ފަލަސްތީނުގެ އިންތިޚާބު 2027 އަށް ފަސްކުރުމަށް ގަރާރެއް ނެރުއްވައިފި

ފަލަސްތީނުގެ ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު އެއްވަގުތެއްގައި ބޭއްވުމަށްޓަކައި، އަންނަ 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 އަށް ފަސްކުރުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އަައްބާސް ހޮނިހިރު ދުވަހު ރިޔާސީ ގަރާރެއް ނެރުއްވައިފިއެވެ.

ޕާލަމެންޓް އިންތިޚާބު އެކަނި އަންނަ ނޮވެމްބަރު 28 ގައި ބޭއްވުމަށް ކުރިން ނެރުއްވި ގަރާރު ބާތިލުކުރައްވައި، އަައްބާސް ނެރުއްވި މި އާ ގަރާރަކީ ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ އެކްޒެކެޓިވް ކޮމިޓީގެ ނިންމެވުމުގެ މައްޗަށް ބިނާކޮށް ނެރުއްވާފައިވާ ގަރާރެކެވެ. ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ "ވަފާ" އިން ރިޕޯޓުކުރި ގޮތުގައި، މި ނިންމެވުން ނިންމެވީ ސިޔާސީ ޕާޓީތަކާއި ޖަމާއަތްތަކާއެކު ބޭއްވި ގައުމީ މަޝްވަރާތަކަށްފަހު، މިހާރު އޮތް ހާލަތުގައި މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްތަކެއް ހުރުމުންނެވެ.

އިންތިޚާބު ލަސްކުރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ދެމުންދާ ހަމަލާތަކާއި، ވަޒަންވެރިންގެ އުދަނގޫތަކާއި، އަދި ދަތުރުފަތުރުކުރުމަށް އަޅާފައިވާ ހުރަސްތައް ހިމެނެއެވެ. މީގެއިތުރުން، ޣައްޒާ ގައި ސަލާމަތީ އަދި އިންސާނީ ހާލަތު ގޯސްވެފައިވުމާއި، އދ ގެ ސެކިއުރިޓީ ކައުންސިލުގެ ގަރާރު 2803 ގެ ދަށުން ބައިނަލްއަގުވާމީ ސަލާމަތީ ބާރުތައް ގާއިމުކުރެވިފައި ނުވުމާއި، އަދި އިސްރާއީލުގެ ސިފައިން ފުރިހަމައަށް ޣާއްޒާއިން ފޭބުމުގެ ކަންކަން ފުރިހަމަ ނުވުން "ވަފާ" އިން ފާހަގަކޮށްފައިވެއެވެ.

އިންތިޚާބީ ކަންކަން ބަލަހައްޓާ ސެންޓްރަލް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނާއި ބައިނަލްއަގުވާމީ އޮބްޒާވަރުންނަށް ޣައްޒާ އާއި އިރުމަތީ ގުދުސްއަށް ވަނުމަށް އިސްރާއީލުން ހުރަސްއަޅަމުންދިއުމަކީ އެންމެހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭ ފަދަ އިންތިޚާބެއް ބޭއްވުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މިއާއެކު، އާ ގަރާރުގެ ދަށުން ސެންޓްރަލް އިލެކްޝަންސް ކޮމިޝަނުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޚާބުގެ ތައްޔާރީތައް ކުރިއަށްދާނެއެވެ.

ފަލަސްތީނުގެ ނައިބު ރައީސް ހުސައިން އަލްޝައިޚް ކުރިން ވިދާޅުވެފައިވަނީ، އިސްރާއީލުގެ ހުރަސްތަކާ ހުރެ ޣައްޒާ ނުވަތަ އެހެން ސަރަހައްދެއްގައި އިންތިޚާބު ނުބޭއްވިއްޖެ ނަމަ، ބަދަލު ޕްލޭނަކީ ޕީއެލްއޯގެ ދަށުން އެއްބަސްވުމެއްގެ ތެރެއިން ނޭޝަނަލް ކައުންސިލް އެކުލަވާލުން ކަމަށެވެ. ފަލަސްތީނުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 2.97 މިލިއަން މީހުން ތިބިއިރު، އޭގެ ތެރޭގައި ހުޅަނގު އައްސޭރީގެ 1.59 މިލިއަން މީހުންނާއި، ޣައްޒާގެ 1.24 މިލިއަން މީހުން އަދި ގުދުސްގެ 140،000 މީހުން ހިމެނެއެވެ.

ފަލަސްތީނުގައި އެންމެ ފަހުން ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބެއް ބާއްވާފައި ވަނީ 2006 ވަނަ އަހަރުއެވެ. އެ އިންތިޚާބު ހަމާސްއިން ކާމިޔާބުކުރުމަށްފަހު، 2007 ގައި އުފެދުނު މައްސަލަތަކުގައި ޣައްޒާގެ ކޮންޓްރޯލް ހަމާސްއިން ނެގިއިރު، ހުޅަނގު އައްސޭރި ބަލަހައްޓަމުންދަނީ ފަތަހް ޖަމާއަތުން އިސްވެއޮންނަ ފަލަސްތީނިއަން އޮތޯރިޓީންނެވެ. އޭގެފަހުން ޕާލަމެންޓުގެ މަސައްކަތްތައް ހުއްޓި، 2018 ގައި ސުޕްރީމް ކޮންސްޓިޓިއުޝަނަލް ކޯޓުން ވަނީ އެ މަޖިލީސް އުވާލާފައެވެ.

ހިއްސާ ކުރައްވާ!