އޮކްޓޫބަރު މަހަކީ ޕާކިސްތާންގެ ތާރީޚުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާ މަސް

ޕާކިސްތާނުގެ މަރުކަޒީ ސަރުކާރުން އެ ގައުމުގެ އުތުރުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ގަވަރުނަރުގެ ވެރިކަން ގާއިމުކުރުމާ ގުޅިގެން، އެ ގައުމުގެ ސިޔާސީ އަދި ގާނޫނީ މާހިރުންނާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި، އޭނާގެ ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ވެރިރަށް އިސްލާމްއާބާދަށް ބޮޑު މާޗެއް ފެށުމަށް ތައްޔާރުވަމުންދަނިކޮށް ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން، ޕާކިސްތާނުގެ ޑިމޮކްރެޓިކް ނިޒާމަށް އިތުރު ނުރައްކާތަކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު ސިޔާސީ ތަޖުރިބާކާރުން ދަނީ ދެމުންނެވެ.

ކައިބަރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ބޮޑުވަޒީރު ޝެހެބާޒު ޝަރީފްގެ ރިޔާސަތުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޚާއްސަ ބައްދަލުވުމަކަށް ފަހުއެވެ. ވަޒީރުންގެ މަޖިލީހުން ވަނީ ޚައިބަރު ޕްރޮވިންސްގެ ސަރުކާރުން ނިރުބަވެރިކަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ގަސްދުގައި ބައިވެރިނުވާ ކަމަށް ބުނެ، އެ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމަށް ރައީސް އާސިފް އަލީ ޒަރުދާރީއަށް ލަފާދީފައެވެ. އަދި ރައީސް ޒަރުދާރީ އެ ގަރާރުގައި ސޮއިކުރެއްވުމާއެކު، އެ ސަރަހައްދުގެ އިންތިޚާބީ ސަރުކާރުގެ ބާރުތައް ވަނީ ހިފެހެއްޓިފައެވެ.

މި ފިޔަވަޅާ ގުޅިގެން ޕާކިސްތާނުގެ ސިޔާސީ އަދި އިޖުތިމާއީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ މީގެ ކުރިންވެސް ތާރީޚުގައި އޮކްޓޯބަރު މަހު އެ ގައުމުގެ ޑިމޮކްރަސީއަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާދިސާތައް ހަނދާންކޮށްދީފައެވެ. މާހިރުން ފާހަގަކުރާ ގޮތުގައި، ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ޕްރޮވިންސްތަކުގެ އިންތިޚާބީ ސަރުކާރުތައް އުވާލައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމަކީ ތާރީޚުގައިވެސް ގައުމަށް އެކަމުން އެއްވެސް ފައިދާއެއް ކުރި ކަމެއް ނޫނެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ޚައިބަރު ޕްރޮވިންސްގެ ސަލާމަތީ އަދި ސިޔާސީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ބުނެއެވެ.

ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ބަޔާނެއް ނެރެފައެވެ. އެ ކޮމިޝަނުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމަކީ ރައްޔިތުންގެ އަސާސީ ހައްގުތައް ހިފެހެއްޓި، ސިޔާސީ ހަމަނުޖެހުންތައް އިތުރަށް ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެއްވެސް އުޒުރަކާ ހުރެ ރައްޔިތުންގެ ހައްގުތައް ހިފެހެއްޓުމުގެ ބަދަލުގައި، ސަރުކާރާއި އިދިކޮޅު ޕީޓީއައިއާ ދެމެދު ސިޔާސީ މަޝްވަރާތައް ވަގުތުން ފެށުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމާއެކު ގާނޫނުއަސާސީގެ 175(3) ވަނަ މާއްދާގެ ބާރު ހިފެހެއްޓިގެންދެއެވެ. މި މާއްދާއަކީ ޝަރުޢީ ނިޒާމާއި ސަރުކާރުގެ ބާރުތައް ވަކިކޮށްދޭ މާއްދާއަށްވާތީ، މި ހާލަތުގައި ސަރުކާރުގެ މަސްއޫލުވެރިންނަށް ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިއީ ގާނޫނުގެ ހުކުމް ބޮލާލައި ޖަހާލުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ގާނޫނީ ވަކީލުން ބުނެއެވެ.

ޝަހްބާޒް ޝަރީފް ސަރުކާރުން އެޅި ފިޔަވަޅަކީ ޕީޓީއައިގެ ސިޔާސީ ނުފޫޒު ކަނޑުވާލުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލެވުނު ނަމަވެސް، މުހައްލިލުން ދެކޭގޮތުގައި މިއީ މަރުކަޒީ ސަރުކާރު އަމިއްލައަށް މަޅިއެއްގައި ޖެހުން ފަދަ ކަމެކެވެ. ސަބަބަކީ، މި ފިޔަވަޅާއެކު ސަރަހައްދީ ސަލާމަތީ ކަންކަމުގެ މުޅި މަސްއޫލިއްޔަތު މަރުކަޒީ ސަރުކާރުގެ ކޮނޑުގައި އެޅިގެންދާއިރު، ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ނުކުޅެދިއްޖެނަމަ އޭގެ މުޅި ޒިންމާ އަންނާނީ އިސްލާމްއާބާދުގެ ސަރުކާރަށް ކަމަށްވާތީއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމާއެކު، ސިފައިން ވަނީ ޚައިބަރު ޕްރޮވިންސްގައި ސެކިއުރިޓީ ވަރުގަދަކޮށް، މުޒާހަރާގެ ބައިވެރިން އިސްލާމްއާބާދަށް އެތެރެވިޔަނުދިނުމަށްޓަކައި މައި މަގުތަކުގައި ކޮންޓޭނަރު ބަހައްޓައިގެން ބަންދުކޮށްފައެވެ. ނަމަވެސް މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ނުރުހުން އިތުރުވެ، ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!