އެމެރިކާގެ ކޮންގްރެސްގެ މެދުތެރޭ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއަށް އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ، އެމެރިކާގެ ކޮންމެ ރައްޔިތަކަށް 5،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދެއްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓެކްސަސްގެ ޑާލަސްގައި ޖުމްހޫރީ ޕާޓީގެ އެއްވުމުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކޮންގްރެސްގެ ދެ ގޭގެ އަޣުލަބިއްޔަތު އޭނާގެ ޕާޓީއަށް ލިބިއްޖެ ނަމަ، އެމެރިކާގެ އިޤްތިޞާދީ ކުރިއެރުމާއި ބާރުގެ ދަށުން ގައުމުގެ ކޮންމެ ބޮޑު މީހަކަށް ބޮލަކަށް ޢަދަދުގެ ފައިސާ ބައްސަވައި ދެއްވާނެ ކަމަށެވެ. އަދި ކާމިޔާބު ވިޔަފާރި ކުންފުނިތަކުން ހިއްސާދާރުންނަށް ފައިދާ ބަހާ އުޞޫލުން މި ފައިސާ ދޫކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، މި ފައިސާ ހޭދަކުރަންވާނީ ހަމައެކަނި އެމެރިކާގެ ސަރަހައްދުގެ އެތެރޭގައި ކަމަށް ވިދާޅުވިއެވެ. ޓްރަމްޕް މި ވާހަކަ އިއުލާން ކުރެއްވިއރު އޭނާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓު އިންނެވީ މަލާމާތުގެ ޒާތަކަށް ބަލަހައްޓަވައިގެން ހޭށެވެ!
ޓްރަމްޕް ބިރު ގަންނަނީ އޭނާއަށް ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލު ގެއްލިއްޖެނަމަ އޭނާގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކާ މެދު ކޮންގްރެސްއިން ވާހަކަ ދައްކަފާނެތީއެވެ. އެމެރިކާގެ ރައްޔިތުން ދެކޭ ގޮތުގައި ވެރިރަށް ވޮޝިންޓަނުގައި ކޮރަޕްޝަން ވަނީ ވަރުގަދައަށް އަށަގެންފައެވެ. ޓްރަމްޕާއި އޭނާގެ އައުލާދުން ދަނީ އަމިއްލަ ކުންފުންޏެއް ފަދައިން އެމީހުންގެ ގުޅުންތަކާއެކު ސަރުކާރުން ވިޔަފާރި ކުރަމުންނެވެ.
ޓްރަމްޕްގެ މި 5 ހާސް ޑޮލަރު ބޮލަކަށް ބަހާނެ ގޮތެއްގެ ވަރަށް ތަފުސީލު މަޢުލޫމާތޔ ހާމަނުކުރެއްވި ނަމަވެސް، ޤާނޫނު ހަދާ މަޖިލީހުގެ ތާއީދާއެކު "ޓްރަމްޕް ރެވެނިއު" ގެ ނަމުގައި މި ފައިސާ ދޫކުރުމަށް ރާވާފައިވާ ކަމަށް ބެލެވެއެވެ.
ނައިބު ރައީސް ޖޭ.ޑީ. ވެންސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޮމްޕޯޓު ޑިއުޓީ ނުވަތަ ޓެރިފް މެދުވެރިކޮށް ލިބެމުންދާ އާމްދަނީން މިފަދަ ކަންކަމަށް ފައިސާ ހަމަޖެއްސޭނެ ކަމަށެވެ.
މި އިންތިޚާބަކީ ޓްރަމްޕްގެ ވެރިކަމާ މެދު މީހުން ދެކޭ ގޮތް ހާމަވާނެ ވޯޓެކެވެ.
އަދި އެމެރިކާއިން ސަހުޔޫނީންގެ ޖެނޮސައިޑަށް ތާއީދު ކުރުމާ ދެކޮޅަށް އެމެރިކާގައި އަށަގެންފައިވާ ރޫހު ސާބިތުކޮށްދޭނެ ވޯޓެކެވެ.
އީރާނުގެ ހަނގުރާމައަށް ވަދެވި ޓްރަމްޕަށް ނިކުމެވޭނެ ގޮތެއް ނެތުމުން މީހުންގެ މެދުގައި އޭނާގެ މަގްބޫލުކަމަށް އަސަރުކޮށްފައި ވެއެވެ.





