ޗައިނާގެ މައުލޫމާތު އެއްކުރުމުގެ ނިޒާމާ މެދު ނުތަނަވަސްކަން ފާޅުކޮށްފި

ޗައިނާއިން އިލްމީ ދާއިރާތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ މައުލޫމާތު ހޯދުމުގެ ހަރަކާތްތައް އިތުރުވަމުންދިއުމުގެ ސަބަބުން، ގައުމީ ސަލާމަތަށާއި، މުހިންމު ވަސީލަތްތަކުގެ އިތުރުން ޑިމޮކްރެޓިކް ނިޒާމުތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ ޖާސޫސީ އިދާރާތަކާއި މަސްރަހު ދިރާސާކުރާ މާހިރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ދިރާސާކުރާ މާހިރުން އިންޒާރު ދެއްވާ ގޮތުގައި ވަގަށް ނަގާފައިވާ މައުލޫމާތާއި ކުރިއަރާފައިވާ ނިއު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން، ފާރަލުމުގެ އޮޕަރޭޝަންތަކާއި، ސައިބާ ހަމަލާތަކުގެ އިތުރުން ސިޔާސީ ނުފޫޒު ފޯރުވުމުގެ ހަރަކާތްތައް ވަނީ ވަރުގަދަކޮށްފައެވެ.

މި ކަންބޮޑުވުންތައް އިތުރަށް ބޮޑުވެގެންދިޔައީ، އިނގިރޭސިވިލާތުގެ އެތެރޭގެ ޖާސޫސީ އިދާރާ އެމްއައި5 އިން ސެޕްޓެމްބަރު 30 ގައި ނެރުނު ހާއްސަ އިންޒާރަކާ ގުޅިގެންނެވެ. އެމްއައި5 އިން ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ 100 އަށްވުރެ ގިނަ އެކަޑެމިކުން ވަނީ ޗައިނާގެ ސިވިލް އިންޓެލިޖެންސް އޭޖެންސީ، މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީ (އެމްއެސްއެސް) އާ ގުޅުންހުރި މަޝްރޫއުތަކުގައި ބައިވެރިވެފައެވެ.

މި ދިރާސާތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދީފައިވަނީ "ޗައިނާ ޖެނެރަލް ޓެކްނޮލޮޖީ ރިސާޗް އިންސްޓިޓިއުޓް" (ސީޖީޓީއާރުއައި) މެދުވެރިކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، ސައިބާ ސެކިއުރިޓީ އަދި އެހެނިހެން ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ދާއިރާތަކަށެވެ. އެމްއައި5 އިން ފާހަގަކުރި ގޮތުގައި ސީޖީޓީއާރުއައިގެ މައިގަނޑު މަގުސަދަކީ މައުމޫލާތު އެއްކުރުމުގެ ކަންކަމުގައި އެމްއެސްއެސްގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އެކަޑެމިކް ދިރާސާތަކަށް އެހީތެރިވުމެވެ. އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާތަކުން ވަނީ މިއިން މަޝްރޫއެއްގައި ބައިވެރިވާ ފަރާތްތަކާ މެދު، 2023 ގައި ފާސްކުރި ނޭޝަނަލް ސެކިއުރިޓީ އެކްޓުގެ ދަށުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

މީގެއިތުރުން، ޖަރުމަނުވިލާތުގެ މިއުނިކްއިން ފަސްމަސް ދުވަސް ކުރިން ހައްޔަރުކުރި ދެމަފިރިއެއްގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. އެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ވައިގެ ދަތުރުފަތުރާއި، ކޮމްޕިއުޓަރު ސައިންސް އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން މަސައްކަތްކުރާ ދިރާސާވެރިންނާ ގުޅުން ގާއިމުކޮށް، ޗައިނާއަށް ޖާސޫސްކޮށްދިން ކަމުގެ މައްޗަށެވެ.

ތައިވާންގެ ތުންގްހައި ޔުނިވާސިޓީގެ ސެންޓަރު ފޯ ޗައިނާ އެންޑް ރީޖަނަލް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ލިން ސުލީ ފާހަގަކުރެއްވި ގޮތުގައި، ޗައިނާގެ މިފަދަ ހަރަކާތްތަކުގެ ނުރައްކާ ވަކިވަކި ގައުމުތަކަށްވުރެ ބޮޑަށް ބައިނަލްއަގުވާމީ ފެންވުރަށް ފުޅާވެގެންދެއެވެ. ލިން ވިދާޅުވީ، އެ މައުލޫމާތުގެ ބޭނުންކޮށްގެން ވަކިވަކި ފަރުދުންގެ މުއާމަލާތްތަކާއި ހަރަކާތްތަކަށް ފާރަލުން ވަރުގަދަކުރެވޭނެ ކަމަށެވެ. އަދި މިފަދަ ޖާސޫސީ މައުލޫމާތުތަކުގެ ސަބަބުން، ގައުމުތަކުގެ މުހިންމު އުމްރާނީ ވަސީލަތްތަކާއި ނިޒާމުތަކުގެ ތެރެއަށް ސިއްރިއްޔާތުގައި ވަދެގަނެ، ބޮޑު ނުރައްކަލެއް ކުރިމަތިކުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

އޭނާ އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، އެއްކުރެވޭ މައުލޫމާތާއި އޭއައި ޓެކްނޮލޮޖީ އެއްކޮށްލައިގެން، ސިޔާސީ މަސްރަހަށް ނުފޫޒު ފޯރުވުމުގެ މަސައްކަތްތައް ޗައިނާއިން ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. އެގޮތުން މުޖުތަމައުގެ ތެރޭގައި ހުރި ޚިޔާލު ޚިލާފުވުންތައް ދެނެގަތުމަށްފަހު، އޭއައި އުފެއްދުންތަކާއި، ސޯޝަލް މީޑިއާ އޮޕަރޭޝަންތައް ބޭނުންކޮށްގެން އާންމުންގެ ޚިޔާލު ބަދަލުކުރުމަށް މަސައްކަތްކުރެއެވެ.

ހިއްސާ ކުރައްވާ!