އިސްލާމްއާބާދަށް ދިއުމަށް ކުރާ މުޒާހަރާއާ ދިމާކޮށް ޕަންޖާބުގައި އެއްވެ އުޅުން މަނާކޮށްފި

ޕާކިސްތާނުގެ އިމްރާން ޚާންގެ އިދިކޮޅު ޕާޓީ ޕީޓީއައި އިން ވެރިރަށް އިސްލާމްއާބާދަށް މުޒާހަރާއަކަށް ދިއުމަށް ރާވާފައިވާ ހަރަކާތްތަކާ ގުޅިގެން، ޕަންޖާބު ޕްރޮވިންސްގައި އެއްވެ އުޅުން މަނާކޮށް، މަރުކަޒީ ސަރުކާރުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. ސިޔާސީ ދެބަސްވުން ހޫނުވެފައިވަނީ ސިޔާސީ ހަރަކާތެއްގެ ތެރެއިން ޕީޓީއައިގެ އެކްޓިވިސްޓަކު ނިޔާވުމާ ގުޅިގެންނެވެ.

ޕަންޖާބު ޕްރޮވިންސްގެ ހޯމް މިނިސްޓްރީން ވަނީ ޖިނާއީ އިޖުރާއަތުގެ 144 ވަނަ މާއްދާގެ ދަށުން، ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮވިންސްގައި ފަހަކަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައެވެ. މި އަމުރުގެ ދަށުން އާންމު ތަންތަނުގައި ހަތިޔާރު ގެންގުޅުމާއި ދެއްކުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ކައިވެނިކުރުމާއި، ޖަނާޒާތަކާއި، ދީނީ ކަންކަމުގެ އިތުރުން ކޯޓުތަކާއި ސަރުކާރުގެ ރަސްމީ މަސައްކަތްތަކަށް މި އަމުރުން އިސްތިސްނާ ލިބިގެންވެއެވެ. ބޮޑެތި އެއްވުންތަކަށް ޓެރަރިސްޓް ޖަމާޢަތްތަކުން ހަމަލާދީފާނެ ކަމުގެ އިންޒާރުތަކެއް ލިބިފައިވާތީ، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށް މި ފިޔަވަޅުތައް އެޅީ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން މަރުކަޒީ ސަރުކާރުގެ އެންގުމަކަށް، ޕަންޖާބުން 15,000 ސިފައިން، ސިންދު ޕްރޮވިންސުން 8,000 ސިފައިން އަދި ބަލުޗިސްތާނުން 500 ސިފައިން ހިމެނޭހެން ޖުމުލަ 23,500 ސިފައިން ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ކުރިން ހަރަކާތްތެރިވާނެއެވެ. ރަވްލްޕިންޑީގެ ފުލުހުންވަނީ ކުއްލި ޙާލަތްތަކުގައި މެނުވީ އޮފިސަރުންގެ ޗުއްޓީ އޮކްޓޯބަރު މަހާ ހަމައަށް ކެންސަލްކޮށްފައެވެ. އަދި ޕީޓީއައިގެ އިސް 179 ފަރާތެއްގެ ނަންތައް ފުލުހުން ވަނީ ލިސްޓުކޮށްފައެވެ.

ޕާކިސްތާންގެ ބޮޑުވަޒީރުގެ ސިޔާސީ ކަންކަމާބެހޭ މުޝީރު ރަނާ ސަނާޢުﷲ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ހަތިޔާރު ހިފައިގެންތިބި ބަޔަކު ގޮވައިގެން ވެރިރަށަށް ވަނުމަށް ކަމަށެވެ. އަދި ޓެރަރިސްޓް ފަރާތްތަކުން މިފަދަ ހަރަކާތްތަކުގެ ފައިދާ ނަގައި ޤައުމުގެ މަސްރަހު ހަލަބޮލިކޮށްފާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ޕީޓީއައިގެ ފަރާތުން މިކަންކަން ކުށްވެރިކޮށް ބުނެފައިވަނީ ސަރުކާރުން ހިންގަމުންދަނީ ސިޔާސީ ބަދުލުހިފުމުގެ ހަރަކާތްތަކެއް ކަމަށެވެ. އަދި ޕްރޮވިންސްގެ އެކި ސަރަޙައްދުތަކުން ސިޔާސީ މަސައްކަތްތެރިން ހައްޔަރުކޮށް، ފުލުހުންގެ ބާރުގެ ބޭނުންކުރަމުންދާ ކަމަށް އެ ޕާޓީގެ އިސް ވެރިން ތުހުމަތުކުރައްވައެވެ.

ހިއްސާ ކުރައްވާ!