ޕާކިސްތާނުގައި ކަރަންޓު އުފައްދާ ބައެއް ޕްލާންޓްތަކުގެ މަސައްކަތް ހުއްޓި، ފެނުން ކަރަންޓު އުފައްދާ މިންވަރު ދަށްވުމާ ގުޅިގެން މުޅި ގައުމުގައި ކަރަންޓު ކެނޑެމުންދާ މިންވަރު 4،000 މެގަވޮޓަށްވުރެ މައްޗަށް ގޮސް، އެ ގައުމުގެ ކަރަންޓުގެ ނުތަނަވަސްކަން އިންތިހާއަށް ގޯސްވެއްޖެ އެވެ. އާރީ ނިއުސްއާ ހަވާލާދީ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، ކަރަންޓުގެ އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން ކަރަންޓު ފޯރުކޮށްދޭ ކުންފުނިތަކަށް ވަނީ މުޅި ގައުމުގައި "ލޯޑް ޝެޑިންގް" ނުވަތަ ތާވަލުކޮށްގެން ކަރަންޓު ކަނޑާލުމުގެ އޮޕަރޭޝަންތައް އިތުރުކުރަން މަޖުބޫރުވެފައެވެ. އެއާއެކު ރަށްފުށުގެ ސަރަހައްދުތަކާއި ބޮޑެތި ސިޓީތަކުގައި ދިރިއުޅޭ އާންމުން ދުވާލަކު ތިނެއް ނުވަތަ ހަތަރު ގަޑިއިރަށް ކަރަންޓާ ނުލައި އުޅެންޖެހިފައިވާއިރު، ބައެއް ސަރަހައްދުތަކުގައި ކަރަންޓު ކެނޑޭ ވަގުތުތައް ވަނީ ކުއްލިއަކަށް އިތުރުވާން ފަށާފައެވެ.
މި ނުތަނަވަސްކަން އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ލާހޯރު ސިޓީއަށެވެ. އެ ސިޓީގައި ކަރަންޓުގެ ބޭނުންޖެހިފައިވާ މިންވަރު 4،000 މެގަވޮޓަށް އަރާފައިވާއިރު، ފޯރުކޮށްދެވެން އޮތީ ގާތްގަނޑަކަށް 3،000 މެގަވޮޓުގެ ކަރަންޓެވެ. އުފެއްދޭ މިންވަރާއި ބޭނުންވާ މިންވަރާ ދެމެދު އުފެދިފައިވާ މި ބޮޑު ފަރަގުގެ ސަބަބުން، ކަރަންޓު ފޯރުކޮށްދިނުމުގެ ނިޒާމަށް ވަނީ ބާރު ބޮޑުވެފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި ކަރަންޓުގެ ޚިދުމަތަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުރިހަމަނުވެ، ކަރަންޓު ކެނޑޭ މިންވަރު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މީގެއިތުރުން ގޭސް ލިބުމަށް ކުރިމަތިވި ހުރަސްތަކާއެކު ލާހޯރުން ޑީސަލް ލިބުން ދަތިވެ، ހަކަތައިގެ މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ.
ޕާކިސްތާނުގެ ނޭޝަނަލް އިލެކްޓްރިކް ޕަވަރ ރެގިއުލޭޓަރީ އޮތޯރިޓީ (ނެޕްރާ) އިން ވަނީ ކޭ-އިލެކްޓްރިކް (ކޭއީ) ކުންފުނިން "އެގްރިގޭޓް ޓެކްނިކަލް އެންޑް ކޮމާޝަލް" (އޭޓީސީ) ގެއްލުންތަކަށް ބަލައިގެން ވަކިވަކި ފީޑަރުތަކުން ކަރަންޓު ކަނޑަމުންދާ މައްސަލައިގައި ފިޔަވަޅު އަޅާފައެވެ.
ނެޕްރާއިން ވަނީ އެފަދަ ގޮތްގޮތަށް ބަލައިގެން ކަރަންޓު ކަނޑާލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި، އެގޮތަށް އެންގުމަކާއި ނުލައި ކަރަންޓު ކަނޑަމުންދާ ދިއުން ވަގުތުން ހުއްޓާލުމަށް ކޭ-އިލެކްޓްރިކަށް އަންގާފައެވެ. ރެގިއުލޭޓަރުން ފާހަގަކުރި ގޮތުގައި، ގަވާއިދުން ކަރަންޓު ބިލު ދައްކަމުންދާ އާންމުން ގުޅިފައިވަނީ ބޮޑެތި ގެއްލުންތައް ލިބޭ ފީޑަރުތަކަކަށް ކަމަށްވީ ނަމަވެސް، އެ މީހުންގެ ކަރަންޓުގެ ޚިދުމަތް މެދުކަނޑާލައިގެން ނުވާނެއެވެ.
ނެޕްރާއިން ތަކުރާރުކޮށް އެންގީ، ކަރަންޓު ބިލު ދައްކާ އާންމު ރައްޔިތުންނަށް އެހެން މީހުން ކުރާ ކަރަންޓު ވައްކަމުގެ ނުވަތަ ކުންފުނީގެ ނާކާމިޔާބީގެ އަދަބު ދީގެން ނުވާނެ ކަމަށެވެ. އަދި މުޅި ފީޑަރުތަކުން ކަރަންޓު ކަނޑާލުމުގެ ބަދަލުގައި، ކަރަންޓު ވައްކަންކުރާ ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ފިޔަވަޅުތައް އެޅުމަށް ނެޕްރާއިން ވަނީ ކޭ-އިލެކްޓްރިކަށް އިރުޝާދު ދީފައެވެ.






