އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ސެޓެލައިޓް ފޮޓޯތައް ދިރާސާކުރުމަށްފަހު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، އިސްރާއީލް ސިފައިން ދަނީ ފަލަސްތީނުގެ ޣައްޒާގެ ދެކުނުގެ ރަށްތަކާއި އަވަށުތައް ސިސްޓަމެޓިކްކޮށް ބިމާ ހަމަކުރަމުންނެވެ. ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ފަހުން އަހަރެއް ވެގެންދިޔައިރުވެސް، ބުލްޑޯޒަރުތަކާއި ގޮވާތަކެތި ބޭނުންކޮށްގެން އިމާރާތްތައް ސުނާމީއެއްފަދައިން ސާފުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، އިސްރާއީލް ސިފައިން ވަނީ ޣައްޒާގެ މުޅި ސަރަހައްދުގެ 60 އިންސައްތައަށްވުރެ ބޮޑު ބައެއްގެ މައްޗަށް އެމީހުންގެ ކޮންޓްރޯލް ވަރުގަދަކޮށްފައެވެ.
އޮކްޓޯބަރު 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކުނަށް ފެށި ހަނގުރާމައަށްފަހު، އެ ސަރަހައްދުގައި ދިރިއުޅޭ 2 މިލިއަނަށްވުރެ ގިނަ ފަލަސްތީނުން ދަނީ އިންސާނީ ބޮޑު ކާރިސާއެއް ތަހައްމަލުކުރަމުންނެވެ. ހަނގުރާމައިގެ ކުރީގެ އާބާދީގެ ކޮންމެ 10 މީހަކުން އެކަކު އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި މަރުވެ ނުވަތަ ޒަޚަމްވެފައިވާއިރު، ގާތްގަނޑަކަށް ހުރިހާ އާއިލާއަކުންވެސް ވަނީ ގެދޮރު ދޫކޮށް އެކި ސަރަހައްދުތަކަށް އެތައް ފަހަރަކު ހިޖުރަކުރަންޖެހިފައެވެ. ސަރަހައްދުގެ މުޅި އާބާދީ ކަހަލަ ގޮތަކަށް ގެދޮރު ނެތިގޮސްފައިވާއިރު، މުޅި ޣައްޒާ އޮތީ ދުނިޔޭގައިވާ އެންމެ ބޮޑު ޓެންޓު ސިޓީއަށް ބަދަލުވެފައެވެ.
ސުލްހައިގެނަމުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ބޮޑެތި ކުރިމަތިލުންތައް ހުއްޓުނު ނަމަވެސް، އިސްރާއީލުން ދަނީ ހަމާސްގެ މެންބަރުންނަށް އަމާޒުކޮށް ކަމަށްބުނެ ކޮންމެ ދުވަހަކުވެސް ޓެންޓުތަކަށާއި، ކާރުތަކަށާއި، ކައިރީގައިވާ އިމާރާތްތަކަށް ހަމަލާދެމުންނެވެ. މި ހަމަލާތަކުގައި އާންމުކޮށް މަރުވަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އޭގެއިތުރުން، އިސްރާއީލުން އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ޣައްޒާއަށް އެތެރެކުރުން މަނާކޮށްފައިވާތީ، އާންމުންނަށް އެމީހުންގެ ގެދޮރު އާބާދުކުރުމުގެ ފުރުސަތެއް ނުލިބެއެވެ. ޣައްޒާ އަލުން އާބާދުކުރުމަށް އެމެރިކާއިން އިސްނަގައިގެން އެކުލަވާލި "ބޯޑު އޮފް ޕީސް" ގެ ރޯޑްމެޕް އިސްރާއީލުން ދެކޮޅު ހެދުމާ ގުޅިގެން، ޣައްޒާ އާބާދުކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެއެވެ.
ޕްލެނެޓް ލެބްސް ޕީބީސީގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، އިސްރާއީލް ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުގައި ހުރި ގާތްގަނޑަކަށް ހުރިހާ އިމާރާތެއް ވަނީ ބުލްޑޯޒަރު ބޭނުންކޮށްގެން ނުވަތަ ގޮއްވާލައިގެން ސާފުކޮށްފައެވެ. އދ އިން ކަނޑައަޅާފައިވާ މާހިރަކު ފެބްރުއަރީ މަހު ނެރުއްވި ރިޕޯޓެއްގައި ވިދާޅުވެފައިވަނީ، ޣައްޒާގެ އާންމުންގެ ގެދޮރާއި އިންފްރާސްޓްރަކްޗާ ހަލާކުކޮށްލާފައިވާ މިންވަރަކީ 20 ވަނަ ގަރުނުން ފެށިގެން މިހާތަނަށް ޒަމާނީ ހަނގުރާމައެއްގައި ފެނިފައިނުވާފަދަ ނުރައްކާތެރި މިންވަރެއް ކަމަށެވެ. އަދި މިއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް ނުވަތަ ނަސްލު ނައްތާލުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމަށްވެސް އެ ރިޕޯޓުގައި އިންޒާރުދީފައިވެއެވެ.
ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އިސްރާއީލުން ވަނީ ޣައްޒާގެ ތެރޭގައި މަދުވެގެން ސިފައިންގެ 50 އައުޓްޕޯސްޓް ގާއިމުކޮށްފައެވެ. މީގެ ތެރެއިން 18 އައުޓްޕޯސްޓަކީ ހަމަލާތައް ހުއްޓާލިފަހުން ބިނާކޮށްފައިވާ ތަންތަނެވެ. ރަފަހުގެ ގާތްގަނޑަކަށް ހުރިހާ ސަރަހައްދެއް ބިމާ ހަމަކޮށްފައިވާއިރު، ބަނީ ސުހައިލާ އަދި ޖަބާލިޔާގެ އުތުރުގެ ސަރަހައްދުތަކުގައިވާ ހޮސްޕިޓަލްތަކާއި އދ ން ހިންގާ ސްކޫލްތައްވެސް ވަނީ ފުނޑުފުނޑުކޮށްލާފައެވެ.
މީގެއިތުރުން، ޣައްޒާގެ އިގްތިސާދު ވަނީ މުޅިން ހަލާކުވެފައެވެ. ގިނަ އާއިލާތަކެއް ބަރޯސާވަނީ ބައިނަލްއަގުވާމީ އެހީ އަށެވެ.






