ޖޯޑަންގައި ހުންނަ މުވައްފަޤު ޞަލްޠީ ވައިގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ކާމިިޔާބު މިސައިލް ހަމަލާތަކެއްގައި، އެމެރިކާ ސިފައިންގެ އަސްކަރީ މަތިންދާ ބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ސީ.ބީ.އެސް ނޫހުން ތަފާތު އަސްކަރީ މަސްދަރުތަކާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެމެރިކާ ސިފައިންގެ ހަނގުރާމަވެރި ބޯޓުތަކަކަށް ގެއްލުން ލިބިފައި ވެއެވެ. އަދި މިކަން އެމެރިކާއިން އިއުލާން ކުރާން ބޭނުމެއް ނުވެއެވެ.
އީރާނުގެ މި ހަމަލާތަކުގެ ސަބަބުން އެމެރިކާ ސިފައިންގެ އެފް-15 މަރުކާގެ ހަނގުރާމަ މަތީ މަތިންދާބޯޓުގެ 8 ބޯޓަކަށް އެކި ވަރުގެ ގެއްލުންތަކެއް ލިބިފައިވެއެވެ. މީގެ އިތުރުން، އެމެރިކާ ސިފައިންގެ އޭ-10 ތަންޑަރބޯލްޓް މަރުކާގެ ބޯޓަކަށް ސީދާ ހަމަލާއެއް އަމާޒުވެ، އެ ބޯޓުގެ ފިޔަގަނޑަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ވެއެވެ.
އީރާނުގެ އިންޤިލާބީ ސިފައިން ބުނެފައިވާ ގޮތުގައި، އެ ޤައުމުގެ ތެޔޮ ބޯޓުތަކަށް އެމެރިކާ ސިފައިން ދިން ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން މި އޮޕަރޭޝަން ހިންގާފައިވަނީ ވަރަށް ކާމިޔާބުކަމާއެކުގައެވެ. އަދި ޖޯޑަންގައި ހުންނަ އަލްއަޒްރަޤު ވައިގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. މި މިސައިލްތައް ވައްޓާލި ކަމަށް އެމެރިކާއިން ބުނި ނަމަވެސް އީރާނުން ބުނެފައި ވަނީ ކާމިޔާބު ކަމާއެކު އަމާޒަށް އެމިސައިލްތައް ފޯރާފައިވާ ކަމަށެވެ.
އީރާންގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ އެފް-35، އެފް-16، އަދި އެފް-15 މަރުކާގެ ބޯޓުތައް ބަލަހައްޓާ ހެންގަރުތަކާއި މަރާމާތު ކުރާ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ބުނެއެވެ.





