ކުރިއަށްއޮތް އެމެރިކާގެ ދައުރުޔގެ މެދު ތެރެއިން ބާއްވާ އިންތިޚާބުގައި ގާނޫނުހަދާ މަޖިލީހުގެ ދެ ގޭގެ އަޣުލަބިއްޔަތު ރިޕަބްލިކަން ޕާޓީއަށް ލިބިއްޖެނަމަ، އެމެރިކާގެ ކޮންމެ ޑުއަންހެނަކާއި ފިރިހެނަކަށް 5،000 އެމެރިކާ ޑޮލަރުގެ ޗެކެއް ދެއްވާނެކަމުގެ ވައުދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ތަކުރާރު ކުރައްވައިފިއެވެ.
އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ޓްރަމްޕް ވިދާޅުވީ، މިއީ ރިޕަބްލިކަން ޕާޓީގެ އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ގައުމަށް ލިބެމުންދާ މާލީ ކުރިއެރުމުގެ ސީދާ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި އިދިކޮޅު ޑިމޮކްރެޓުން އިންތިޚާބު ކާމިޔާބުކޮށްފިނަމަ، ޓެކްސް ބޮޑުކޮށް ގައުމުގެ އިގްތިސާދު 1929 ވަނަ އަހަރުގެ ބޮޑު ކާރިސާއާ އެއްފަދަ އިގްތިސާދީ ކާރިސާއަކަށް ވައްޓާލާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.
"ރިޕަބްލިކަން ޕާޓީގެ ލީޑަރޝިޕްގެ ދަށުން ގައުމުގެ އިގްތިސާދު އޮތީ މެކުހަށް ޖަހާފަ. ރިޕަބްލިކަނުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި ސެނެޓްގެ އަޣުލަބިއްޔަތު ހޯދައިފިނަމަ، އެމެރިކާގެ ކޮންމެ ރައްޔިތަކަށް 5،000 ޑޮލަރު ދޭނަން. މިއީ އިމްޕޯޓް ޓެރިފްތަކާއި އިގްތިސާދީ ކާމިޔާބީތަކުން ދައުލަތަށް ވަންނަމުންދާ ބޮޑު އާމްދަނީގެ ސަބަބުން ހަމައެކަނި ރިޕަބްލިކަނުންނަށް ކުރެވޭނެ ކަމެއް،" ޓްރަމްޕް ވިދާޅުވިއެވެ.
2026 ވަނަ އަހަރުގެ މިޑްޓަރމް އިންތިޚާބާ ގުޅުވައިގެން ޓްރަމްޕް ހުށަހެޅުއްވި މި ފައިސާއަށް އެއްބަޔަކު ރިޝްވަތު ކަމަށް ސިފަ ކުރެއެވެ. ނަމަވެސް މިއީ "ޓްރަމްޕް ޑިވިޑެންޑް" ކަމަށް އޭނާ އަމިއްލައަށް ސިފަ ކުރެއެވެ.
މި ކަމަށް ޖުމްލަ 1 ޓްރިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާކުރެވެއެވެ. ނަމަވެސް، ފާއިތުވި 15 މަސްދުވަހުގެ ތެރޭގައި އެމެރިކާގެ އިގްތިސާދަށް 21 ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ވަދެފައިވާތީ، މިއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މިފަދަ ބޮޑު މާލީ އެހީއެއް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދެއްވުމުގެ ގޮތުން، ޓްރަމްޕް ވަނީ މީގެ ކުރިން އެމެރިކާގެ ސިފައިންގެ ކޮންމެ މެންބަރަކަށް 1,776 ޑޮލަރުގެ ހަދިޔާއެއް ދެއްވިކަން ފާހަގަކުރައްވާފައެވެ. އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭރު ގިނަ ބަޔަކު ބުނި ކަމުގައި ވީނަމަވެސް، އެކަން ކާމިޔާބުކަމާއެކު ކުރެއްވި ކަމަށާއި، މިފަހަރުވެސް ރައްޔިތުންނަށް އެ ފައިސާ ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.





