އިސްރާއީލު ސޮފްޓްވެއަރ އިން ޕޮލެންޑް ރައްޔިތުންނަށް ޖާސޫސް މޮށްފި

އިސްރާއީލުގެ "ޕެގަސަސް" ސޮފްޓްވެއާ ބޭނުންކޮށްގެން މުޅި ޕޮލަންޑް ފާރަލީ މައްސަލައިގައި ބޮޑުވަޒީރު ޓުސްކް ނުރުހުން ފާޅުކުރައްވައިފިއެވެ.

ޖިނާއީ ކުށްވެރިން އަތުލައިގަތުމުގެ ނަމުގައި ކުރީގެ ލޯ އެންޑް ޖަސްޓިސް (ޕީއައިއެސް) ސަރުކާރުން އިސްރާއީލުގެ ކުންފުންޏަކަށް މި ފުރުސަތު ދިނުމަކީ ދައުލަތާ ދެކޮޅަށް ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

ބޮޑުވަޒީރު ޓުސްކް ހާމަކުރެއްވި ގޮތުގައި، އިސްރާއީލުގެ ކުންފުންޏަކުން އުފެއްދި މި ސޮފްޓްވެއާ ގަތުމަށާއި ބޭނުންކުރުމަށް ޕޮލަންޑުގެ ދައުލަތުގެ ބަޖެޓުން 60 މިލިއަން ޕޮލިޝް ޒްލޯޓީއަށްވުރެ ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ. މީގެ ތެރޭގައި ކުށްތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެހީވުމަށް ހައްދާފައިވާ ޚާއްސަ ފަންޑުން 25 މިލިއަން ޒްލޯޓީއާއި، އިސްރާއީލުގެ ސަޕްލަޔަރަށް ސީދާ ދެއްކި 30 މިލިއަނަށްވުރެ ގިނަ ޒްލޯޓީ ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ކޮމިއުނިޒަމްގެ ސަރުކާރު ވެއްޓުމަށްފަހު ޕޮލަންޑުގެ ސިޔާސީ މައިދާން ދުށް އެންމެ ބޮޑު އެއް ސްކޭންޑަލް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

ޕޮލަންޑުގެ އިންޓެލިޖެންސް އިދާރާތަކާ ހަވާލާދީ ބޮޑުވަޒީރު ވިދާޅުވީ، މުޅި ސިސްޓަމްގެ ފުރިހަމަ ކޮންޓްރޯލް އޮތީ އިސްރާއީލުގެ އިދާރާތަކުގެ އަތްމަތީގައި ކަމަށެވެ. އަދި އެންއެސްއޯ ގްރޫޕާއެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ރަޝިޔާ، ބެލަރޫސް އަދި އުތުރު ކޮރެއާގެ ފޯނު ނަންބަރުތަކަށް ފާރަލުން މަނާކޮށްފައިވީ ނަމަވެސް، ޕޮލަންޑުގެ އިތުރުން ފްރާންސް އާއި ޖަރުމަނުވިލާތުގެ ރައްޔިތުންގެ ފޯނުތަކަށް ފާރަލައި، މައުލޫމާތު ނެގުމުގެ ހުއްދަ ދީފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ސޮފްޓްވެއާ ބޭނުންކޮށްގެން ކުރީގެ ސަރުކާރުން ވަނީ އިދިކޮޅު ސިޔާސީ ލީޑަރުންނާއި، މިނިވަން ޕްރޮސެކިއުޓަރުންގެ އިތުރުން ޕޮލަންޑުގެ އާންމު ރައްޔިތުންގެ އެކި މައުލޫމާތުތައް އެއްވެސް ބެލެހެއްޓުމެއް ނެތި އިސްރާއީލުގެ ކުންފުންޏަށް ތިލަކޮށްދީފައެވެ. ބޮޑުވަޒީރު ޓުސްކް ވަނީ މި ނޭއްގާނީ އަމަލުގައި ބައިވެރިވި އެންމެހައި ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް، ހައްގު އަދަބު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!