ސުންޕާ މަނަވަރުގައި ފަޅުވެރިން ދަންޖެހެން މަސައްކަތް ކުރި

އީރާނާ ދެކޮޅަށް ހަރަކާތްތެރިވި އެމެރިކާގެ މަނަވަރު "ޔޫއެސްއެސް އެބްރަހަމް ލިންކަން" ގައި މަސައްކަތްކުރާ ސިފައިންގެ ތެރެއިން 8 މީހަކު އަމިއްލައަށް މަރުވާން އުޅުނު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފުރަތަމަ ފަހަރަށް އިއުތިރާފުވެއްޖެއެވެ.

އޭއެފްޕީއަށް ލިބިފައިވާ ސިޓީއަކުން އެނގޭ ގޮތުގައި، މި މައުލޫމާތު ހާމަވެފައިވަނީ އެމެރިކާގެ ސެނެޓަރު ކާސްޓަން ގިލިބްރޭންޑް ކުރެއްވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން، އެމެރިކާގެ ނޭވީގެ އެކްޓިން ސެކްރެޓަރީ ހަންގް ކާއޯ ފޮނުއްވި ސިޓީއަކުންނެވެ. މި ސިޓީގައި ވިދާޅުވެފައިވަނީ، މި މަނަވަރުގެ ދަތުރު ފެށުނީއްސުރެ މިހާތަނަށް ކަނޑުމަތީގައި އުޅަނދުގެ ތެރޭގައި ސިފައިން އަމިއްލައަށް މަރުވާން އުޅުނު އަށް ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް، މީގެ ތެރެއިންސިފައިންގެ އެކަކުބެސް މަރުވެފައި ނުވާކަމަށް ނޭވީން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ސިޓީގައިވާ ތަފްސީލުތަކަށް ބަލާއިރު، އޮގަސްޓް މަހުގެ ކުރީކޮޅު އެއާ ވިންގްގެ ސިފައިންގެ މީހަކު ވަނީ މަނަވަރުން ކަނޑަށް ފުންމާލައިގެން އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައެވެ. ނަމަވެސް، ސާޗް އެންޑް ރެސްކިއު ހެލިކޮޕްޓަރެއް ބޭނުންކޮށްގެން އޭނާ ވަގުތުން ސަލާމަތްކޮށް، ފަރުވާއަށްޓަކައި މަނަވަރުން އެހެން ތަނަކަށް ވަނީ ބަދަލުކޮށްފައެވެ. މީގެއިތުރުން، މިދިޔަ މާޗް މަހުގެ ތެރޭގައިވެސް ސިފައިންގެ އެހެން މީހަކު ކަނޑަށް ފުންމާލަން އުޅެފައެވެ.،  އޭނާއާއެކު މަސައްކަތްކުރާ އެހެން ސިފައިން ވަނީ އޭނާ ހުއްޓުވައި، އނބުރައި ގައުމަށް ފޮނުވާލާފައެވެ.

ޔޫއެސްއެސް އެބްރަހަމްލިންކަން ކެލިފޯނިއާއިން ފުރާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވުމަށެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލު ގުޅިގެން އިރާނަށް ދޭން ފެށި ސޮލީބީ ސަހުޔޫނީ ހަމަލާ ތަކާ ގުޅިގެން، މި މަނަވަރުގެ މިސްރާބު ވަނީ މެދުއިރުމައްޗަށް ބަދަލުކޮށްފައެވެ. ކަނޑުމަތީގައި 286 ދުވަސް ހޭދަކުރުމަށްފަހު، މި މަނަވަރު ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ވަނީ ތައިލެންޑަށް ބަނދަރުކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ކަނޑުމަތީގައި އޮތް މި މަނަވަރުގައި ދިރިއުޅުމުގެ ހާލަތު ގޯސްވެ، ސިފައިންގެ ނަފްސާނީ ދުޅަހެޔޮކަން ދަށްވަމުންދާ ކަމުގެ ރިޕޯޓްތައް އެމެރިކާގެ މީޑިއާގައި އާންމުވުމާ ގުޅިގެން، އިރާނާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުންދާ ހަނގުރާމައަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި، ސިފައިންގެ އާއިލާތަކުންނާއި އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ވަނީ މަނަވަރުގައި ސިފައިން އަމިއްލައަށް މަރުވާން އުޅޭ މައްސަލައާއި، ނަފްސާނީ ބޮޑެތި މައްސަލަތަކާއި، ކާބޯތަކެތީގެ ދަތިކަމާއި ނަރުދަމާ މައްސަލަޖެހި ފާޚާނާތައް ބެދިފައިވާ ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، އެ ދުވަސްވަރު ރައީސް ޓްރަމްޕް ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވެސް ވަނީ މަނަވަރުގެ ހާލަތު މީޑިއާގައި ހާމަކޮށްފައިވަނީ ހަގީގަތާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!