ޔަހޫދީ ރެޖީމުން ވަގަށް ނަގާފައިވާ ފަލަސްޠީނުގެ އަސީރުންގެ ޙައްޤުތަކާއި މައްސަލަތަކަށް ޚާއްޞަކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ބޮޑު ކޮންފަރެންސެއް ހޮނިހިރު ދުވަހު ސްވިޒަލެންޑުގެ ޖެނީވާގައި ފަށައިފިއެވެ. "އަސީރުންގެ މިނިވަންކަމާ ނުލައި ޢަދުލުއިންޞާފެއް ނެތް" މި ޝިޢާރުގެ ދަށުން ބައިނަލްއަޤްވާމީ ކޮންފަރެންސަސް ސެންޓަރުގައި ކުރިއަށްދާ މި ބައްދަލުވުމުގައި، ޤާނޫނީ މާހިރުންނާއި، އަސީރުންގެ ވަކީލުންގެ އިތުރުން ޑިޕްލޮމެޓުންނާއި މަދަނީ ޖަމުޢިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ފަލަސްޠީނުގެ އަސީރުންނާއި ރަހީނުންގެ މައްސަލަ ހަމައެކަނި އަޚްލާޤީ އެއްބާރުލުން ދިނުމުގެ މައްސަލައެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، ބައިނަލްއަޤްވާމީ ފެންވަރުގައި ޢަމަލީ، އަދި ޤާނޫނީ ފިޔަވަޅުތަކަކަށް ބަދަލުކުރުމެވެ. މި ވަގުތު ޖެނީވާގައި އިންސާނީ ޙައްޤުތަކާ ބެހޭ އދގެ މަޖިލީހުގެ 63 ވަނަ ޢާންމު ޖަލްސާ ކުރިއަށްދާ އިރު މި ކޮންފަރެންސަށް އިތުރު ސަމާލުކަމެއް ލިބިފައިވާކަން އިންތިޒާމުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ކޮންފަރެންސްގެ ތަރުޖަމާނު ޢަބްދުލްމަޖީދު މުރާރީ ވިދާޅުވީ، މި ވަގުތާއި ޖެނީވާ ޚިޔާރުކުރީ އިންސާނީ ޙައްޤުތަކުގެ މައި މަރުކަޒާ ކައިރިން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް ކަމަށެވެ. އަދި ޔަހޫދީންގެ ޕާލަމެންޓުން އަސީރުންނާ ދެކޮޅަށް ފާސްކުރި ޤާނޫނުތަކުގެ ސަބަބުން މި ބައްދަލުވުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ހަމައެކަނި ތަސްވީރުކުރުމާއި ވާހަކަ ދެއްކުމުގެ ބައްދަލުވުމެއް ނޫން ކަމަށާއި، މިއީ ޢަމލީ ގޮތުން ޕްރޮގްރާމްތައް ރާވައި، ބައިނަލްއަޤްވާމީ ޝަރުޢީ މައިދާންތަކަށް ހުށهހެޅުމަށް ފުރިހަމަ ފައިލްތަކެއް ތައްޔާރުކުރުމުގެ ބައްދަލުވުމެއް ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ. ޙައްޤުތަކާ ބެހޭ މުވައްސަސާތަކުގެ ލަފާކުރުންތައް ދައްކާ ގޮތުން، އިޒްރޭލުގެ ޖަލުތަކުގައި މިހާރުވެސް 9,500 އަށްވުރެ ގިނަ ފަލަސްޠީނުގެ އަސީރުން ތިއްބެވެ.
ޑެންމާކު، ޖަރުމަނު، ނެދަލެންޑު، ފަރަންސޭސިވިލާތު، ބެލްޖިއަމް އަދި ހަންގޭރީ ފަދަ ޤައުމުތަކުން އައިސްފައިވާ ބައިނަލްއަޤްވާމީ ވަކީލުންނާއި ފަލަސްޠީނުގެ ވަކީލުން ހިމެނޭ ގޮތަށް ޚާއްޞަ ޓީމެއް މިމަސައްކަތުގަިއ ބައިވެރިވެއެވެ. މި ޓީމުން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށާއި ޔޫރަޕްގެ ޤާނޫނީ ނިޒާމުތަކުގެ ތެރެއިން ދަޢުވާކުރުމަށް ބޭނުންވާ ފައިލްތައް އެކުލަވާލަމުން ގެންދާނެއެވެ.
އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސްގައި ތިން ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ރަހީނުންނާއި އަސީރުންގެ ޤާނޫނީ ޙާލަތާއި، ޖަލުތަކުގައި ހިންގާ ލާއިންސާނީ ޢަމަލުތަކުގެ އިތުރުން ޔޫރަޕްގެ ޤާނޫނީ އޮނިގަނޑުތައް މެދުވެރިކޮށް ޒިންމާދާރުކުރުވުމުގެ މައްޗަށް މަޝްވަރާކުރާނެއެވެ. ކޮންފަރެންސް ނިމިގެން ނެރޭ ރަސްމީ ބަޔާނުގައި އދ. އާއި ޔޫރަޕްގެ ޕާލަމެންޓްތަކަށް ހުށަހަޅާ ޚާއްޞަ ހުށަހެޅުންތައް ހިމަނާނެއެވެ.







