އޮކްޓޯބަރު 7 ގައި އިސްރާއީލަށް ހަމާސް އިން ދިން ހަމަލާއަކީ ފަލަސްތީނުގެ ބިންތައް އެތައް އަހަރަކަށް ހިސާރަކުރަމުން ދިޔަ އިސްރާއީލުގެ އިސްތިއުމާރީ ބާރާއި، އަދި ނަސްލު ނައްތާލުމުގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށާއި، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމަށް އެމެރިކާއާއި މެދުވެރިން އިސްރާއީލަށް މަޖުބޫރުކުރުވުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ގޮވާލައިފި އެވެ.
އޮކްޓޯބަރު 7 ގެ ހާދިސާއަށް އަހަރުފުރުމާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލްއަގްސާ ޠޫފާން ގެ ނަމުގައި ހިންގި މި ހަރަކާތަކީ ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް ދުނިޔެއިން އިންކާރުކޮށް، އަލްއަޤްޞާ މިސްކިތް ނިގުޅައިގަތުމަށް އިސްރާއީލުން ކުރަމުންދިޔަ މަސައްކަތްތަކާ ދެކޮޅަށް ފެށި ޖިހާދެއް ކަމަށެވެ. އަދި މިއީ ފަލަސްތީނުގެ މައްސަލަ ނައްތާލުމަށް ރޭވި ރޭވުންތައް ފުނޑުފުނޑުކޮށްލި ހިތްވަރުގަދަ އަމަލެއް ކަމަށްވެސް އެ ޖަމާއަތުން ފާހަގަކުރެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ މި ބަޔާނުގައި، ޣައްޒާ އާއި ހުޅަނގު އައްސޭރި އަދި ގުދުސްގައި ތިބި ފަލަސްތީނު ރައްޔިތުންގެ ސާބިތުކަމަށް ތައރީފުކޮށް ހެޔޮ އެދުންތައް ފޮނުވާފައިވެއެވެ. އަދި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން އަދާކުރަންޖެހޭ އިލްތިޒާމްތައް ތަންފީޒުކުރުވުމާއި، ޣައްޒާއަށް އެހީ ފޯރުކޮށްދީ، އެ ސަރަހައްދު އަލުން އާބާދުކޮށް ހަނގުރާމަ މުޅިން ނިންމުމުގެ މަސްއޫލިޔަތު އެމެރިކާއާއި މެދުވެރިން އުފުލަންޖެހޭނެ ކަމަށް ހަމާސްއިން ބުނެފައިވެއެވެ.
ހަމާސްއިން ތުހުމަތުކުރާ ގޮތުގައި، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދަނީ "ހިމޭން ނަސްލު ނައްތާލުމުގެ" އަމަލުތައް ހިންގަމުންނެވެ. އެގޮތުން އެއްބަސްވުމަށްފަހުވެސް ޣައްޒާއިން 1,500 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްފައިވާ ކަމަށް އެ ޖަމާއަތުން ބުނެއެވެ. މީގެއިތުރުން ހުޅަނގު އައްސޭރި އާއި ގުދުސްގައި އިސްރާއީލުގެ ސިފައިން ދަނީ ރޭޑުތައް ހިންގައި، އާންމުން ހައްޔަރުކޮށް، ގެދޮރު ސުނާމީއެއްފަދައިން ބިމާ ހަމަކުރަމުންނެވެ.
ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 74,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރުވެ، 175,000 މީހުން ޒަޚަމްވެފައިވާކަން ފާހަގަކޮށް، ހަމާސްއިން ބުނީ މިއީ ބައިނަލްއަގުވާމީ ކޯޓުތަކުގައި މާފުކުރެވޭނެ ޖަރީމާތަކެއް ނޫން ކަމަށެވެ. އެއާއެކު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ އިސް ލީޑަރުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އާއި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހާޒިރުކޮށް، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެ ޖަމާއަތުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.
އިސްރާއީލާ ދެކޮޅަށް ކުރިއަށްދާ ބައިނަލްއަގުވާމީ ބޮއިކޮޓް ކެމްޕޭންތަކަށް ތައުރީފުކުރަމުން ހަމާސްއިން ބުނީ، އިސްރާއީލުން ހިންގާ ޖަރީމާތަކުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުގެ މެދުގައިވެސް އެ ގައުމަށް އޮތް ތާއީދު ކުޑަވެ، އިސްރާއީލަކީ އަޚްލާގީ އަދި ސިޔާސީ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައަށް އޮތް ބުރައަކަށް ވެފައިވާ ކަމަށެވެ. އަދި ފަލަސްތީނުގެ އެކި ޖަމާއަތްތައް ގުޅިގެން އިސްރާއީލުގެ ސިޔާސަތުތަކާ ދެކޮޅަށް މައިދާން ގައި ވަރުގަދަ އެކުވި ސްޓްރެޓެޖީ އެއް އެކުލަވާލުމަށްވެސް ހަމާސްއިން ވަނީ އިލްތިމާސްކޮށްފައެވެ.






