އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތުގެ އަނބިކަނބަލުން ޖެނިފަރ ހެގްސެތުގެ ނުފޫޒުން ދިފާއީ ވުޒާރާ ހިންގަމުންދާ މައްސަލައާ ގުޅިގެން ބޮޑެތި ޚިޔާލުތުފާތުވުންތަކެއް އުފެދިއްޖެއެވެ. ޒަމާނުއްސުރެ ސިޔާސީ މަޤާމުތަކުގައި ތިބޭ ބޭފުޅުންގެ އަނބިއަނބިކަނބަލުން އަދާކުރަމުން އައި އާންމު ދައުރާ ޚިލާފަށް، ޖެނިފަރ ވަނި ކަންކަން ނިންމުމާއި މުވައްޒަފުން އައްޔަންކުރުމުގެ ކަންކަމުގައި ފަހުބަސް ބުނާ މީހާއަށް ވެފައެވެ..
"އައި ބީޕަރ" ނޫހުގައި ލިޔުއްވި ލިޔުމެއްގައި ކެތުރިން ސްޓިއުޓް ފާހަގަކުރައްވާފައިވާ ގޮތުގައި، ޕީޓް ހެގްސެތު އެމެރިކާގެ އެންމެ ބޮޑު ދިފާޢީ މުއައްސަސާގެ އެންމެ އިސްވެރިޔާގެ މަޤާމަށް ވަޑައިގެންނެވުމުގައި ޚާއްސަ ގޮތްތަކެއް ހުރިއިރު، އޭނާގެ މަސައްކަތުގެ މާޙައުލުގައި އަނބިކަނބަލުންގެ ދައުރު ފުޅާވެފައިވުމަކީ މުއައްސަސާގެ ހައިބަތާއި ޤާނޫނީ ހަމަތަކަށް ނުފޫޒު ފޯރާނެ ކަމެކެވެ. ޚާއްޞަކޮށް، ޤައުމީ ސަލާމަތާއި ދިފާޢީ މުހިންމު މަޢުލޫމާތު ޙިއްސާކުރުމުގައި ގެންގުޅޭ އުޞޫލުތައް ފެއިލްވެ، ސިއްރު މެސެޖިންގ ޕްލެޓްފޯމްތައް މެދުވެރިކޮށް މަޢުލޫމާތު ލީކުވުމުގެ ޙާދިސާތަކުގައި ވެސް ޖެނިފަރގެ ނުފޫޒު އޮތްކަން ރިޕޯޓުތަކުން ހާމަވެއެވެ.
މީގެ އިތުރުން، ޕެންޓަގަންގެ ވަޒީފާތަކަށް މީހުން އައްޔަންކުރުމަށް ބޭއްވޭ އިންޓަވިއުތަކުގައި ބައިވެރިވެވަޑައިގަތުމާއި، ވަޒީރަށް އަމާޒުވާ ފާޑުކިޔުންތަކުގެ ރައްދު ދިނުމުގައި ޖެނިފަރ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ. މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސިފައިންގެ ޢާއިލާތަކާ ބެހޭ ޚާއްޞަ ކޮމިޝަނެއް އުފައްދައި އެތާނގެ ރައީސްކަމަށް ޖެނިފަރ އައްޔަންކުރައްވާފައެވެ. މި ނިންމުމާއެކު، ސަރުކާރުގެ ރަސްމީ ކަންކަމުގައި އޭނާގެ މަޤާމާއި ބާރު އިތުރުވެގެން ގޮސްފައިވެއެވެ.
ޑިޕްލޮމެޓިކް ދާއިރާގެ ބައެއް ފަރާތްތަކުން ދެކޭގޮތުގައި، މިފަދަ ކަންކަމަކީ ޒަމާނީ ސިޔާސީ ނިޒާމުތަކުގައި ތަޢުލީމާއި ޤާބިލުކަމަށްވުރެ ބޮޑަށް ވަފާތެރިކަމާއި އާއިލީ ނުފޫޒަށް އިސްކަންދެވޭ މިންވަރު ހާމަވެގެންދާ ކަންކަމެވެ. އަދި މިކަމުގެ ސަބަބުން ސިފައިންގެ އިސް ސަފުގައި މަސައްކަތްކުރާ ފަންނީ އަދި ޤާބިލު އޮފިސަރުންގެ ހައްޤުތަކަށް އުނިކަން އައިސް، މުއައްސަސާގެ ހިންގުން ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ހިނގައިދާނެ ކަމަށް ވެސް އިންޒާރުދެއެވެ.
މި މައްސަލައާ ގުޅިގެން ޕެންޓަގަންގެ އިސް އޮފިޝަލުންނާއި ސަރުކާރުގެ ރަސްމީ ފަރާތްތަކުން އެއްޗެއް ބުނަން ޖެހިލުންވެއެވެ. ނަމަވެސް، ޤައުމީ ސަލާމަތާ ގުޅުންހުރި މުހިންމު ސިޔާސަތުތައް ކަނޑައެޅުމުގައި އާއިލީ ނުފޫޒު ވަރުގަދަވަމުންދިއުމަކީ އެމެރިކާގެ ބާރު ފަނޑުކޮށް ލުމަށް މުހިންމު ކަމެކެވެ.





