ބޭންކް އޮފް މޯލްޑިވްސްގެ އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން ޓެކްނޮލޮޖީ ދާއިރާއަށް ޚާއްޞަ 25 ފުރުޞަތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
މިއީ ދިވެހި ޒުވާނުންނަށް ބޭންކުގެ ޓެކްނޮލޮޖީ އަދި އެނޫންވެސް ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދައިދިނުމަށް 1 އަހަރު ދުވަހުގެ މުއްދަތަކަށް ފަރުމާކޮށްފައިވާ ޚާއްޞަ ޕްރޮގްރާމެކެވެ. މި އިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް މަހަކު -/11,000 ރުފިޔާގެ އެލަވަންސަކާއި، ރޯދަ އިނާޔަތުގެ އިތުރުން އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި އާއިލީ ޒިންމާގެ ޗުއްޓީގެ ގޮތުގައި 10 ދުވަސް ލިބޭނެއެވެ. މި ފުރުޞަތަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، ޓެކްނޮލޮޖީ ދާއިރާއިން ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ފުރިހަމަކޮށްފައިވާ، ނުވަތަ އެ ދާއިރާއިން ފަންނީ ހުނަރު ހުރި ދިވެހީންނަށެވެ.
ބީއެމްއެލްއިން 2018 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ މާހައުލުން ފުރުޞަތު ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާކުރަމުންދާ ޕްރޮގްރާމެކެވެ. މިހާތަނަށް މި ޕްރޮގްރާމުގެ ހަތް ބެޗެއްގައި 98 އިންޓާނުން ތަމްރީނު ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރެއިން 60 އިންސައްތަ ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ވަނީ ލިބިފައި ވެއެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މާލީ މައިދާނާއި ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާނެ ގާބިލު ދިވެހި ޒުވާނުން އުފެދިގެންދާނެ އެވެ.




