ލަދާކަކީ އިންޑިއާގެ ސިޔާދަތީ ބައެއް ކަމަށް އިންޑިއާއިން ބުނެފި

އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ ލަދާކާ ގުޅޭގޮތުން ޗައިނާއިން ދައްކަމުންދާ ވާހަކަތަކަށް އިންޑިއާއިން ރައްދެއްދީފިއެވެ. އިންޑިއާގެ ރަސްމީ މެޕްތަކުގައި ލަދާކްގެ 28 ސަރަހައްދަކާއި ޖިއޮގްރަފީގެ ތަންތަނުގެ ނަންތައް ސްޓޭންޑަޑައިޒްކޮށް އާންމުކުރުމާ ގުޅިގެން ޗައިނާއިން ފާޅުކުރި ކަންބޮޑުވުންތަކަށް ރައްދުދެމުން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނީ ލަދާކަކީ އަބަދުވެސް އިންޑިއާގެ ވަކިނުކުރެވޭނެ ސިޔާދަތީ ބައެއް ކަމަށެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީން ލަދާކުގެ މުހިންމު 28 ސަރަހައްދެއްގެ ނަންތައް ރަސްމީކޮށް ކަނޑައަޅައި، ސާވޭ އޮފް އިންޑިއާގެ ރަސްމީ މެޕްތަކުގައި ހިމެނުމާ ގުޅިގެން ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ނިންމުމާ ދެކޮޅަށް ވާހަކަކޮށްފައެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވީ އިންޑިއާގެ އެ ފިޔަވަޅަކީ ޤާނޫނާ ޚިލާފު އަދި ބާތިލު ކަމެއް ކަމަށާއި، ބޯޑަރުގެ ހުޅަނގު ސަރަހައްދުގައިވާ އެ ސަރަހައްދުތަކަކީ އަބަދުވެސް ޗައިނާއަށް ނިސްބަތްވާ ތަންތަން ކަމަށެވެ.

ނަމަވެސް ޗައިނާގެ މި ތުހުމަތުތައް ދޮގުކުރައްވަމުން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ލަދާކަކީ އިންޑިއާގެ އެންމެ މަތިވެރި ސިޔާދަތީ ބައި ކަމަށާއި ޗައިނާއިން ކޮންމެ އެއްޗެއް ބުންޏަސް އެ ހަގީގަތް ބަދަލުނުކުރެވޭނެ ކަމަށެވެ. އަދި ލަދާކްގެ ތަންތަނަށް ނަންތައް ކަނޑައަޅާފައިވަނީ ލަދާކްގެ ސަރުކާރާއި ސަރަހައްދީ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، އާންމުންނަށް އެ ސަރަހައްދުތައް ރަނގަޅަށް އެނގިގެންދިއުމަށްޓަކައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޮކްޓޯބަރު 2 ވަނަ ދުވަހު އާންމުކުރި މި އަޕްޑޭޓްތަކުގައި 2020 ވަނަ އަހަރު ގަލްވާނުގައި ޕެންގޮންގް ކޯރު ކައިރީގައި ހިނގި ކުރިމަތިލުންތަކަށްފަހު ފާހަގަކުރެވުނު ލައިން އޮފް އެކްޗުއަލް ކޮންޓްރލް (އެލްއޭސީ) ގެ މުހިންމު ސަރަހައްދުތައް ކަމަށްވާ ގޮގްރާ އަދި ހޮޓް ސްޕްރިންގް ފަދަ ސްޓްރެޓެޖިކް ސަރަހައްދުތައް ހިމެނެއެވެ.

ހިއްސާ ކުރައްވާ!