ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްގެ މުސާރަ %60 އަށްވުރެ ބޮޑުކޮށް، 2.8 މިލިއަން ޑޮލަރަށް ބަދަލުކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. މިއާއެކު ސިންގަޕޫރު ބޮޑު ވަޒީރު ވެގެންދާނީ ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބިވަޑައިގަންނަވާ ލީޑަރަށެވެ. މީގެ ކުރިން އޭނާގެ އަހަރީ މުސާރައަކީ 1.7 މިލިއަން ޑޮލަރެވެ.
އަންގާރަ ދުވަހު ޤާނޫނުހަދާ މަޖިލީހުގައި މިކަން އިޢުލާނުކުރައްވަމުން ބޮޑުވަޒީރު ވޮންގް ވިދާޅުވީ، ޤައުމަށް ޤާބިލު ސިޔާސީ ވެރިން ހޯދުމަށާއި، ރަނގަޅު ވެރިކަމެއް ދަމަހައްޓައި ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް މި ބަދަލު ގެންނަންޖެހޭ ކަމަށެވެ. މި އިސްލާޙުގެ ދަށުން، ބޮޑުވަޒީރުގެ ނާއިބްގެ އަހަރީ މުސާރަ 1.48 މިލިއަން ޑޮލަރުން 2.42 މިލިއަން ޑޮލަރަށް ބަދަލުވެގެންދާނެއެވެ. އަދި ކެބިނެޓުގެ ވަޒީރުންގެ މުސާރަތައް 1.42 މިލިއަން ޑޮލަރާއި 2.28 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އިތުރުވެގެންދާނެއެވެ.
މުސާރައަށް އަންނަ އިތުރުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވޮންގް ވިދާޅުވީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައަކީ ޢާންމުންގެ މެދުގައި ބަހުސްކުރެވޭ، އަދި އިޙުސާސްތަކާ ގުޅިފައިވާ ނާޒުކު މައްސަލައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އާންމު ރައްޔިތުންނަށް ލިބޭ އާމްދަނީއާ އަޅައިބަލާއިރު ސިޔާސީ ވެރިންގެ މުސާރަ މާ ބޮޑަށް ބޮޑުވުމުން ރައްޔިތުން އެކަމަށް ފާރަވެރިވާނެކަން ޤަބޫލުކުރައްވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ. ނަމަވެސް، ޤައުމުގެ ކުރިމަގަށް ބޭނުންވާ ފެންވަރު ރަނގަޅު ލީޑަރޝިޕެއް ޤާއިމުކޮށް ކިޔަވައިގެން ތިބި ތަންދޮރު ދަންނަ މީހުން ގައުމު ހިންގުމުގައި ތިބުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ބޮޑުވަޒީރު ވޮންގް ވަނީ އޭނާގެ މުސާރައަށް އިތުރުވާ މިންވަރު މުޅިން ހެޔޮ ކަންކަމަށާއި އެހީތަކަށް ހޭދަކުރުމަށް ރާއްވަވާފައިވާ ކަމަށް ވިދާޅުވެފައެވެ. މި މުސާރައިގެ ބަދަލުތައް ގެނައުމަށް ލަފާދީފައިވަނީ މިނިވަން ކޮމިޓީއަކުންނެވެ. އަދި މިހާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މި ބަދަލުތައް އަންނާނީ ސީދާ އެއްފަހަރާ ނޫންކަމަށާއި، އޮކްޓޯބަރު 15 ވަނަ ދުވަހުން ފެށިގެން %9 އާ ހަމައަށް އެކި ބޭފުޅުންގެ ފެންވަރަށް ބަލައިގެން ބަދަލުތައް އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ދުނިޔޭގައި ކޮރަޕްޝަން ކުޑަ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ސިންގަޕޫރަކީ ރޮނގާލިފަތި މަތީފަންތިއަށް ގެންނަ ގައުމެއް ނޫނެވެ. ސިންގަޕޫރުގެ ސިޔާސީ ވެރިންގެ މުސާރައަށް މިފަދަ ބޮޑު ބަދަލެއް މީގެ ކުރިން އައިސްފައިވަނީ މީގެ 15 އަހަރު ކުރިންނެވެ.
މި ނިންމުމާއެކު، އެމެރިކާއާއި ޖީ-7 ޤައުމުތަކުގެ ވެރިންނަށްވުރެ ވެސް ސިންގަޕޫރުގެ ބޮޑުވަޒީރުގެ މުސާރަ މަތިވެގެންދާނެއެވެ.






