ކަރާޗީގައި އާންމު އެއްވުންތަކާއި މުޒާހަރާތައް ބޭއްވުން މަނާކޮށް ކާފިއު ހިންގަން ފަށައިފި

ޕާކިސްތާނުގެ އިގްތިސާދީ މައި ސިޓީ ކަރާޗީގައި އިމްރާން ޚާންގެ ސަޕޯޓަރުންނަށް މުޒާހަރާތައް ބެއްވިޔަ ނުދިނުމުގެ ގޮތުން އެ ސިޓީގައި ފަސް މީހުންނަށްވުރެ ގިނައިން އެއްވެ އުޅުމާއި މުޒާހަރާކުރުން މަނާކޮށް ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ ދަށުން ކާފިއު ހިންގަން ފަށައިފިއެވެ.

ކަރާޗީގެ ޕޮލިސް ކޮމިޝަނަރު ނެރުއްވި އެންގުމެއްގައިވާ ގޮތުން، 11 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ކަރާޗީ ޑިވިޒަންގެ އެއްވެސް ސަރަހައްދެއްގައި އެއްވުންތަކާއި، މުޒާހަރާތަކާއި، އިހުތިޖާޖަށް އިށީންދެތިބުން ފަދަ ކަންކަން ވަނީ މުޅިން މަނާކޮށްފައެވެ. މި ފިޔަވަޅަކީ ސިޓީގެ މައި މަގުތަކާއި ހަނި ގޯޅިތަކުގައި ބާއްވަމުންދާ މުޒާހަރާތަކުގެ ސަބަބުން ތޮއްޖެހި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ހޮސްޕިޓަލްތަކަށް މީހުން ގެންދިއުމަށް ހުރަސްއެޅެމުންދާތީ އަޅާފައިވާ ފިޔަވަޅެއް ކަމަށް ބުނެއެވެ.

ކޮމިޝަނަރުގެ އިއުލާންގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ އެއްވުންތަކުގެ ސަބަބުން އާންމު ވިޔަފާރިތަކަށާއި އިޖުތިމާއީ ހަރަކާތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ސިޓީގެ ސަލާމަތީ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމުގެ ސީރިއަސް ކަންބޮޑުވުންތައް ސަލާމަތީ ބާރުތަކުން ވަނީ ހުށަހަޅާފައެވެ.

މި ނިންމުން އައިސްފައިވަނީ ޕާކިސްތާނުގެ ސިޔާސީ މަސްރަހު ނުތަނަވަސްވެ، އިދިކޮޅު ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި ގައުމުގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ކުރީގެ ބޮޑުވަޒީރު ހަޖަލު ބަންދު ކުރުމާ ގުޅިގެން އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން، މަރުކަޒީ ސަރުކާރުން ވަނީ އުތުރުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ގަވަރުނަރުގެ ވެރިކަންވެސް ގާއިމުކޮށްފައެވެ.

ހިއްސާ ކުރައްވާ!