އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓް ބަންދުކޮށްފިނަމަ އިސްރާއީލު ޑިޕްލޮމެޓުން ބޭރުކޮށްލާނެ ކަމުގެ އިންޒާރު ދީފި

އިސްރާއީލުން އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ބަންދުކުރުމަށް ނިންމައިފިނަމަ، އިނގިރޭސިވިލާތުގައި ތިބި އިސްރާއީލުގެ ޑިޕްލޮމެޓުން އެ ގައުމުން އަނބުރާ ފޮނުވާލުމަށް އިނގިރޭސި ސަރުކާރުން ނިންމައިފި އެވެ.

މި ދެ ގައުމުގެ މެދުގައި ސިޕްލޮމެޓިކް ނުތަނަވަސްކަން ބޮޑުވެގެންދިޔައީ، ހުޅަނގު އައްސޭރި ގައި އިސްރާއީލުން ޣައިރުގާނޫނީ ގޮތުގައި ވަޒަންވެރިވެގެން އުޅޭ މީހުން އުފައްދާ މުދާ އިނގިރޭސިވިލާތަށް އެތެރެކުރުން މަނާކުރުމަށް އިނގިރޭސިވިލާތުން ނިންމުމާ ގުޅިގެންނެވެ. އެ ނިންމުމާ ގުޅިގެން އިސްރާއީލުން ވަނީ އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓް ބަންދުކުރުމަށާއި އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ފޮނުވާލުމަށް 30 ދުވަހުގެ މުހލަތެއް ދީފަ އެވެ. އެ މުހލަތު މި ހަފުތާގެ ބުރާސްފަތި ދުވަހަށް ހަމަވާނެ އެވެ.

އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން ކޮންސިއުލޭޓް ބަންދުކޮށްފިނަމަ، އިނގިރޭސިވިލާތުން ރައްދުގައި ލަންޑަނުގައި ހުންނަ އިސްރާއީލު އެމްބަސީގައި ތިބި އިސްރާއީލުގެ 30 ވަރަކަށް ޑިޕްލޮމެޓުން ގައުމުން އަނބުރާ ފޮނުވާލާނެ އެވެ.

އިރުމަތީ ގުދުސްގެ ޝެއިޚް ޖައްރާހު އަވަށުގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓަކީ އިސްރާއީލު އުފެދުމުގެ ކުރިން، ވޭތުވެދިޔަ 200 ވަރަކަށް އަހަރު ކުރިއްސުރެ އެ ސަރަހައްދުގައި ހިންގަމުން އަންނަ ތަނެކެވެ. އެ ކޮންސިއުލޭޓުން މައިގަނޑު ގޮތެއްގައި ބަލަހައްޓަނީ ފަލަސްތީނުގެ ސަރަހައްދުތަކާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުންތަކުގެ އިތުރުން ފަލަސްތީނު ރައްޔިތުންނަށް ދޭ ކޮންސިއުލާ ޚިދުމަތްތަކެވެ.

މި މައްސަލައިގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާރ ބުނެފައިވަނީ، އިނގިރޭސިވިލާތުން އެޅި ފިޔަވަޅުތަކަކީ އިސްރާއީލުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގި އަމަލެއް ކަމަށެވެ. އަދި އިސްރާއީލާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކަށް އެކަށީގެންވާ ރައްދެއް ދޭނެ ކަމަށް އިސްރާއީލުގެ މަސްއޫލުވެރިން ވަނީ އިންޒާރު ދެއްވާފަ އެވެ.

މި ނުތަނަވަސްކަން ހައްލުކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯނަތަން ޕަވަލް ވަނީ މިދިޔަ ހަފުތާގައި ސިއްރިއްޔާތުގައި އިސްރާއީލަށް ޒިޔާރަތްކުރައްވާފަ އެވެ. ނަމަވެސް އެ މަޝްވަރާތަކުން އަދި އެދެވޭ ނަތީޖާއެއް ލިބިފައެއް ނުވެ އެވެ. މީގެއިތުރުން އިނގިރޭސިވިލާތުން ވަނީ ވިލާތުގެ ގައުމުތައް މެދުވެރިކޮށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުމަށްވެސް މަސައްކަތްކޮށްފަ އެވެ.

އިނގިރޭސިވިލާތުން ބުނެފައިވަނީ އިސްރާއީލުން ހުޅަނގު އައްސޭރި ގައި ކުރިއަށްގެންދާ ވަޒަންވެރިކުރުވުމުގެ މަޝްރޫއުތަކާއި ޣައްޒާ ގައި ހިންގަމުންދާ ހަމަލާ ތަކުގެ ސަބަބުން ދެ ގައުމުގެ ހައްލަށް އޮތް ފުރުސަތު ހަނިވަމުންދާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އދ އާއި ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ގޮތުގައި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އިސްރާއީލުން ހިންގާ ވަޒަންވެރިކުރުވުމުގެ ހުރިހާ މަޝްރޫއުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފް އަމަލުތަކެކެވެ.

ހިއްސާ ކުރައްވާ!