އިތިއޯޕިއާގެ އިރުއުތުރުގެ ސަރަހައްދުތަކުގައި ސިފައިންނާއި އިދިކޮޅު ހަތިޔާރުއެޅި ޖަމާއަތްތަކާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވެ، މުޅި އިރުމަތީ އެފްރިކާގެ މަސްރަހު ނުރައްކާތެރި ސަރަހައްދީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި "ތިގްރޭ ޕީޕަލްސް ލބަރޭޝަން ފްރަންޓް" (ޓީޕީއެލްއެފް) ގެ ސިފައިން އިތިއޯޕިއާގެ އުތުރުގެ ސަރުކާރުގެ އަސްކަރީ މަރުކަޒުތަކަށް އަތްގަދަކުރީ، ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި 7 ޖަމާއަތެއް ގުޅިގެން "އިތިއޯޕިއަން ޕީޕަލްސް ފޯސަސް އެލަޔަންސް ފޯ ސަވައިވަލް" ގެ ނަމުގައި އާ އިއްތިހާދެއް އުފެއްދިކަން އިއުލާނުކުރިތާ ތިން ދުވަސް ފަހުންނެވެ. މިއާއެކު، އިތިއޯޕިއާގެ މައި ސަރުކާރާއި އަވައްޓެރި އެރިޓްރިއާއާ ދެމެދު އޮތް ގުޅުންވެސް ވަނީ ގޯސްވެފައެވެ.

މިހާރު ހިނގަމުންދާ ނުރައްކާތެރި ކުރިމަތިލުންތަކަކީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޕްރިޓޯރިއާގައި ސޮއިކުރި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، ސިޔާސީ ގޮތުން ހައްލުކުރަންޖެހޭ އަސާސީ މައްސަލަތަކަށް ސަރުކާރުން އިހުމާލުވުމުގެ ނަތީޖާއެކެވެ. ދެ އަހަރު ދުވަސް ވެގެންދިޔައިރުވެސް ގާނޫނީ އަދި ސިޔާސީ ޚިލާފްތަކަށް ހައްލެއް ނުހޯދި، މުސްލިމުން ގިނަ ތިގްރޭ ސަރަހައްދަށް ދޭންޖެހޭ މާލީ އެހީތައް ހިފަހައްޓައި، ސިވިލް ސާވަންޓުންގެ މުސާރަ ނުދެވޭގޮތް ހެދުމުން މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ. މީގެއިތުރުން އޮގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އިތިއޯޕިއާ ސިފައިން ވަނީ ޑްރޯން އަދި ވައިގެ ހަމަލާތައް ދީ، ތިގްރޭގެ ސްކޫލްތަކަށާއި، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި، ކާބޯތަކެތީގެ އެހީ އުފުލާ އުޅަނދުތަކަށް ހަމަލާދީފައެވެ.

އިތިއޯޕިއާގެ ސަރުކާރުގެ ބޮޑުވަޒީރު އާބީ އަޙްމަދު (ކްރިސްޓީއަނެއް)ގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި، އިދިކޮޅު ހަތިޔާރުއެޅި އާ އިއްތިހާދަށް އެހީތެރިކަން ފޯރުކޮށްދެނީ އަވައްޓެރި އެރިޓްރިއާ އާއި ސޫދާނުންނެވެ. ނަމަވެސް އެ ދެ ގައުމުންވެސް މި ތުހުމަތުތައް ދޮގުކުރެއެވެ. އަނެއްކޮޅުން، ސޫދާނުގެ ސިފައިން ދަނީ ސޫދާނުގެ ދާޚިލީ ހަނގުރާމައިގައި ހަރަކާތްތެރިވާ "ރެޕިޑް ސަޕޯޓް ފޯސަސް" އަށް އިތިއޯޕިއާއިން އެހީވާ ކަމަށް ތުހުމަތުކުރަމުންނެވެ.
މި ކުރިމަތިލުންތަކުގެ ސަބަބުން ސަރަހައްދީ ސެކިއުރިޓީއަށް ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ. އެންމެ ބޮޑު ނުރައްކަލަކީ، ކަނޑަށް ނުކުމެވޭނެ މަގެއް ނެތް އިތިއޯޕިއާއިން އެރިޓްރިއާގެ އަސަބް ބަނދަރު ބާރުގެ ބޭނުންކޮށްގެން ހިފާނެކަމުގެ އިޝާރާތެއް ދިނުމާ ގުޅިގެން، އިތިއޯޕިއާ އާއި އެރިޓްރިއާއާ ދެމެދު ސީދާ ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑުވުމެވެ. މީގެއިތުރުން، އިތިއޯޕިއާގެ ވިޔަފާރީގެ މައިގަނޑު މަގު ކަމުގައިވާ ޖިބޫޓީގެ ހައިވޭއާއި ރޭލު މަގުތަކަށް ހަމަލާތަކުގެ އަސަރުކޮށްފިނަމަ، މުޅި ސަރަހައްދުގެ އިގްތިސާދަށް އޭގެ ބޮޑު ލޮޅުމެއް އަންނާނެއެވެ.






