އިންޑިއާއާއި ނިއުޒިލޭންޑާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) މެދުވެރިކޮށް އިންޑިއާގެ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމަށާއި، ކިޔެވުމަށްފަހު ވަޒީފާ އަދާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވާލެވިފައިވާ ކަމަށާއި، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށިގެންދާނެ ކަމަށް ނިއުޒިލޭންޑުގެ ޓްރޭޑް މިނިސްޓަރު ޓޮޑް މެކްލޭ ވިދާޅުވެއްޖެއެވެ.
އޭއެންއައިއަށް ދެއްވި އިންޓަވިއުއެއްގައި މެކްލޭ ވިދާޅުވީ، މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔަވާ ދަރިވަރުންނަށް ނިއުޒިލޭންޑުގައި މަސައްކަތްކުރުމަށް އިތުރު މުއްދަތު ލިބިގެންދާނެ ކަމަށެވެ. އަދި ކިޔަވަމުންދާ މުއްދަތުގައިވެސް ވަޒީފާ އަދާކުރުމުގެ ހައްގު ދަރިވަރުންނަށް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ނިއުޒިލޭންޑުން ހާސިލުކުރާ ތައުލީމާއި ތަޖުރިބާގެ ބޭނުން ހިފައިގެން، ކުރިއަރަމުންދާ އިންޑިއާގެ އިގްތިސާދަށް އެހީތެރިވުމަށް އެ ދަރިވަރުން އަނބުރާ ގައުމަށް ބަދަލުވުމަކީ ދެ ގައުމަށްވެސް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
27 އެޕްރީލް 2026 ގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ނިއުޒިލޭންޑުން ވަނީ ޚިދުމަތްދޭ 118 ދާއިރާއަކުން ބާޒާރު ހުޅުވާލައި އަދި 139 ދާއިރާއަކުން އިމްތިޔާޒު ލިބޭ ދަރަޖަ އިންޑިއާއަށް ދީފައެވެ. މި އެއްބަސްވުމާއެކު އިންޑިއާގެ ދަރިވަރުންގެ އަދަދަށް އޮތް ކޯޓާ އުވާލެވި، ކިޔަވާ ދުވަސްވަރު ހަފުތާއަކު މަދުވެގެން 20 ގަޑިއިރު ވަޒީފާ އަދާކުރުމުގެ ފުރުސަތު ކަށަވަރުކޮށްދީފައިވެއެވެ. އަދި ސްޓެމް ދާއިރާއިން ބެޗްލާސް އަދި މާސްޓާސް ނިންމާ ދަރިވަރުންނަށް ތިން އަހަރާ ހަމައަށް، އަދި ޑޮކްޓަރަލް ހާސިލުކުރާ ފަރާތްތަކަށް ހަތަރު އަހަރާ ހަމައަށް ކިޔެވުމަށްފަހު ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެއިތުރުން، އައިޓީ، އެންޖިނިއަރިން، ހެލްތުކެއާ، އެޑިއުކޭޝަން އަދި ކޮންސްޓްރަކްޝަން ދާއިރާގެ އިތުރުން ޔޯގާ އިންސްޓްރަކްޓަރުންނާއި، އިންޑިއާގެ ކައްކާއިންނާއި މިއުޒިކްީ ޓީޗަރުން ފަދަ ހުނަރުވެރި މަސައްކަތްތެރިންނަށް ޚާއްސަކޮށްގެން "ޓެމްޕަރަރީ އެމްޕްލޯއިމަންޓް އެންޓްރީ" ވިސާގެ ދަށުން ކޮންމެ ވަގުތެއްގައިވެސް 5،000 މަސައްކަތްތެރިންނަށް ތިން އަހަރުގެ މުއްދަތަކަށް ނިއުޒިލޭންޑުގައި އުޅެވޭނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ. އަދި ޒުވާނުންނަށް މަލްޓިޕްލް-އެންޓްރީ "ވާކިން ހޮލިޑޭ ވިސާ" ގެ ދަށުން އަހަރަކު 1،000 ޒުވާނުންނަށް 12 މަސްދުވަހު ނިއުޒިލޭންޑުގައި އުޅެ، މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި އިންވެސްޓްމަންޓް ގުޅުންތަކާ މެދު ވާހަކަދައްކަވަމުން މެކްލޭ ވިދާޅުވީ، މޫސުމީ ތަފާތުތަކުގެ ސަބަބުން އިންޑިއާގައި ކާބޯތަކެތި އުފައްދާ މިންވަރު ދައްކޮށް އުޅޭ ދުވަސްވަރު، ނިއުޒިލޭންޑުގެ ރައްކާތެރި، އުސް ފެންވަރުގެ ކާބޯތަކެތި އިންޑިއާގެ މާކެޓަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރު ފެށި، ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ނިއުޒިލޭންޑަށް އެކްސްޕޯޓްކުރާ ތަކެތީގެ 100 އިންސައްތައިން ޑިއުޓީ އުވާލާފައިވާއިރު، ނިއުޒިލޭންޑުން ވަނީ 20 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް އިންޑިއާއަށް ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަންހެނުން ހިންގާ ވިޔަފާރިތަކަށް އިސްކަންދެވިފައިވާއިރު، އިންޑިއާގެ ކިރާއި ދަނޑުވެރިކަމުގެ ދާއިރާގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.




