެއިން 2،038 ކުދިން އަދިވެސް ފެނިފައި ނުވާ ކަމަށް ކަމާބެހޭ ރިޕޯޓުތަކުން ދައްކައެވެ.
ފުލުހުންގެ މައި އިދާރާއިން ނެރުނު ނޫސްބަޔާނެއްގައިވާގޮތުން، މި މުއްދަތުގެ ތެރޭގައި ގެއްލުނު ކުދިންގެ ތެރެއިން 13،679 ކުދިން ހޯދައި ނުވަތަ އެ ކުދިންގެ އާއިލާތަކާ ހަވާލުކުރެވިފައިވެއެވެ. އަދި ނުފެނިވާ ކުދިންގެ އަދަދު އުޅެނީ މުޅި ޖުމްލަ ގެއްލުނު ކުދިންގެ ނިސްބަތުން 13 އިންސައްތައިގައެވެ. ބައެއް މީސް މީޑިއާ އާއި ނޫސްތަކުގައި މި ކުދިން ގެއްލުނު ކަމުގެ ޚަބަރުތައް ފެތުރި، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދުމާ ގުޅިގެން ފުލުހުން ވަނީ މި ތަފާޞީލުތައް ރަސްމީކޮށް ހާމަކޮށްފައެވެ.
ފުލުހުންގެ ތަފާޞީލުތަކުން ދައްކާ ގޮތުން، ގެއްލޭ ކުދިންގެ ސަބަބުތައް އެ ކުދިންގެ އުމުރާ ގުޅިގެން ތަފާތުވެއެވެ. އުމުރުން ސުން އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުދިން ގެއްލެނީ ގިނަ ފަހަރަށް އާއިލާއާއެކު އައު ތަންތަނަށް ދާފަހުން މަގު އޮޅިގެންނެވެ. އަދި އުމުރުން 10 އަަރާއި 17 އަަރާ ދެމެދުގެ ކުދިން ގެއްލޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރުޅިއައިސްގެން ގެއިން ނުކުތުމާއި، ކިޔަވާ ކުދިންނަށް ކިޔަވުމަށް ޕްރެޝަރެއް ކުރިމަތިވުމާއި، އާއިލީ މައްސަލަތަކާއި، އަދި އެކުވެރިންގެ ނުފޫޒު ފޯރުން ހިމެނެއެވެ.
މީގެ އިތުރުން، އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ ނިޒާމު ތައާރަފުކުރުމާ ގުޅިގެން މީހުން ގެއްލޭ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުން ފާހަގަކުރިއެވެ. މިފަދަ ކަންކަން ހައްލުކުރުމަށްޓަކައި ޤައުމުގެ ސިފައިންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެއެވެ.






