އިސްރާއީލާ ގުޅުން އޮތް ކަމަށް ބުނެ "ވޭޒް" އެޕްލިކޭޝަން ބޭނުންކުރުން މަނާކޮށްފި

އިސްރާއީލުގައި އުފައްދާފައިވާ ފާރަލާ އަދި މެޕިންއާއި ނެވިގޭޝަން އެޕްލިކޭޝަން "ވޭޒް" އިރާގުގައި ބޭނުންކުރުން މަނާކުރުމަށް ނިންމާފައިވާ ތާރީޚު އަވަސްކޮށް، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އެ އެޕްލިކޭޝަން ބްލޮކްކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އިރާގުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުސްތަފާ ސަނަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކުރިން 2027 ވަނަ އަހަރުގެ އަހަރީ ފެށުމާއެކު "ވޭޒް" ބޭނުންކުރުން މަނާކުރުމަށް ނިންމި ނިންމުން ބަދަލުކޮށް، ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ނިޔަލަށް އެ މުއްދަތު އަވަސްކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

މިނިސްޓަރު ސަނަދު ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ގޫގުލް ކުންފުނިން 2013 ވަނަ އަހަރު "ވޭޒް" ގަނެފައިވީ ނަމަވެސް، އެ އެޕްލިކޭޝަންގެ އޮޕަރޭޝަންތައް އަދިވެސް ހިންގަމުންދަނީ އިސްރާއީލުންނެވެ. އަދި ޣައްޒާ ގައި އިސްރާއީލުން ހިންގަމުންދާ ސިފައިން ގެ ހަރަކާތްތަކަށް މާލީ ގޮތުންނާއި މައުލޫމާތުގެ ގޮތުން "ވޭޒް" އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އިރާގު ސަރުކާރުން ތުހުމަތުކުރެއެވެ.

އިރާގުގެ އާންމުންގެ މެދުގައި "ވޭޒް" ބޭނުންކުރާ މިންވަރު އިތުރު ނަމަވެސް، "ގޫގުލް މެޕްސް" އާއި އިރާގުގެ އަމިއްލަ ނެވިގޭޝަން އެޕްލިކޭޝަންތައް ފަދަ އެހެން ބަދަލުތައް ލިބެން ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ މި ނިންމުމާއެކު މީސް މީޑިއާ ގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާއިރު، މި ނިންމުމަށް އާންމުންގެ ދެކޮޅުވެރިކަން ބޮޑުވާނަމަ، އެޕްލިކޭޝަން މަނާކުރުން ވަގުތުން ވަގުތަށް ތަންފީޒުކުރަން ފަސްނުޖެހޭނެ ކަމަށްވެސް ސަނަދު ވަނީ އިންޒާރު ކުރައްވާފައެވެ.

2006 ވަނަ އަހަރު "ފްރީމެޕް" ގެ ނަމުގައި އިސްރާއީލުގައި އުފެއްދި "ވޭޒް" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަހަކު 180 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ މަގުބޫލު އެޕްލިކޭޝަނެކެވެ. މަގުމަތީގެ ތޮއްޖެހުމާއި، އެކްސިޑެންޓްތަކުގެ މައުލޫމާތު ވަގުތުން ވަގުތަށް އާންމުންގެ އެހީތެރިކަމާއެކު ފޯރުކޮށްދޭ މި އެޕްލިކޭޝަން ގޫގުލްއިން ގަތުމަށްފަހުވެސް، އޭގެ ޑިވެލޮޕްމަންޓް ޓީމު ހަރަކާތްތެރިވަނީ އިސްރާއީލުގައެވެ.

އިރާގު ސަރުކާރުގެ މި ފިޔަވަޅަކީ އިސްރާއީލާއެކު ސިޔާސީ، އިގްތިސާދީ ނުވަތަ ސަގާފީ އެއްވެސް ގުޅުމެއް ގާއިމުކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި 2022 ވަނަ އަހަރު އިރާގުގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރި ގާނޫނުގެ ދަށުން އެޅި ފިޔަވަޅެކެވެ. މީގެ ކުރިންވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް އޮތް ނުރައްކާތަކާ ގުޅިގެން "ރޮބްލޮކްސް" ގޭމިން ޕްލެޓްފޯމް އިރާގުގައި މަނާކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!