ޣައްޒާގެ ސަލާމަތީ ފަރާތްތަކުން ހާމަކުރި ގޮތުގައި އިސްރާއީލު ސިފައިން ވަނީ "ރީނދޫ ރޮނގު ގެ ނަމުން ނަންދީފައިވާ ބޯޑަރުގެ ސަރަހައްދު އިތުރަށް ހުޅަނގަށް ފުޅާކޮށް ފައެވެ. އަދި ޣައްޒާގެ މުޅި ބިމުގެ 70 އިންސައްތައަށްވުރެ ބޮޑު ބައެއް ޔަހޫދީންގެ ސީދާ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ.
އާދީއްތަ ދުވަހުގެ ފަތިހު އިސްރާއީލު ސިފައިން ވަނީ ޣައްޒާ ސިޓީގެ އިރުމަތީގައިވާ ޝުޖާއިއްޔާ ކައިރީގައި، އަރަބި އަދި އިބްރާނީ ބަހުން އިންޒާރުގެ ލިޔުންތައް ލިޔެފައިވާ ރީނދޫ ކުލައިގެ ސިމެންތި ބްލޮކްތަކެއް ބަހައްޓާފައެވެ. މިއީ މީގެ ކުރިން އިސްރާއީލު ސިފައިން ތިބި މަރުކަޒުތަކަށްވުރެ 1800 ފޫޓު އެތެރެއަށް ސަރަހައްދު ޖައްސައި ބިން ހިފުމުގެ މަސައްކަތެކެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން އިއުލާނު ކުރި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން، އިސްރާއީލު ސިފައިން ވަގުތީގޮތުން ތިބެންޖެހެނީ ޣައްޒާގެ ގާތްގަނޑަކަށް ދެބައިކުޅައެބައި ކޮންޓްރޯލްކުރެވޭ ފަދަ އިމެއްގެ ތެރޭގައެވެ. ނަމަވެސް ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޚާން ޔޫނިސް، ދޭރުލް ބަލަޙް، އަދި ރަފަޙްގެ ހުޅަނގު އުތުރު ސަރަހައްދުގެ އިތުރުން ބައިތު ލާހިޔާ އަދި ޖަބާލިއާގެ ސަރަހައްދުތަކަށް ޔަހޫދީ ސިފައިން ވަނީ ވަދެ ބިންތައް ހިފާފައެވެ.
މިއާއެކު ޔަހޫދީ ސިފައިން ދަނީ ޝުޖާއިއްޔާ، ޒައިތޫން އަދި ތައްފާހު ސަރަހައްދުތަކުގައިވާ އިމާރާތްތައް ގޮއްވާލައި ބިމާ ހަމަ ކުރަމުންނެވެ. މިކަމަށް ބަޔާން ނެރެ ވާހަކަ ދައްކާ އަރަބި މުސްލިމު ގައުމެއް ނެތެވެ!
މި ކުރިއެރުންތަކާއެކު އާންމު ރައްޔިތުންނަށް އޮތް ނުރައްކާ ވެސް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. އާދީއްތަ ދުވަހުގެ ހެނދުނުވެސް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 8 މީހުން ޒަޚަމްވެފައިވާއިރު، ރީނދޫ ރޮނގާ ކައިރިވާ އާންމުންނަށް އަމާޒުކޮށް ސިފައިންނާއި ޑްރޯންތަކުން ދަނީ ބަޑީގެ ހަމަލާތައް ދެމުންނެވެ.
އދ. ގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގެ ދެ މިލިއަނެއްހާ އާންމު ރައްޔިތުންނަށް ކުރިއަށް އޮތް ފިނިމޫސުމުގެ ކުރިން ފޭލިގެ ފަދަ ވަސީލަތްތައް ބޭނުންވެފައިވާ ކަމަށެވެ. އެލް ނީނޯ މޫސުމީ ބަދަލުތަކުގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ނުރައްކާ ބޮޑުވެފައިވާއިރު، އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެހީގެ ސާމާނު ވަނީ ފަލަސތީީނަށް ނުލިބިފައެވެ.
އައިއޯއެމްގެ ޑިރެކްޓަރު ޖެނެރަލް އެމީ ޕޯޕްވިދާޅުވި ގޮތުގައި، ޣައްޒާގެ އާންމުންގެ ތެރެއިން ފިނިމޫސުމުގެ އެހީތެރިކަން ފޯރުކޮށްދެވިފައިވަނީ އެންމެ 17 އިންސައްތަ މީހުންނަށެވެ.
އިސްރާއީލުން ވަނީ ލަކުޑިއާއި ސަތަރިއާއި ތަރަފާލު ހިމެނޭ 8,800 އަށްވުރެ ގިނަ އިމަޖެންސީ ޝެލްޓަރ ކިޓް ޣައްޒާއަށް އެތެރެކުރުން ހުއްޓުވާފައެވެ. ޣައްޒާގެ 1.8 މިލިއަން މީހުން ދިރިއުޅެމުންދަނީ ފެންބޮޑުވުމުގެ ނުރައްކާ ބޮޑު ސަރަހައްދުތަކުގައެވެ.
ޖެނޮސައިޑް ހަނގުރާމައަށް ތިން އަހަރު ފުރި، ހަތަރުވަނަ އަހަރަކަށް އަޅާފައިވާއިރު، ޣައްޒާގެ 82 އިންސައްތަ އިމާރާތްތައް ވަނީ ހަލާކު ކޮށްފައެވެ.
އދ. ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 200,000 އަށްވުރެ ގިނަ އިމާރާތަށް ގެއްލުންވެ، އޭގެ ތެރެއިން 134,000 އަށްވުރެ ގިނަ އިމާރާތް ވަނީ މުޅިން ސުންނާފަތިކޮށްފައެވެ.
ޣައްޒާގެ ރައްޔިތުން ދަނީ ބަނޑުހައިހޫނުކަމާއި، ބަލިމަޑުކަމާއި، އަދި އާއިލާގެ މެންބަރުން ބައިބައިވުމުގެ ހިތާމަ ތަހައްމަލު ކުރަމުންނެވެ.
ޚާން ޔޫނިސްގެ އަލްމަވާސީ ކޭމްޕްގައި ދިރިއުޅޭ ލަމްޔާ ޔޫނިސް ބުނި ގޮތުގައި، ކައްކާ ގޭސް ނުލިބުމުގެ ސަބަބުން ދަރު އަންދައިގެން ކައްކަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގެ ދެ އިނގިލި ވަނީ ފިހިފައެވެ. އަދި އޭނާގެ ބައްޕައާއި އަންހެންކޮއްކޮ ވަނީ ކާބޯތަކެތި ނުލިބުމުގެ ސަބަބުން ބަނޑަށް މަރުވެފައެވެ.
ނުސައިރާތު ކޭމްޕްގައި ދިރިއުޅޭ ނަޖްވާ އަބޫ އައިތާ ބުނި ގޮތުގައި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޔަހޫދީން ދިން ބޮމުގެ ހަމަލާއެއްގައި އޭނާގެ 7 އަހަރުގެ އަންހެން ދަރިފުޅު މަރުވެ، އެއް ލޯ ވަނީ ގެއްލިފައެވެ. މޫނަށް ލިބުނު ބޮޑެތި ގެއްލުންތަކާއެކު، އޭނާގެ 4 އަހަރުގެ ފިރިހެން ދަރިފުޅު އޭނާގެ މޫނު ފެނުމުން ބިރުގަންނަކަން ހިތާމައާއެކު ފާހަގަކުރިއެވެ.
ޣައްޒާގެ ރައްޔިތުންނަށް ސިޔާސީ މަޝްވަރާތަކާއި އެއްބަސްވުންތަކުން އެއްވެސް އުންމީދެއް ނުލިބޭއިރު، އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުދިންގެ މުސްތަގުބަލާއި، އަމިއްލަ ފަސްގަނޑަށް އަނބުރާ ދެވޭނެ ދުވަހެއް ނޭނގުމެވެ.



