ޕާކިސްތާންގެ ތާރީޚީ ސިޔާސީ ނާމާންކަން އަލުން އާވެއްޖެ

ޕާކިސްތާނުގެ މަރުކަޒީ ސަރުކާރުން އެ ގައުމުގެ އުތުރުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ސަރުކާރު އުވާލައި ގަވަރުނަރުގެ ވެރިކަން ގާއިމުކުރުމާ ގުޅިގެން، އެ ގައުމުގެ ތާރީޚުގައި ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން އެކި ފަހަރު މަތިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ހަނދާންތައް އަލުން އާވެގެން ގޮސްފިއެވެ. ރައީސް އާސިފް އަލީ ޒަރުދާރީ ތަސްދީގުކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ނިންމެވުމާއެކު، ޕާކިސްތާނުގެ ޑިމޮކްރެޓިކް ނިޒާމުގެ ކުރިމަގަށް އަނެއްކާވެސް ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ޕާކިސްތާންގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ކައިބަރުގެ ސަރުކާރު އުވާލާ ފައިވަނީ ގާނޫނުއަސާސީގެ 232 ވަނަ މާއްދާއާއި 234 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުއަސާސީގެ 232 ވަނަ މާއްދާއަކީ ހަނގުރާމައާއި އެތެރޭގެ ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމުގެ ބާރު ސަރުކާރަށް ދޭ މާއްދާއެކެވެ. އަދި 234 ވަނަ މާއްދާގެ ދަށުން ގަވަރުނަރުގެ ވެރިކަން ގާއިމުކުރެވެނީ ޕްރޮވިންސްގެ ގާނޫނީ އަދި އިދާރީ ނިޒާމު މުޅިން ހުއްޓުމަކަށް އައުމުންނެވެ. މަރުކަޒީ ސަރުކާރުން ބުނާ ގޮތުގައި ޚައިބަރު ޕްރޮވިންސްގެ ސަރުކާރުން ވަނީ ނިރުބަވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ގަސްދުގައި ބައިވެރިނުވެ، ސަރަހައްދީ ސަލާމަތް ނުރައްކަލުގެ ތެރެއަށް ވައްޓާލާފައެވެ.

ޕާކިސްތާނުގެ ތާރީޚަށް ބަލާއިރު، މަރުކަޒީ ސަރުކާރުން ޕްރޮވިންސްތަކުގެ ބާރުތައް ހިފަހައްޓައި ގަވަރުނަރުގެ ވެރިކަން ގާއިމުކުރުމަކީ އާންމުކޮށް އެކި ދުވަސްވަރު ހިންގާފައިވާ ކަން ކަމެކެވެ.

  • ޕާކިސްތާންގައި އެންމެ ފުރަތަމަ ގަވަރުނަރުގެ ވެރިކަމެއް ގާއިމުކުރެވުނީ 1949 ވަނަ އަހަރުގެ ޖަނަވަރީ މަހު ޕަންޖާބުގައެވެ.
  • އޭގެފަހުން 1951 އިން 1953 އަށް ސިންދުގައި އަދި 1973 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބަލޫޗިސްތާނުގައިވެސް ކުރީގެ ބޮޑުވަޒީރު ޒުލްފިގާރު އަލީ ބުއްޓޫގެ ސަރުކާރުން ވަނީ ގަވަރުނަރުގެ ވެރިކަން ގާއިމުކޮށް، ސިފައިން ނެރެގެން ޚާއްސަ އޮޕަރޭޝަންތަކެއް ހިންގާފައެވެ.

ޚައިބަރު ޕްރޮވިންސްގައި މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން މިފަދަ ހާލަތެއް އިޢުލާނުކޮށްފައިވެއެވެ.

  • އެއީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް 76 ދުވަހުގެ މުއްދަތަކަށާއި،
  • 1994 ވަނަ އަހަރުގެ ފެބްރުއަރީ މަހުން އެޕްރީލް މަހުގެ ނިޔަލަށް ބެނަޒީރު ބުއްޓޫގެ ސަރުކާރުން ސާބިރް ޝާހުގެ ސަރުކާރު ސަސްޕެންޑްކުރުމަށްފަހުގައެވެ.
  • މީގެއިތުރުން 2009 ވަނަ އަހަރު ޕަންޖާބުގައި އަދި 2013 ވަނަ އަހަރު ކުއެޓާގައި ބޮމުގެ ހަމަލާތަކެއްދީ ގިނަ އަދަދެއްގެ މީހުން މަރުވުމާ ގުޅިގެން ބަލޫޗިސްތާނުގައިވެސް ވަނީ ގަވަރުނަރުގެ ވެރިކަން ގާއިމުކޮށްފައެވެ.

ގައުމީ ފެންވަރުގައި މުޅި ގައުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމާއި ސިފައިންގެ ވެރިކަން މާޝައްލޯ ހިންގުމުގެ ކަޅު ތާރީޚެއް ޕާކިސްތާނުގައި އޮތްއިރު:

  • އެންމެ ދިގު މުއްދަތަކަށް ޕާކިސްތާނުން ގާނޫނުހަދާ މަޖިލިސް އުވާލާފައިވަނީ، ޖެނެރަލް ޒިއާއުލް ހައްގުގެ ވެރިކަމުގައި 1977 އިން 1985 އަށް އަދި
  • ޖެނެރަލް ޕަރްވޭޒް މުޝައްރަފްގެ ވެރިކަމުގައި 1999 އިން 2007 އަށް އެވެ.

ސިޔާސީ އަދި ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމަކީ ސިޔާސީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ ހަރުކަށި ސްޓްރެޓެޖީ ތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެ، އާންމު ރައްޔިތުންގެ އެއްބައިވަންތަކަމާއި ސުލްހައަށް ހުރަސްތަކެއް ކުރިމަތިވާކަން ތާރީޚުން ސާބިތުވާ ކަމަށް މާހިރުން ދަނީ ބުނަމުންނެވެ.

ހިއްސާ ކުރައްވާ!