ނިއުދިއްލީ ސަމިޓުން ދައްކުވައިދިނީ ތަފާތު ޚިޔާލު ތަކާއެކުވެސް ގުޅިގެން މަޝްވަރާކުރުމުގެ މުހިންމުކަން

ބައިނަލްއަޤުވާމީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ނިއުދިއްލީގައި ނިމިދިޔަ ބްރިކްސް ސަމިޓުން އެންމެ ބޮޑަށް ހާމަވެގެންދިޔައީ، ޚިޔާލު ތަފާތުވުންތަކާ އެކުގައިވެސް މުހިންމު ޤައުމުތަކަކަށް އެއް މޭޒެއްގައި މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ކަމެވެ. އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، ރަޝިޔާއިން ޔުކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤުވާމީ މައިދާން ބަހަލައިގެންގޮސްފައިވާ ވަގުތެއްގައި، މި ސަމިޓުން ވަނީ ޚާއްސަ ކަންތައްތަކެއްގެ މައްޗަށް އެކުލެވޭ "ނިއުދިއްލީ ޑިކުލަރޭޝަން" ފާސްކޮށްފައެވެ.

ބްރިކްސް ޖަމުޢިއްޔާއަކީ ނޭޓޯ ނުވަތަ ޔޫރަޕިއަން ޔޫނިއަން ފަދަ އެއް ސިޔާސީ ނިޒާމެއްގެ ދަށުން ހިންގާ ޖަމާއަތެއް ނޫނެވެ. މިއީ ތަފާތު ސްޓްރެޓީޖީތަކާއި ތަފާތު ވިސްނުންތަކާއި މަސްލަހަތުތައް ތަފާތު ގައުމުތަކެއް، އެެއްވެ، އިޤްތިޞާދީ އަދި ސިޔާސީ ކަންކަމުގައި މަޝްވަރާކުރުމަށް އުފައްދާފައިވާ ޕްލެޓްފޯމެކެވެ. މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ސަމިޓުގެ ބައިވެރިން ހާމަކުރި ޚިޔާލުތަކުން އެކަން ރަނގަޅަށް ހާމަވެއެވެ. ލީޑަރުން ވަނީ ހަމަނުޖެހުންތައް ބޮޑުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، އެންމެ މަތީ ދަރަޖައަށް ކެތްތެރިކަން އިސްކުރުމަށާއި، ޑިޕްލޮމެޓުން މެދުވެރިކޮށް ހައްލު ހޯދުމަށް ގޮވާލައްވާފައެވެ.

މި ޖަމުޢިއްޔާގެ އެންމެ ބޮޑު ބާރަކަށްވެފައިވަނީ ސިޔާސީ އެއްގޮތްކަމެއް ނެތުމެވެ. ނަމަވެސް، މާލީ އަދި އިޤްތިޞާދީ މައިދާނުގައި ޢަމަލީ ސިފައެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ދެއްކުމެވެ. އެގޮތުން ބައިނަލްއަޤުވާމީ މަނިޓަރީ ފަންޑާއި، ވޯލްޑް ބޭންކާއި، އަދި ޑަބްލިޔު.ޓީ.އޯ އިސްލާޙުކުރުމަށް ގޮވާލާފައިވެއެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށް ވެސް ވަނީ ބާރުއަޅާފައެވެ. އަދި އައު ޑިވެލޮޕްމަންޓް ބޭންކު މެދުވެރިކޮށް ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމާއި، ޤައުމީ ފައިސާ ބޭނުންކޮށްގެން މުޢާމަލާތްކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަން މި ސަމިޓުން ފާހަގަކުރެވެއެވެ.

ޗައިނާއާއި އިންޑިއާގެ ދެމެދުގައި އޮތް ބޮޑު ވާދަވެރިކަމާއި އަދި، ހުޅަނގުގެ ޤައުމުތަކާ އޮތް ގުޅުންތަކުގެ ސަބަބުން ބްރިކްސްގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، މިއީ ގިނަ ބާރުތަކެއްގެ މައްޗަށް އެކުލެވޭ ދުނިޔޭގެ އައު ނިޒާމެއް ބިނާކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ޖަމުޢިއްޔާއެކެވެ. ނިއުދިއްލީ ސަމިޓުގެ ނިންމުންތަކުން ދައްކުވައިދެނީ ދުނިޔޭގެ މައްސަލަތައް ހައްލުކުރުމުގައި ހަމައެކަނި ހުޅަނގުގެ މަރުކަޒީ ނިޒާމުތަކަށް ބަރޯސާވުން ނިމުމަކަށް އަންނަމުންދާ ކަމެވެ.

ހިއްސާ ކުރައްވާ!