ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ސައުތު-އީސްޓް އޭޝިއާ ސަރަހައްދުގެ ވެރިޔާގެ މަގާމުގައި ހުންނެވި، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ އަންހެން ދަރިކަނބަލުން ސައިމާ ވާޖިދު ޕުތުލް، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މާލީ ޚިޔާނާތުގެ ތުހުމަތުތަކަކާ ގުޅިގެން، އދ. ގެ ސިއްހަތު ޖަމްޢިއްޔާއާއި ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ތަޙުޤީޤުތަކެއް ހިންގަމުންދަނިކޮށެވެ.
ސައިމާގެ އިސްތިއުފާގެ ސިޓީގައިވާ ގޮތުން، ބުދަ ދުވަހު އޭނާ ވަނީ މި މަގާމުން ވަގުތުން އަމިއްލަފުޅަށް ދުރުވެވަޑައިގެންފައެވެ. މި ހާދިސާއަކީ 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި އިންޤިލާބާ ގުޅިގެން ވެރިކަން ބަދަލުވުމަށްފަހު، ޝެއިޚް ހަސީނާގެ އާއިލާގެ ބޭފުޅުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ކަމެކެވެ.
ފަސް އަހަރުގެ ދައުރަކަށް 2024 ވަނަ އަހަރުގެ ކުރީކޮޅު މި މަގާމާ ހަވާލުވެވަޑައިގެންނެވި ސައިމާ، މުސާރަ ނުލިބޭގޮތަށް އިދާރީ ގޮތުން އެކަހެރި ކުރެވުނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ބަންގްލަދޭޝްގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން 2025 ވަނަ އަހަރުގެ މާޗް މަހު އޭނާގެ މައްޗަށް މަކަރާއި ހީލަތާއި އަދި ހިޔާނާތުގެ ދަޢުވާ އުފުލުމާ ގުޅިގެން، ޑަބްލިޔު.އެޗް.އޯ އިން ވަނީ އެ އަހަރުގެ ޖުލައި މަހު އޭނާ މަސައްކަތުން ދުރުކޮށްފައެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި މާލީ ޚީޔާނާތް ހިންގާފައިވާ ކަމަށާއި، ތަޢުލީމީ ސެޓްފިކެޓުތަކާ ގުޅޭގޮތުން ވެސް މަޢުލޫމާތު އޮޅުވާލާފައިވާ ކަމަށް ޑަބްލިޔު.އެޗް.އޯ އިން ތުހުމަތުކޮށްފައިވެއެވެ.
ސައިމާގެ ޤާނޫނީ ވަކީލުން މިއަހަރުގެ ޖުލައި މަހު ފޮނުވި ސިޓީއެއްގައި ވަނީ މި ތުހުމަތުތައް މުޅިން ދޮގުކުރައްވާފައެވެ. އަދި ދަތުރުފުޅުގެ ޚަރަދާ ގުޅޭގޮތުން ފާހަގަކުރެވުނީ އެހީތެރިއެއްގެ އިދާރީ އިހުމާލެއް ކަމަށާއި، އެއީ 901 ޑޮލަރުގެ ކުޑަ ޢަދަދެއް ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ޑަބްލިޔު.އެޗް.އޯ ގެ ޑިރެކްޓަރ ޖެނެރަލްއަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ސައިމާ ވިދާޅުވެފައިވަނީ، އޭނާއަށް މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅަމުންދާތީ، ޖަމްޢިއްޔާގެ ވެރިންނަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި މުސާރަ ނުލިބި އެއް އަހަރަށްވުރެ ގިނަ ދުވަސްވުމުގެ ސަބަބުން މާލީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.






