ރޭ ދަންވަރު ރަޝިޔާއިން ޔުކްރޭންގެ ވެރިރަށް ކިއެވްއަށް އަމާޒުކޮށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި 10 އަހަރުގެ އަންހެން ކުއްޖަކާއި އިތުރު ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ. ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން ކިއޭވްގެ ސްކޫލުތަކަށް ގެއްލުންތަކެއް ލިބި، ގިނަ އިމާރާތްތަކެއްގައި އަލިފާނުގެ ޙާދިސާތައް ހިނގާފައިވާ ކަމަށް ޔުކްރޭންގެ އޮފިޝަލުން ބުނެއެވެ.
ކިއެވް އިންޑިޕެންޑެންޓްގެ ނޫސްވެރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރެއިން ފެށިގެން 17 ވަނަ ދުވަހުގެ ފަތިހާ ހަމައަށް ޔުކްރެއިންގެ ވެރިރަށް ކިއެވްގެ އެކި ސަރަޙައްދުތަކަށް ބާރުގަދަ ގޮވުންތަކެއް އަމާޒުވެފައިވެއެވެ. ޚާއްސަކޮށް، ރޭގަނޑުގެ ވަގުތު ވެރިރަށުގެ މަތިން ބެލިސްޓިކް މިސައިލްތަކެއް ދަތުރުކުރަމުންދިޔަ ކަމަށާއި، ޖެހިޖެހިގެން ހިނގި ބާރުގަދަ ގޮވުންތަކާ ގުޅިގެން މުޅި ސަރަޙައްދުގައި އެލާޓް އިއުލާންކުރިކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ޙަމަލާތަކާ ގުޅިގެން ޔުކްރޭންގެ ސްޓޭޓް އިމަޖެންސީ ސާވިސްއިން ބުނެފައިވަނީ، ހޮލޮސިވްސްކީ ޑިސްޓްރިކްޓްގައި ހުންނަ މަތީ ތަޢުލީމީ މަރުކަޒެއްގެ ހަތަރު ބުރީގެ އިމާރާތުގައި ރޯވެ، ކުޑަދޮރުތަކަށާއި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެމަޖެންސީ ކްރޫއިން ވަނީ ވަގުތުން ޙަރަކާތްތެރިވެ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. މީގެއިތުރުން، ބްރޯވަރީ ޑިސްޓްރިކްޓާއި ފާސްޓިވް ޑިސްޓްރިކްޓްގައި ހުންނަ އަމިއްލަ މީސްމީހުންގެ އިމާރާތްތަކަށާއި އާންމު ޚިދުމަތްތައް ދޭ އިމާރާތްތަކަށާއި، ދަނޑުވެރިކަމުގެ ސާމާނަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ކިއެވް ރީޖަނަލް މިލިޓަރީ އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.
މީގެ ދެ ދުވަސް ކުރިން، ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ޑާނިޓްސްކީ ޑިސްޓްރިކްޓްގެ ގޭސް ސްޓޭޝަނަކަށް ރަޝިޔާއިން އިން ދިން ޙަމަލާއެއްގައި މީހަކު މަރުވެ، އިތުރު 12 މީހަކަށް އަނިޔާވެފައިވެއެވެ. ރަޝިޔާއިން ޔުކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ވެރިރަށުގެ މަދަނީ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް މިފަދަ ޑްރޯން އަދި މިސައިލް ޙަމަލާތައް ދިނުން މެދުކެނޑުމެއްނެތި ކުރިއށް ދާކަން ފާހަގަކުރެވެއެވެ.





